ދެހާސް ސަތާރަ ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ 29 ވަނަ ދުވަހުގެ ރޭ ހުޅުމާލޭގައި ވަޅިން ހަމަލާދީ މަރާލި ގއ. ދާންދޫ، ގޯލްޑްލީފް/ ހާރިސް އަބްދުލްއަފޫރު މަރުގެ މައްސަލައިގައި ދައުވާ އުފުލާފައިވާ ޏ.ފުވައްމުލަކު، ސިޓީ، ހިލްޓަން/ ޔާމީން ރަޝީދު ޝަރީއަތް ނިމެންދެން ބަންދު ކުރުމަށް އެދި ދައުލަތުން ސުޕްރީމް ކޯޓަށް ހުށަހަޅައިފިއެވެ.

ދެހާސް ސަތާރަ ވަނަ އަހަރުގެ ސެޕްޓެމްބަރުމަހުގެ 29 ވަނަދުވަހުގެ 21:56 އެހައިކަށްހާއިރު، ހުޅުމާލެ ހާފްވޭ ހައުސް ކައިރިން ތޫނު އެއްޗަކުން ހަމަލާ ދިނުމުގެ ސަބަބުން ހާރިސް އަބްދުލްގަފޫރު މަރުވި މައްސަލައިގައި، ޔާމީން ރަޝީދުގެ މައްޗަށް ތޫނު އެއްޗެއް ބޭނުންކޮށްގެން ގަސްދުގައި މީހަކު މެރުމުގެ ކުށުގެ ދައުވާ ދައުލަތުން ކުރިމިނަލްކޯޓަށް ހުށަހެޅީ، 20 ނޮވެމްބަރު 2017 ވަނަ ދުވަހުއެވެ.

ކޯޓު އަމުރެއްގެ ދަށުން އެ މައްސަލައިގެ ޝަރީއަތް ނިމެންދެން ޔާމީން ބަންދުގައި ބެހެއްޓުމަށްފަހު، މައްސަލަ ބަލައި، 29 ޑިސެމްބަރު 2022 ވަނަ އަހަރު ކުރިމިނަލް ކޯޓުން ހުކުމް ކުރީ ތޫނު އެއްޗެއް ބޭނުންކޮށްގެން ގަސްދުގައި މީހަކު މެރުމުގެ ކުށް، ޔާމީންގެ މައްޗަށް ސާބިތު ނުވާ ކަމަށެވެ.

ނަމަވެސް ކުރިމިނަލް ކޯޓުގެ ހުކުމް ރަނގަޅު ނޫންކަމަށްބުނެ، 12 ފެބްރުއަރީ 2023 ގައި ދައުލަތުން ވަނީ އެ މައްސަލަ ހައިކޯޓަށް ހުށަހަޅައިފައެވެ. އަދި ކުރިމިނަލް ކޯޓުގެ ހުކުމާ ގުޅިގެން ދޫކޮށްލި ޔާމީން ރަޝީދު، ޝަރީއަތް ނިމެންދެން ބަންދު ކުރުމުގެ އަމުރަކަށްވެސް ދައުލަތުން ހައިކޯޓުގައި އެދުނެވެ. އޭނާ ބަންދު ކުރަން ޖެހޭ ސަބަބެއް ކަމަށް ދައުލަތުން ބުނެފައި ވަނީ އޭނާ ދޫކޮށްލުމަކީ މުޖުތަމައަށް ހުރި ނުރައްކަލެއް ކަމަށް ވުމާއި، ހެކީންނަށް ނުފޫޒު ފޯރުވުމުގެ އިހުތިމާލު އޮތުމެވެ.

ޔާމީންގެ ބަންދާބެހޭގޮތުން 20 ނޮވެމްބަރު 2024 ވަނަ ދުވަހު، ހައިކޯޓުން ހުކުމް ކުރީ، ޔާމީން ދޫކޮށްލުމަކީ މުޖުތަމައަށް ހުރި ނުރައްކަލެއް ކަމާއި ހެކީންނަށް ނުފޫޒު ފޯރުވުމުގެ އިހުތިމާލު އޮތްގޮތެއް ދައުލަތަށް ބަޔާންކޮށްދެވިފައި ނުވާ ކަމަށެވެ.

ނަމަވެސް ހައިކޯޓުގެ އެ ނިންމުމަކީ ގާނޫނުއަސާސީ އާއި ޝަރީއަތްކުރުމާބެހޭ ޖިނާއީ އިޖުރާއަތުގެ ގަވައިދާއި ސުޕްރީ ކޯޓުގެ ނިންމުމާއި ހިލާފު ނިންމުމެއް ކަމަށް ބުނެ އެ މައްސަލަ ދައުލަތުން މިއަދު ވަނީ ސުޕްރީމް ކޯޓަށް ހުށަހަޅައިފައެވެ.