ދެކުނު އޭޝިއާގެ އެންމެ ބޮޑު ކުޅިވަރު އިވެންޓް، ސައުތު އޭޝިއަން ގޭމްސް އަންނަ އަހަރުގެ ޖެނުއަރީ މަހު ބާއްވަން ސައުތު އޭޝިއާ އޮލިމްޕިކް ކައުންސިލް (އެސްއޭއޯސީ) އިން ނިންމައިފިއެވެ.
އެސްއޭއޯސީން އެގޮތަށް ނިންމާފައިވަނީ ޕާކިސްތާނުގެ ލާހޯރުގައި ބޭއްވި ހާއްސަ ބައްދަލުވުމެއްގައެވެ. ބައްދަލުވުމުގައި ރާއްޖޭގެ އޮލިމްޕިކް ކޮމިޓީ (އެމްއޯސީ) ގެ ފަރާތުން ނައިބު ރައީސް އަހުމަދު މުންތަގިމް އާއި ސެކްރެޓަރީ ޖެނެރަލް ތަމޫހު އަހުމަދު ސައީދު (ތަމޫ) ބައިވެރިވެވަޑައިގެންފައިވާ އިރު، ރާއްޖޭގެ އިތުރުން ބަންގްލަދޭޝާއި ބޫޓާން، އިންޑިއާ، ނޭޕާލްގެ އަދި ސްރީ ލަންކާއާއި ހޯސްޓް ޕާކިސްތާނުގެ މަންދޫބުން ބައިވެރިވެފައިވެއެވެ.
އެސްއޭއޯސީން ނިންމާފައިވަނީ ސައުތު އޭޝިއަން ގޭމްސް އަންނަ އަހަރު ޖެނުއަރީ 23 އިން 31 އަށް ޕާކިސްތާނުގެ ލާހޯރާއި ފައިސަލްއާބާދުގެ އިތުރުން އިސްލާމްއާބާދުގައި ކުރިއަށްގެންދާ ގޮތަށެވެ.
ޕާކިސްތާނުގައި ބާއްވަން ނިންމާފައިވާ 14 ވަނަ ސައުތު އޭޝިއަން ގޭމްސް އެކިއެކި ފަހަރުމަތިން މިހާރު ވަނީ ފަސްކޮށްފައެވެ. އެ ގޭމްސްއަކީ ފުރަތަމަ 2021 ވަނަ އަހަރު ބާއްވަން މަސައްކަތް ކުރި ގޭމްސްއެކެވެ. ކޮވިޑާ ގުޅިގެން އެފަހަރު ގޭމްސް ކެންސަލްކޮށް، މިފަހުން ޕާކިސްތާނުގެ އޮލިމްޕިކް އެސޯސިއޭޝަނުން މަސައްކަތް ކުރީ މިދިޔަ އަހަރު މާޗު މަހު ގޭމްސް ބޭއްވުމަށެވެ.
އެހެންނަމަވެސް، ގޭމްސްގެ ކުޅިވަރު އިވެންޓުތައް ބާއްވާ ތަންތަނާއި ގޭމްސް ބާއްވާނެ ތާރީހު ފައިނަލް ނުކުރެވި މުބާރާތް އަނެއްކާ ލަސްކުރިއެވެ. އެއީ މިއަހަރުގެ ކުރީކޮޅަށެވެ. އެ ފަހުންވެސް ފައިސާގެ މައްސަލަތައް ދިމާވެ މިއަހަރު ފެބްރުއަރީގައިވެސް ގޭމްސް ނުބޭއްވޭނެކަމަށް އިއުލާނުކޮށް، އޭގެފަހުން މިއަހަރު ނޮވެމްބަރު މަހަށްވެސް ގޭމްސް ފަސްކުރިއެވެ.
އިއްޔެގެ ބައްދަލުވުމުގައި އެސްއޭއޯސީން ނިންމާފައިވަނީ ގޭމްސްގައި 27 ކުޅިވަރެއް ބޭއްވުމަށެވެ. އޭގެ ތެރެއިން ރާއްޖެ ތަމްސީލުކުރާނެ ކުޅިވަރުތައް ކަނޑައަޅާނީ އެސޯސިއޭޝަންތަކާއި އެމްއޯސީގެ އިތުރުން ކުޅިވަރު ކައުންސިލާވެސް މަޝްވަރާކޮށްގެން ކަމަށް ދާދިފަހުން އެމްއޯސީން ހާމަކޮށްފައިވެއެވެ.
މިއަހަރު ރާއްޖޭގެ އޮލިމްޕިކް ކޮމިޓީން ކަނޑައެޅި ބަޖެޓުގައި ގޭމްސްތަކަށް ބޮޑު ބަޖެޓެއް ހިމަނާފައިވާ އިރު، އެންމެ ބޮޑު ހަރަދެއް ހިނގާނެ ކަމަށް ލަފާކޮށްފައިވަނީވެސް ސައުތު އޭޝިއަން ގޭމްސްއަށެވެ.
ސައުތު އޭޝިއަން ގޭމްސް
ސައުތު އޭޝިއަން ގޭމްސް
ސައުތު އޭޝިއަން ގޭމްސް
ސައުތު އޭޝިއަން ގޭމްސް