އެމްޓީސީސީން ދެމުން އަންނަ އާރްޓީއެލް ފެރީގެ ހިދުމަތުގެ ނަންމަތީ ފޭކް "ސްމާޓް ކާޑެއް" ވިއްކުމަށް މަސައްކަތް ކުރާތީ ސަމާލުވުމަށް އެ ކުންފުނިން އިލްތިމާސްކޮށްފިއެވެ.
އެމްޓީސީސީން މިއަދު ނެރުނު ބަޔާނެއްގައި ބުނީ، ސޯޝަލް މީޑިއާގެ އެކި މަންސަތަކުގައި އެކި ފަރާތްތަކުގެ ނަމުގައި ހިންގާ ސްކޭމްތައް އިތުރުވަމުންދާއިރު އެ ކުންފުނިން ހިންގަމުން އަންނަ ރާއްޖެ ޓްރާންސްޕޯޓް ލިންކުގެ ނަމުގައި އެފަދަ ކަމެއް ހިންގަމުންގެންދާކަން ފާހަގަވެފައިވާ ކަމަށެވެ.
މޯލްޑިވްސް ޕަބްލިކް ޓްރާންސްޕޯޓު"ގެ ނަމުގައި ހިންގާ ފޭސްބުކް ޕޭޖަކުން ދަނީ އާރްޓީއެލް މެދުވެރިކޮށް ތިންމަސް ވަންދެން އެ ކުންފުނީގެ ފެރީގެ ނިޒާމުން ހިލޭ ދަތުރު ކުރެވޭނެ ކަމަށް ބުނެ "ސްމާޓް ކާޑެއް" ވިއްކުމަށް މަސައްކަތް ކުރަމުންދާ ކަމަށް އެމްޓީސީސީން ބުންޏެވެ. އެ ފޭޖުގައި ހިންގަމުންގެންދާ އެއްވެސް ހަރަކާތަކީ އެމްޓީސީސީ އާއި ރާއްޖެ ޓްރާންސްޕޯޓް ލިންކާއި އެއްވެސް ގުޅުމެއް ނެތް ހަރަކާތެއް ކަމަށާއި އެކަމަށް އެންމެހައި ފަރާތްތަކުން ސަމާލުވުމަށް ވެސް އެމްޓީސީސީން ވަނީ އިލްތިމާސްކޮށްފައެވެ.
އެމްޓީސީސީން އިތުރަށް ބުނީ އެ ކުންފުންޏަށް ރައްޔިތުން ކުރާ އިތުބާރުގެ ބޭނުން ނަހަމަ ގޮތުގައި ހިފައި، ނުހައްގުން ފައިސާ ހޯދުމަށް ކުރާ އެފަދަ ނާތަހުޒީބު އަމަލުތައް ހަރުކަށި އިބާރާތުން ކުށްވެރިކުރާކަމަށެވެ.
"މޯލްޑްވިސް ޕްބްލިކް ޓްރާންސްޕޯޓް"ގެ ނަމުގައި އެފްބީގައި ހިންގަމުންދާ ޕޭޖް ރިޕޯޓުކުރުމަށާއި އެ ޕޭޖުން ހިންގާ އެއްވެސް ހަރަކާތެއްގައި ބައިވެރި ނުވުމަށާއި އެޕޭޖުން ފޮނުވާފައިވާ އެއްވެސް ލިންކެއް ބޭނުންނުކުރުމަށް ސަމާލުވުމަށް އެންމެހާ ސަކްޓަމަރުންނަށް އެމްޓީސީސީން ވަނީ އިލްތިމާސްކޮށްފައެވެ.
އެމްޓީސީސީން އިތުރަށް ބުނީ އެ ކުންފުނީގެ ފަރާތުން އާ ހިދުމަތެއް ނުވަތަ ޕްރޮޖެކްޓެއް ތައްޔާރުކުރާނަމަވެސް އެކަމެއް ރަސްމީކޮށް ފެށުމުގެ ކުރިން އެމްޓީސީސީގެ ސޯޝަލް މީޑިޔާއާއި އެ ކުންފުނީގެ އެހެނިހެން މީޑިއާ ޗެނަލްތަކުން އެކަމުގެ މައުލޫމާތު ހިއްސާ ކުރާނެ ކަމަށެވެ. އަދި އެހެން ސޯޝަލް މީޑިއާ ޗެނަލްތަކަށްވެސް އެކަމުގެ މައުލުމާތު ހިއްސާކުރާނެ ކަމަށެވެ. މިފަދަ ސްކޭމުތައް އާންމުވެފައިވާއިރު އެކަމަށް ސަމާލުވުމުގެ ގޮތުން އެމްޓީސީސީ ނުވަތަ އާރްޓީއެލްގެ ނަމުގައި އެއްވެސް ފަރާތަކުން ފޮނުވާ ލިންކުތަކަށް ސަމާލުވުމަށާއި އެފަދަ ފަރާތްތަކާއެކު އެއްވެސް ފައިސާގެ މުއާމަލާތެއް ނުކުރުމަށް އެމްޓީސީސީގެ ކަސްޓަމަރުންނަށް އެކުންފުނިން ނަސޭހަތްތެރިވެއެވެ.
ޚަބަރު
ޚަބަރު
ޚަބަރު