ރާއްޖޭގައި ދިރިއުޅޭ ބިދޭސީން ކަންކަން ބަލަހައްޓަން އެކްސްޕެޓް ސިސްޓަމެއް ހަދަން މެލޭޝިއާގެ ބެސްޓިނެޓް ކުންފުންޏާ އެކު ހެދި އެއްބަސްވުމާ މެދު ގޮތެއް ނުނިންމައި އެކަމުގައި އިހުމާލުވި ކުރީ ސަރުކާރުން ކަމަށް ހޯމްލޭންޑް މިނިސްޓަރު އަލީ އިހުސާން ވިދާޅުވެއްޖެއެވެ.
އެމްޑީޕީގެ ޕާލިމަންޓްރީ ގްރޫޕުގެ 12 މެންބަރުންގެ ސޮޔާއެކު އިހުސާންގެ އިތުބާރު ނެތްކަމުގެ މައްސަލަ މިދިޔަ މަހުގެ 17 ގައި ވަނީ މަޖިލީހަށް ވައްދައިފައެވެ. އެ މައްސަލަ މިއަދަށް އެޖެންޑާކޮށް ވަނީ ޖަވާބުދާރީވުމުގެ ފުރުސަތު އިހުސާނަށް ދެއްވައިފައެވެ.
އެމްޑީޕީން ހުށަހެޅި މައްސަލައިގައި ބުނެފައިވަނީ އިހުސާންގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހަށް ވެއްދީ ޕީއެންސީއަށް މެންބަރުން އިތުރުކުރުމުގެ ގޮތުން ހޯމްލޭންޑް މިނިސްޓްރީގެ ދަށުގައިވާ ޑިޕާޓްމެންޓް އޮފް ނޭޝަނަލް ރަޖިސްޓްރޭޝަން (ޑީއެންއާރް)ގެ ޑޭޓާބޭސް ބޭނުންކޮށްފައިވާ ކަމަށް ތުހުމަތުވާ މައްސަލައާއި ރާއްޖޭގައި މަސައްކަތް ކުރަމުންދާ ބިދޭސީންގެ ކަންކަން ބެލެހެއްޓުމަށް މޯލްޑިވްސް އިމިގްރޭޝަނަށް ބޭނުންވާ އެކްސްޕެޓް ސިސްޓަމް، ދިވެހި ކުންފުންޏަކުން ހަދައިދީފައި ވަނިކޮށް ބިދޭސީންގެ ހުރިހާ ކަމެއް ބެލެހެއްޓުމަށް ކޮރަޕްޝަންގެ ބޮޑެތި ތުހުމަތުތަކެއްކޮށް، ބްލެކް ލިސްޓުކޮށްފައިވާ މެލޭޝިއާގެ ބެސްޓިނެޓް ނަމަކަށް ކިޔާ ކުންފުންޏަކާ ހަވާލުކުރި މައްސަލައާ ގުޅިގެން ކަމަށެވެ.
މީގެ އިތުރުން އިހުސާން، ފުލުހުންގެ ތަހުގީގުތަކަށް ނުފޫޒު ފޯރުވަމުންދާ ކަމަށްވެސް އެމްޑީޕީން ހުށަހެޅި މައްސަލައިގައި ތުހުމަތު ކޮށްފައިވެއެވެ
މިއަދުގެ ޖަލްސާގައި އިތުބާރު ނެތް ކަމުގެ މައްސަލައަށް ޖަވާބުދާރީވަމުން އިހުސާން ވިދާޅުވީ ބިދޭސީން މަސައްކަތްތެރިންގެ ކަންކަން ފުރިހަމައަށް ބަލަހައްޓަން ބެސްޓިނެޓާއެކު އެއްބަސްވުމެއްގެ މަސައްކަތް ފަށައިފައިވަނީ 2015 ވަނަ އަހަރުގެ ތެރޭގައި އޭރުގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ކަމަށެވެ. އޭރު އެ އެއްބަސްވުން ހަދައިފައިވަނީ 15 އަހަރުގެ މުއްދަތަކަށް ކަމަށާއި ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން 2019 ވަނަ އަހަރު ރާއްޖެއަށް ބަންގްލަދޭޝްއިން މަސައްކަތްތެރިން އެތެރެކުރުން ހުއްޓުވަން ނިންމުމާއެކު 15 އަހަރުގެ މުއްދަތަށް ހެދި އެއްބަސްވުމަށް އަމަލުކުރުން ހުއްޓިފައިވާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
އިހުސާން ވަނީ އެއްބަސްވުންތަކުގެ ސީޓީތައް ވެސް މަޖިލީހުގައި ދައްކައިފައެވެ. ބެސްޓިނެޓުން މިދިޔަ ސަރުކާރަށް އެއްވެސް ޑިމާންޑެއް ވެސް ކޮށްފައި ނުވާ ކަމަށް ބައެއް ފަރާތްތަކުން ބުނަމުންދިޔަ ނަމަވެސް މިދިޔަ ސަރުކާރުގައި ވަކީލުން މެދުވެރިކޮށް އެއްބަސްވުމަށް ހަދާނެ ގޮތަކާ މެދު ލިޔެކިޔުން ބަދަލުކޮށްފައިވާ ކަމަށް އިހުސާން ވިދާޅުވިއެވެ.
