ގޯލްޑަން ފުޓްސަލް ޗެލެންޖް 2025 ގެ ޗެމްޕިއަންކަމާއެކު ކ. ކާށިދޫ ފުޓްސަލްގެ ރަސްކަމަށް ގެންގޮސްދިން "ސިކުނޑި"އަކީ އަލީ ހައިސަމް (ޗުމްޕު) އެވެ. ރާއްޖޭގެ ފުޓުބޯޅައިގެ އިތުރުން ފުޓްސަލްގައިވެސް ކުޅުންތެރިއެެއްގެ ގޮތުގައި ތަފާތު ހުނަރުވެރިކޮށް ފެނިގެން ދިޔަ ޗުމްޕު މިހާތަނަށް ކޯޗިންގައިވެސް ގިނަ މަސައްކަތްތަކެއް ކުރިއެވެ. ހާއްސަކޮށް ގޯލްޑަންގައި އޭނާ އަބަދުވެސް ފާހަގަވެގެން ގޮސްފައިވާ އިރު، މިފަހަރު ހޯދުނީ އާދައިގެ ކާމިޔާބީއެއް ނޫނެވެ. މުބާރާތުގެ ތަށްޓާއެކު ތާރީހު ލިޔެލީއެވެ.

"މިހުރީ އަދިވެސް ގަބޫލުކުރަން ދަތިވެފައި. މިކަން ކުރެވުނުކަން ޔަގީން ނުވެފައި،"

އެހެން ހުރިހާ ކުޅުންތެރީންނާއި އޮފިޝަލުން ފައިނަލް މެޗުގެ ފަހު ކަށިގަނޑާއެކު އުފަލުން ދުވެ ނެގި ވަގުތު، ޗުމްޕު ހުރީ ބެންޗު ކައިރީގައި ހުއްޓުން އަރާފައި ކަހަލަ ގޮތަކަށެވެ. އޭނާއާ ސަލާން ކޮށްލާ މަރުހަބާ ކިޔައިލުމުން ބުނީ ކުރީން އެ ބުނެވުނު ވާހަކައެވެ.

ހަގީގަތުގައިވެސް ޗުމްޕުއަށް ހާސިލު ކުރެވުނީ ބުނެދޭން ނޭނގޭހާ ބޮޑު، ތަފާތު ކާމިޔާބީއެކެވެ. މުބާރާތް ފެށި އިރު ކާށިދޫއަކީ، އެ އަތޮޅު ތަށްޓަށްވެސް ފެވަރިޓެއް ނޫނެވެ. އޭގެފަހުން ޒޯނު ފަހަނައަޅައި ދާނެ ކަމަށް މީހުން އުންމީދުވެސް ކުރި ޓީމެއް ނޫނެވެ. އެ ހުރިހާ ހީއަކާ ދެކޮޅަށް ކާމިޔާބު ހޯދުން އެއީ ކާށިދޫއަށް އެތައް ބަޔަކު ލޯބި ދިން ސަބަބެވެ. ޗުމްޕު ކާށިދޫއާއެކު ދެއްކީ "ބުރަ މަސައްކަތަކީ ކާމިޔާބީގެ އަސްލު،" ކަމުގެ ނަމޫނާ މަސައްކަތެކެވެ.

އަތޮޅު ފައިނަލް ގެއްލުނެވެ. ޒޯން ފައިނަލްވެސް ގެއްލުނެވެ. ގަދަ 16 ގައި ޖެހުނީ ވަރުގަދަ ތިމަރަފުއްޓާ އެވެ. އެ ހަރުފަތް ގިރާކުރިތަނާ ދެން ޖެހުނީ ވިލިމާލެއާ އެވެ. އެ މެޗުވެސް ފަހަތުން އަރައި ނެގީއެވެ. ސެމީގައި ވަރުގަދަ ގދ. ވާދޫވެސް ކަޓުވާލިއެވެ.

"ވަރަށް އުފާވެއްޖެ. އިހުސާސްތައް ބުނެދޭންވެސް ނޭނގެ،" ފައިނަލް މެޗަށްފަހު ޗުމްޕު "ވަން ސްޕޯޓްސް"އަށް ބުންޏެވެ.

"ނޮކްއައުޓުން ފެށިގެން މި ޖެހުނީ ސީދާ ތަށި ނަގަން ރެޑީ ކޮށްފަ ހުރި ޓީމުތަކާ. އެހެންވީމަ މި ކާމިޔާބީއަކީ ވަރަށް ބުރަ މަސައްކަތުން ހޯދުނު ކާމިޔާބީއެއް. މިއީ ފުޓްސަލްގައި ބާއްވާ އެންމެ ބޮޑު މުބާރާތް. އެހެންވީމަ މި ކާމިޔާބީ ހޯދުނީމަ ބުނެދޭންވެސް ނޭނގޭ އުފާވެރިކަމެއް ލިބުނު،" ޗުމްޕު އިތުރަށް ބުންޏެވެ.

