މި ސީޒަން ނިމުމުގެ ކުރިން ސްޕެއިންގެ މިޑްފީލްޑަރު ރޮޑްރީ އެނބުރި ކުޅުމަށް އަންނާނެކަމުގެ ބޮޑު ޔަގީންކަމެއް އެބައޮތް ކަމަށް މެންޗެސްޓާ ސިޓީގެ ކޯޗު ޕެޕް ގާޑިއޯލާ ބުނެފިއެވެ.

މިދިޔަ ސީޒަނުގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމާއެކު ބެލޮންޑިއޯ ހޯދި ރޮޑްރީއަށް އަނިޔާވީ މިދިޔަ ސެޕްޓެމްބަރު މަހުއެވެ. ރޮޑްރީއަށް ލިބުނު އޭސީއެލް އަނިޔާއާއެކު އޭނާ ސާޖަރީއެއް ފުރިހަމަކޮށްފައިވާ އިރު، މިހާރު ދަނީ ޓީމާ ވަކިން އެކަހެރިކޮށް ތަމްރީނުތައް ފުރިހަމަކުރަމުންނެވެ.

"ސަޕޯޓަރުންނަށް އެނގެން ޖެހޭނެ ރޮޑްރީ އެނބުރި އަންނާތީ އުފާވެ، އެކަމަށް އިންތިޒާރުކުރަނީ ސަޕޯޓަރުން އެކަނި ނޫންކަން. އަހަންނަށްވެސް އެއީ ތަފާތު އިހުސާސެއް ކުރެވޭނެ ކަމެއް. ރޮޑްރީ މިހާރު ބޯޅައާއެކު މަސައްކަތް ފަށައިފި. އެއީ އެންމެ މުހިންމު މަރުހަލާ. އަހަރެމެންނާއެކު ތަމްރީނުތަކަށްފަހު މަޑުކޮށްލާ ވަގުތު، ރޮޑްރީގެ ފަރާތުން ފެންނަނީ ވަރަށް އިތުބާރާއެކު ހުންނަތަން،" ކޯޗު ގާޑިއޯލާ ބުންޏެވެ.

ރޮޑްރީއާ ނުލައި ކުޅެން ޖެހުމާއެކު ސިޓީއަށް މި ސީޒަން ވެފައިވަނީ އުނދަގޫ ސީޒަނަކަށެވެ. އެގޮތުން ޕްރިމިއާ ލީގު ތާވަލުގައި މިވަގުތު ސިޓީ އޮތީ ހަތަރު ވަނައިގައެވެ. އެއީ 27 މެޗުން 47 ޕޮއިންޓާއެކުގައެވެ. އެއްވަނައިގައި އޮތް ލިވަޕޫލާއި އެޓީމާ ދެމެދު 20 ޕޮއިންޓުގެ ފަރަގެއް އެބައޮތެވެ.

ޗެމްޕިއަންސް ލީގުންވެސް ސިޓީ ވަނީ ގަދަ 16 އާ ހަމައަށް ނުދެވި ކަޓައިފައެވެ. ޕްލޭ އޮފްގެ ފުރުސަތު ހޯދުނީވެސް ކިރިޔާއެވެ.

"އަހަރެމެން ކުރިން އުންމީދެއް ނުކުރަން މި ސީޒަނުގައި ފެންނާނެ ކަމަކަށް. އެކަމަކު ސީޒަނުގެ ފަހު މެޗުތަކަށް އޭނާ ނުކުންނާނެ ކަމަށް ބެލެވޭ. ކުރިން އުންމީދުކުރެވުނީ ކްލަބު ވޯލްޑް ކަޕަށް ރޮޑްރީ ފިޓްވާނެ ކަމަށް. އެކަމަކު މިހާރު މި އުންމީދުކުރަނީ ލީގުގެ ފަހު މެޗުތަކުގައިވެސް ރޮޑްރީ އެހީވެދޭނެ ކަމަށް،" ގާޑިއޯލާ ރޮޑްރީއާ ގުޅިގެން ބުންޏެވެ.