ސުޕްރީމް ކޯޓުގެ ހަތް ފަނޑިޔާރުންގެ ބެންޗުގައި ހިމެނިވަޑައިގަންނަވާ ފަނޑިޔާރު ހުސްނުއް ސުއޫދު، ފަނޑިޔާރު މަހާޒް އަލީ ޒާހިރު އަދި ފަނޑިޔާރު އަޒްމިރަލްދާ ޒާހިރު ސަސްޕެންޑްކޮށްފިއެވެ.

ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)ގެ އޮފިޝަލަކު "ވަން" އަށް މިއަދު ވިދާޅުވީ އެ ތިން ފަނޑިޔާރުން ސަސްޕެންޑްކޮށްފައިވާ ކަމަށެވެ. އެކަމުގެ އިތުރު ތަފުސީލު ހާމަކުރެވެން ނެތް ކަމަށެވެ. ނަމަވެސް އެކަމާ ގުޅޭ ޕްރެސް ރިލީސްއެއް މިއަދު އާންމުކުރާނެ ކަމަށް އޮފިޝަލް ވިދާޅުވިއެވެ.

ޖޭއެސްސީން ދެންމެ ނެރުނު ނޫސް ބަޔާނެއްގައި ބުނީ ސުއޫދާއި މަހާޒް އަދި އަޒްމިރަލްދާ ސަސްޕެންޑް ކޮށްފައިވަނީ އެ ތިން ފަނޑިޔާރުންނާ ގުޅޭގޮތުން އެންޓި ކޮރަޕްޝަން ކޮމިޝަނުން ޖިނާއީ ތަހުގީގެއް ކުރަމުންދާ ކަމަށް އެ ކޮމިޝަނުން ސިޓީއަކުން އަންގާފައިވާތީ ކަމަށެވެ.

ޖުޑީޝަލް ސަވިސް ކޮމިޝަނުގެ ގާނޫނުގެ 25 ވަނަ މާއްދާގެ (ޏ) ގެ ދަށުން "ޖިނާއީ ކުށެއްގެ ތުހުމަތެއްގައި ފަނޑިޔާރަކު ހައްޔަރުކޮށްފިނަމަ، ނުވަތަ ބަންދުކޮށްފިނަމަ ނުވަތަ ތަހުގީގު އިދާރާއަކުން ފަނޑިޔާރެއްގެ މައްސަލަ ތަހުގީގު ކުރަން ފަށައިފިކަން ޖުޑީޝަލް ސާވިސް ކޮމިޝަނަށް، އެ އިދާރާއަކުން އަންގައިފިނަމަ ނުވަތަ އެފަދަ މައްސަލައެއް ޝަރީއަތަށް ހުށަހެޅިއްޖެނަމަ، ނުވަތަ އެފަދަ ކަމެއް ކުރިކަން ޝަރީއަތަށް ސާބިތުވެއްޖެނަމަ، އެ ފަނޑިޔާރެއް މަގާމުގެ މަސައްކަތުން ވަގުތީގޮތުން ދުރުކުރުމާ މެދު އަމަލުކުރާނެ ގޮތެއް 48 ގަޑިއިރު ތެރޭގައި ކޮމިޝަނުން ނިންމަންވާނެ" ކަމަށް ބަޔާންކޮށްފައިވާ ކަމަށް ވެސް ޖޭއެސްސީން ބުންޏެވެ.

"މާއްދާއަށް ރިއާޔަތްކޮށް ދިވެހިރާއްޖޭގެ ސުޕްރީމްކޯޓުގެ ފަނޑިޔާރު ހުސްނުއްސުއޫދު އާއި ފަނޑިޔާރު އަޒްމިރާލްދާ ޒާހިރު އަދި ފަނޑިޔާރު މަހާޒު އަލީ ޒާހިރު ފަނޑިޔާރުކަމުގެ މަސައްކަތުން މިއަދުން ފެށިގެން ވަގުތީގޮތުން ދުރުކުރުމަށް މިއަދު ބޭއްވި ކޮމިޝަނުގެ މި އަހަރުގެ 04 ވަނަ ޖަލްސާގައި ވަނީ ނިންމާފައެވެ،" ޖޭއެސްސީން ބުންޏެވެ.

ސުޕްރީމް ކޯޓުގެ ތިން ފަނޑިޔާރަކު ސަސްޕެންޑް ކުރި އިރު، އެ ކޯޓުން ގެންދަނީ ރައްޔިތުންގެ މަޖިލީހުގެ މެންބަރަކު ޕާޓީން ވަކިކޮށް ގޮނޑި ގެއްލުވައިލެވޭ ގޮތަށް ގާނޫނުއަސާސީއަށް ގެނައި އިސްލާހު ބާތިލުކުރުމަށް ސުޕްރީމް ކޯޓަށް ހުށަހެޅި ދުސްތޫރީ މައްސަލައެއް ބަލަމުންނެވެ.

މެންބަރުން ޕާޓީ ބަދަލުކޮށްފި ނަމަ، ގޮނޑި ގެއްލޭގޮތަށް ގާނޫނު އަސާސީއަށް ގެނައި އިސްލާހަކީ ގާނޫނުއަސީއާ ހިލާފު އިސްލާހެއް ކަމަށް ބުނެ އެ އިސްލާހު ބާތިލު ކުރުމަށް ސުޕްރީމް ކޯޓަށް ދުސްތޫރީ މައްސަލައެއް ހުށަހެޅުއްވީ ކެންދޫ ދާއިރާގެ ކުރީގެ މެންބަރު އަދި ގާނޫނީ ވަކީލު އަލީ ހުސެއިންއެވެ. އޭނާ ސުޕްރީމް ކޯޓަށް އެ މައްސަލަ ހުށަހަޅައިފައިވަނީ މިދިޔަ އަހަރުގެ ނޮވެމްބަރު 24 ގައެވެ. ސުޕްރީމް ކޯޓުން އެ މައްސަލަ ބަލައިގެންފައިވަނީ އެ މަހުގެ 27 ގައެވެ.

އަލީ ހުސައިން ވަނީ އެ މައްސަލައިގައި ސުޕްރީމް ކޯޓުން ގޮތެއް ކަނޑަނާޅަނީސް މެންބަރުންނާމެދު އެއްވެސް ކަހަލަ ފިޔަވަޅެއް އެޅުން މަނާކުރުމުގެ އަމުރެއް ނެރެދިނުމަށް ވެސް އިއްޔެ އެދިފައެވެ. ސުޕްރީމް ކޯޓުން ވަނީ ވަގުތީ އަމުރުގެ މައްސަލަ މިއަދު ހެނދުނު 11 ޖަހާއިރަށް ތަވާލުކޮށްފައެވެ،

ޖޭއެސްސީން ފަނޑިޔާރުން ސަސްޕެންޑްކޮށްފައިވަނީ އެ މައްސަލައިގެ އަޑުއެހުން ފެށެން ކައިރިވެފައި ވަނިކޮށެވެ.

އެ ތިން ފަނޑިޔާރުން ސަސްޕެންޑްކޮށްފައިވާ އިރު، ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އަދަދު ފަހަކަށް މަދުކުރުމަށް ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ބިލު މިއަދު މަޖިލީހުން ވަނީ ފާސްކޮށްފައެވެ.