އުރީދޫ ނޭޝަންއާއި ޔޫތް މިނިސްޓްރީ ގުޅިގެން ބޭއްވި ރަމަޟާން އީސްޕޯޓްސް ފެސްޓިވަލް 2025 ނިންމާލައިފިއެވެ.
މި މަހުގެ 12 އިން 14 އަށް ޔޫތް ތާޑް ސްޕޭސްގައި ކުރިއަށް ގެންދިޔަ އެ ފެސްޓިވަލް ނިންމުމުގެ ރަސްމިއްޔާތުގައި ޔޫތް މިނިސްޓަރު އިބްރާހިމް ވަހީދު، އުރީދޫ މޯލްޑިވްސްގެ ޗީފް ކޮމާޝަލް އޮފިސާ ހުސައިން ނިޔާޒުގެ އިތުރުން ޔޫތް މިނިސްޓްރީ އަދި އުރީދޫގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވިއެވެ.
އުރީދޫން މިއަދު ބުނީ އެ މުބާރާތުގައި ވާދަވެރި ޓައިޓަލްތައް ކަމަށްވާ އީއޭއެފްސީ، ޕަބްޖީ މޮބައިލް އަދި ޓެކެން ޓޯނަމަންޓްތައް ކުރިއަށް ދިޔައީ 30،000 ރުފިޔާގެ ޕްރައިޒް ޕޫލްގެ ބައެއް ހޯދުމަށް ހުނަރުވެރި ގޭމަރުންގެ ވާދަކުރުމާއެކު ކަމަށެވެ.
އަދި އެ ހަރަކާތަކީ ކުރިއަރަމުން އަންނަ ލޯކަލް ގޭމިން ކޮމިއުނިޓީގެ ހުނަރު ދައްކާލައި، އެކުވެރިކަމާއި ވާދަވެރިކަމާއެކު ގޭމް ކުޅޭ ފަރާތްތަކާ ގުޅުން ބަދަހިކޮށް ހުރިހާ އުމުރުފުރާއަކަށް ހުޅުވާލައިގެން ކުރިއަށްދިޔަ ފެސްޓިވަލެއް ކަމަށްވެސް އުރީދޫން ބުންޏެވެ.
ފެސްޓިވަލްގައި ކުޅުނު ޕަބްޖީ މޯބައިލް ގޭމްގެ ބައިން އެއްވަނަ ހޯދީ އެލްއެފް ސްކައިފޯސްއެވެ. ދެވަނަ އެސްޑީއެމްޒެޑް ހޯދި އިރު، ތިންވަނަ ހޯދީ ސިންޑިކޭޓް ޓީމުންނެވެ. ޓެކަންގެ ބައިން އެއްވަނަ ހޯދީ ތަބިޝްއެވެ. ދެވަނަ ޔޫހު ހޯދި އިރު، ތިންވަނަ ހޯދީ އަޝްވާން އަށެވެ.
އީއޭ އެފްސީން އެއްވަނަ ނައްސާމްއާއި ޔޫމާން ހޯދި އިރު، ދެވަނަ ހޯދީ އިނާންއާއި ޖަނާންއެވެ. އަދި ތިންވަނަ ހޯދީ ޒަޔާންއާއި އަލްޔާންއެވެ.
އުރީދޫން ބުނީ އެއްވަނައަށް ދިޔަ ފަރާތްތަކަށް 5،000 ރުފިޔާ، ދެވަނައަށް ދިޔަ ފަރާތްތަކަށް 3،000 ރުފިޔާ އަދި ތިންވަނައަށް ދިޔަ ފަރާތްތަކަށް 2،000 ރުފިޔާގެ ފައިސާގެ އިނާމެއް ދީފައިވާނެ ކަމަށެވެ.
ވިޔަފާރި
ވިޔަފާރި
ވިޔަފާރި
ވިޔަފާރި