ސުޕްރީމް ކޯޓުގެ ފަނޑިޔާރުންނާ ގުޅޭގޮތުން ހުށަހެޅިފައިވާ މައްސަލައިގައި، ނުފޫޒަކަށް ލެނބުމެއްނެތި މައްސަލަ ތަހުގީގުކުރާނެ ކަމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ބުނެފިއެވެ.
ސުޕްރީމް ކޯޓުގެ ހަތް ފަނޑިޔާރުންގެ ބެންޗުގައި ހިމެނިވަޑައިގަންނަވާ ފަނޑިޔާރު ހުސްނުއް ސުއޫދު، ފަނޑިޔާރު މަހާޒް އަލީ ޒާހިރު އަދި ފަނޑިޔާރު އަޒްމިރަލްދާ ޒާހިރު މިއަދު ވަނީ ސަސްޕެންޑުކޮށްފައެވެ. އެކަމާ ގުޅިގެން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ބުނެފައިވަނީ، އެ ފަނޑިޔާރުން ސަސްޕެންޑުކުރީ އޭސީސީން ބަލަމުންދާ މައްސަލައަކާ ގުޅިގެން ކަމަށެވެ.
އޭސީސީން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނީ އޭސީސީގެ ގާނޫނުގައި ބުނާ ކޮރަޕްޝަންގެ އަމަލެއް ކުރަމުންދާކަން ތުހުމަތުކޮށް އެ ކޮމިޝަނަށް ހުށަހެޅިއްޖެ ނަމަ، އެއްވެސް ފަރާތެއް އިސްތިސްނާ ކުރުމަކާ ނުލައި އެ މައްސަލައެއް ތަހުގީގުކުރުމަކީ އެ ކޮމިޝަންގެ މައްޗަށް އޮންނަ ގާނޫނީ ޒިންމާއެއް އަދި ވާޖިބެއް ކަމަށެވެ.
"މި ކޮމިޝަނަށް ހުށަހެޅި ތަހުގީގުކުރަމުންދާ މައްސަލަތަކުގައި އެއްވެސް ފަރާތެއްގެ ނުފޫޒަކަށް ލެނބުމެއްތި، ވަކި ފަރާތަކަށް ބުރަނުވެ ތަހުގީގު ކުރިއަށްގެންދާނެކަމުގެ ފުރިހަމަ ޔަގީންކަން ދިވެހި ލޮބުވެތި ރައްޔިތުންނަށް އަރުވަމެވެ..،" އޭސީސީގެ ބަޔާނުގައި ބުންޏެވެ.
އޭސީސީން ބުނީ އެފަދަ މައްސަލަތައް ބެލުމުގައި ޖިނާއީ އަދުލުގެ ނިޒާމުގައި ހިމެނޭ ގާނޫނުތަކާއި ގަވާއިދުތަކުން ކޮމިޝަނަށް މަތިކޮށްފައިވާ ބާރުތަކުގެ ތެރެއިން މައްސަލަތައް ބަލަމުންގެންދާނެކަން ކަށަވަރުކޮށްދޭ ކަމަށެވެ.
ސުޕްރީމް ކޯޓުގެ ތިން ފަނޑިޔާރަކު ސަސްޕެންޑް ކުރި އިރު، އެ ކޯޓުން ގެންދަނީ ރައްޔިތުންގެ މަޖިލީހުގެ މެންބަރަކު ޕާޓީން ވަކިކޮށް ގޮނޑި ގެއްލުވައިލެވޭ ގޮތަށް ގާނޫނުއަސާސީއަށް ގެނައި އިސްލާހު ބާތިލުކުރުމަށް ސުޕްރީމް ކޯޓަށް ހުށަހެޅި ދުސްތޫރީ މައްސަލައެއް ބަލަމުންނެވެ.
މެންބަރުން ޕާޓީ ބަދަލުކޮށްފި ނަމަ، ގޮނޑި ގެއްލޭގޮތަށް ގާނޫނު އަސާސީއަށް ގެނައި އިސްލާހަކީ ގާނޫނުއަސީއާ ހިލާފު އިސްލާހެއް ކަމަށް ބުނެ އެ އިސްލާހު ބާތިލު ކުރުމަށް ސުޕްރީމް ކޯޓަށް ދުސްތޫރީ މައްސަލައެއް ހުށަހެޅުއްވީ ކެންދޫ ދާއިރާގެ ކުރީގެ މެންބަރު އަދި ގާނޫނީ ވަކީލު އަލީ ހުސެއިނެވެ. އޭނާ ސުޕްރީމް ކޯޓަށް އެ މައްސަލަ ހުށަހަޅައިފައިވަނީ މިދިޔަ އަހަރުގެ ނޮވެމްބަރު 24 ގައެވެ. ސުޕްރީމް ކޯޓުން އެ މައްސަލަ ބަލައިގެންފައިވަނީ އެ މަހުގެ 27 ގައެވެ.
އަލީ ހުސައިން ވަނީ އެ މައްސަލައިގައި ސުޕްރީމް ކޯޓުން ގޮތެއް ކަނޑަނާޅަނީސް މެންބަރުންނާ މެދު އެއްވެސް ކަހަލަ ފިޔަވަޅެއް އެޅުން މަނާކުރުމުގެ އަމުރެއް ނެރެދިނުމަށް ވެސް އިއްޔެ އެދިފައެވެ. ސުޕްރީމް ކޯޓުން ވަނީ ވަގުތީ އަމުރުގެ މައްސަލަ މިއަދު ހެނދުނު 11 ޖަހާއިރަށް ތަވާލުކޮށްފައެވެ.
ޖޭއެސްސީން ފަނޑިޔާރުން ސަސްޕެންޑްކޮށްފައިވަނީ އެ މައްސަލައިގެ އަޑުއެހުން ފެށެން ކައިރިވެފައި ވަނިކޮށެވެ. އެ އަޑުއެހުން ފަހުން ވަނީ ކެންސަލްކޮށްފައެވެ.
އެ ތިން ފަނޑިޔާރުން ސަސްޕެންޑްކޮށްފައިވާ އިރު، ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އަދަދު ފަހަކަށް މަދުކުރުމަށް ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ބިލު މިއަދު މަޖިލީހުން ވަނީ ފާސްކޮށްފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު