މާލެއަށް ބޯކޮށް ވާރޭ ވެހި ފެންބޮޑުވުމާ ގުޅިގެން ވެލި ބަސްތާ ޖެހުމުގެ މަސައްކަތް ފަށައިފިއެވެ.
އެމްއެންޑީއެފުން މިރޭ ބުނީ ބޯކޮށް ވާރޭ ވެހި މާލޭގެ ބައެއް މަގުތަކުގައި ފެންބޮޑުވުމާ ގުޅިގެން ފެންހިންދުމުގައާއި ވެލި ބަސްތާ ޖެހުމުގައި އެހީތެރިކަން ފޯރުކޮށްދިނުމަށް ސިފައިން ހަރަކާތްތެރިވަމުން އަންނަ ކަމަށެވެ.
އެ މަސައްކަތާ ގުޅޭގޮތުން ރައީސް އޮފީހުގެ ތަރުޖަމާނު ހީނާ ވަލީދު، މިރޭ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވެސް ވިދާޅުވީ ބޯކޮށް ވާރޭވެހި މާލޭގެ ބައެއް މަގުތަކުގައި ފެންބޮޑުވުމާ ގުޅިގެން ކަމާބެހޭ މުއައްސަސާތައް ގުޅިގެން ފެން ހިންދުމުގެ މަސައްކަތާއި ވެލި ބަސްތާތައް ޖެހުމުގެ މަަަސައްކަތް ކުރަމުން އަންނަ ކަމަށެވެ.
"ވިއްސާރައިގެ ސަބަބުން ރައްޔިތުންނަށް ދިމާވާ ދަތިތައް ކުޑަކުރުމަށާއި ރައްޔިތުންގެ ހާލު ގާތުން ބަލާ އެހީތެރިކަން ފޯރުކޮށްދިނުމުގެ މަަަސައްކަތް ސަރުކާރުގެ ކަމާބެހޭ ހުރިހާ އިދާރާތައް ގުޅިގެން ހާއްސަ ސަމާލުކަމަކާއެކު ދަނީ ކުރިއަށް ގެންދަވަމުން،" އޭނާ ވިދާޅުވިއެވެ.
މިއަދު އިރުއޮއްސުނު އިރުން ފެށިގެން މާލެއަށް ދަނީ ހުއްޓުމެއް ނެތި ވާރޭ ވެހެމުންނެވެ. އެކަމާ ގުޅިގެން މާލޭގެ ބޮޑެތި މަގުތަކެއް ހިމެނޭ ގޮތަށް ގިނަ މަގުތަކެއްގައި ވަނީ ވަރަށް ބޮޑަށް ފެން ބޮޑުވެފައެވެ.
މޫސުމާ ބެހޭ ގައުމީ އިދާރާ، މެޓް އޮފީހުން މިރޭ ވަނީ ކ. އަތޮޅުން ފެށިގެން މ. އަތޮޅާ ދެމެދުގެ ރަށްތަކަށް ރީނދޫ އެލާޓް ނެރެފައެވެ. އެއީ މިރޭ 9:00 އިން ފެށިގެން ދަންވަރު 1:00 އާ ހަމައަށެވެ. އޭގެ އިތުރުން މިރޭ 9:45 އިން ފެށިގެން މެންދަމު 12:00 އާ ހަމައަށް، ބ. އަތޮޅުން ފެށިގެން ދ. އަތޮޅާ ދެމެދުގެ ރަށްތަކަށް ވަނީ އޮރެންޖު އެލާޓް ނެރެފައެވެ.
ވިޔަފާރި
ބޭރު ކުޅިވަރު
ކުށް
ކުށް