ގައުމީ ފެންވަރުގައި ކުޅެ، ފުޓްސަލްގެވެސް ތަޖުރިބާތަކެއް ހޯދާފައިވާ ޗުމްޕުގެ ކާމިޔާބީގެ ފަހަތުގައިވެސް އެތައް ބައެއްގެ އެހީތެރިކަން ވެއެވެ. ކާށިދޫގެ ކުރިން އޭނާ ކޯޗިންގެ މަސައްކަތްތަކަށް ވަން ދުވަހުން ފެށިގެން އެހީތެރިވި އެތައް ބައެއްގެ ހަނދާން، ތަށްޓާއެކުވެސް އޭނާއަށް އާވިއެވެ.

"ކޯޗިން ކެރިއަރު ފެށުނީއްސުރެވެސް ވަރަށް ގިނަ ބައެއްގެ އެއްބާރުލުމާއި އެހީތެރިކަން ލިބެމުން ދިޔައީ. އެއީ ކުރިން ކޯޗުކަން ކޮށްދީފައި ތިބި ކޯޗުންނާއި އެހެން ގޮސް، އެކުގައި މަސައްކަތް ކުރި ފަރާތްތައްވެސް. ދެން މި މުބާރާތަށް ތައްޔާރުވި އިރު، މި ޓީމުގެ އޮފިޝަލުންނާއި މެނޭޖުމަންޓްގެ އެއްބާރުލުން، ކުޅުންތެރީންގެ އެއްބާރުލުން ހަމަ ފާހަގަކޮށްލަން ޖެހޭ،" ގޯލްޑަން ފުޓްސަލް ޗެލެންޖް 2025 ގެ އެންމެ މޮޅު ކޯޗު ޗުމްޕު ބުންޏެވެ.

ފައިނަލުގެ ކުރީންވެސް، މުބާރާތުގެ ކޮންމެ ހިސާބަކުން ޓީމާ ދޭތެރޭ ސުވާލެއް ކޮށްލާ ކޮންމެ ފަހަރަކުވެސް ޓީމުގެ ސިއްރަކީ "ބަދަހިކަމާއި ބުރަ މަސައްކަތް ކަމަށް،" ޗުމްޕު އަބަދުވެސް ބުނަމުން ދިޔައެވެ. ފައިނަލަށްފަހުވެސް ބުނީ އިތުރު ސިއްރެއް ޓީމުގައި ނެތް ކަމަށެވެ. ސިއްރަކީ ބަދަހިކަމާއި ބުރަ މަސައްކަތް ކަމަށެވެ.

"އެކަތިގަނޑެއްގެ ގޮތުގައި ކުރި ބުރަ މަސައްކަތް މިއީ. ކުރިއަށްދިޔަ ވަރަކުން ޓީމު ދިޔައީ އިތުރަށް ވަރުގަދަވަމުން. އެކަމުގައި ކުޅުންތެރީންނަށް ވަރަށް ބޮޑަށް ޝުކުރު އަދާކުރަން ބޭނުން،" ޗުމްޕު ބުންޏެވެ.

ޒުވާން ކޯޗެކެވެ. ގޯލްޑަން ފުޓްސަލް ޗެލެންޖްގެ ތަށްޓާއެކު އާ ހަރުފަތަކަށް ކޯޗިން ކެރިއަރު އުފުލިއްޖެއެވެ. ރާއްޖޭގެ އެންމެ ބޮޑު ތަށްޓަކީ މަދު ރަށަކަށް ނޫނީ ކާމިޔާބު ކުރެވިފައިވާ ތަށްޓެއް ނޫނެވެ. ވަކި މިވެނި ކުޅުންތެރިޔަކު ހުރެގެން ތަށި ހޯދި ޓީމަކަށް ކާށިދޫ ނުކިޔާނެ ނަމަވެސް، އެއީ ޓީމެއްގެ ގޮތުގައި ތަށި ހޯދި ނަމޫނާ ޓީމެކެވެ. ކުރި ބުރަ މަސައްކަތުގެ ނަތީޖާއެވެ. އެ މަސައްކަތަށް އިރުޝާދު ދީ، ޓީމުގެ ޖޯޝު ބަދަލުކޮށްލީ ޗުމްޕުއެވެ.