މިފްކޯގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު ޑރ. ވިޓާލީ ލިއުބިމޮވް އެ މަގާމުން ވަކިކޮށްފިއެވެ.

ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑް (ޕީސީބީ) އިން މިއަދު އެކަން ހާމަކުރި ނަމަވެސް އޭނާ ވަކިކުރި ދުވަހެއް އަދި ސަބަބެއް ހާމަކޮށްފައެއް ނުވެވެ.

ޔޫކްރެއިނަށް ނިސްބަތްވެވަޑައިގަންނަވާ ވިޓާލީއަކީ މިފްކޯގެ ސީއީއޯކަމުގެ މަގާމަށް އައްޔަންކުރި ރާއްޖެއިން ބޭރުގެ ފުރަތަމަ ބޭފުޅާއެވެ. އޭނާ މިފްކޯގެ ސީއީއޯގެ މަގާމަށް އައްޔަންކޮށްފައިވަނީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ ނުވަވަނަ ދުވަހުގައެވެ.

ވިޓާލީގެ ލިންކްޑްއިން ޕްރޮފައިލްގައި ބުނާ ގޮތުން އޭނާއަކީ ޕަބްލިކް އެޑްމިނިސްޓްރޭޝަނުން ޑޮކްޓަރޭޓް އަދި އިކޮނޮމިކްސް ދާއިރާ އިން ޕީއެޗްޑީ ހާސިލުކުރައްވައިގެން ހުންނެވި ބޭފުޅެކެވެ. އޭގެ އިތުރުން އޭނާއަކީ ކްރައިސިސް މެނޭޖްމަންޓުގެ ދާއިރާއިން 20 އަހަރު ދުވަހުގެ ތަޖުރިބާ ލިބިވަޑައިގެންފައިވާ ބޭފުޅެއްގެ އިތުރުން ތަޖުރިބާކާރު ލޯޔަރެއް ކަމަށްވެސް އޭނާގެ ޕްރޮފައިލްގައި ބުނެފައިވެއެވެ.

އޭނާ އެންމެ ފަހުން މަސައްކަތް ކުރައްވާފައިވަނީ އިންވެސްޓް ކްރޮސް ކެޕިޓަލްގެ ޗީފް ރިސްކް އޮފިސަރެއްގެ މަގާމުގައެވެ. އޭގެ ކުރިން ޔުކްރެއިންގެ ޔުނިވަސިޓީއެއްގެ ފައިނޭންޝަލް އެންޑް އިކޮނޮމިކް ސެކިއުރިޓީ މެނޭޖްމަންޓް ޑިޕާޓްމަންޓުގެ ޕްރޮފެސަރެއްގެ މަގާމާއި ބައެއް ކުންފުނިތަކުގެ ބޯޑް މެންބަރުކަމާއި އެޑްވައިޒަރުކަން ކުރައްވާފައިވެއެވެ.

މި ސަރުކާރުގައި މިފްކޯގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރަކަށް ފުރަތަމަ ހަމަޖެއްސީ އަހުމަދު ޝަމާހު ރަޝީދެވެ. ނަމަވެސް ކޮރަޕްޝަންގެ ތުހުމަތުތަކެއްގައި މިދިޔަ އަހަރުގެ މެއި މަހުގެ ތެރޭ ވަނީ އޭނާ މަގާމުން ވަކިކޮށްފަ އެވެ. އެފަހުން މިފްކޯގެ ސީއީއޯގެ މަގާމު އޮތީ ހުސްކޮށް އޮތުމަށްފަހު ވަނީ ރާއްޖެއިން ބޭރު ސީއީއޯއެއް ހޯދަން އިއުލާންކޮށްފައެވެ.