- 26 ސެޕްޓެމްބަރު 2019 - އެގްރީމެންޓާ ގުޅިގެން 13.7 މިލިއަންގެ އިންވެސްޓްމެންޓެއް ކޮށްފައިވާތީ ތަފްސީލް ހާމަކޮށް އެއްބަސްވުމާ އެއްގޮތަށް ކުރިއަށް ގެންދިއުމަށް ބެސްޓިނެޓުން، އިމިގްރޭޝަނަށް ސިޓީ ފޮނުވި/ އެ ސިޓީއަށް ސަރުކާރުން ޖަވާބުދީފައިވާ ކަމަށް އިހުސާން ވިދާޅުވި
- 11 ޑިސެންބަރު 2019 - އެކަމުގެ ސަބަބުން ގާނޫނީ މައްސަލަތައް ނުކުތުމުގެ ފުރުސަތު އޮތް ކަމަށް، ދިވެހި ދައުލަތަށް މާލީ ބުރައެއް އުފުލަން ޖެހިދާނެ ކަމަށް ބުނެ އޭރުގެ އިމިގްރޭޝަން ކޮންޓްރޯލަރު އޭރުގެ އެޓާނީ ޖެނެރަލް އިބްރާހިމް ރިއްފަތުގެ ލަފައެއް ހޯދުމަށް އެދުނު/ އޭޖީގެ ފަރާތުން އެކަމުގައި ލަފާ ދީފައިނުވާ ކަމަށް އިހުސާން ވިދާޅުވި
- 23 ޑިސެންބަރު 2019 - އެކަމުގައި އޭޖީގެ ލަފާ ލިބިފައިނުވާތީ އެކްސްޕެޓް ސިސްޓަމް ބަލަހައްޓަމުން ގެންދިޔަ އޭރުގެ އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއީލަށް ސިޓީ ފޮނުވައިވޭ
- 9 ޑިސެންބަރު 2019 - މި މައްސަލައިގައި މަޝްވަރާކޮށް ޕޮލިސީ ލެވެލް ޑިސިޝަނެއް ނެގުމަށް އޭޖީ ވަނީ ލަފާދެއްވާފައި
- 10 އޮގަސްޓު 2020 ބެސްޓިނެޓުން ވަނީ ގެއްލުމުގެ ބަދަލު ހޯދަން ސިޓީ ފޮނުވާފައި
- 8 އޮކްޓޯބަރު 2020 - އޭޖީ ވަނީ އިމިގްރޭޝަނަށް ލަފާ ދީފައި / އިހުސާން ވިދާޅުވީ އެ ސިޓީގައި އޭޖީ އޮފީހުން ވަނީ އެ ސިސްޓަމް ބޭނުން ކުރުމާމެދު ތިން ވުޒާރާއަކާއެކު އެއްބަސްވުމަށް އައިސްފައިވާކަން ފާހަގަކޮށްފައި ކަމަށް
- 01 ނޮވެންބަރު 2020 - ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް، އިމިގްރޭޝަނުން ސިޓީ ފޮނުވާފައި ލަފައަކަށް އެދުނު/ އެ ސިޓީއަށް ކުރީ ސަރުކާރުން ޖަވާބުދީފައިނުވާ ކަމަށް އިހުސާން ވިދާޅުވި
- 21 މާޗް 2022 - ބެސްޓިނެޓް ކުންފުނިން 13.7 މިލިއަން ރުފިޔާގެ ބަދަލެއް އަނެއްކާ ވެސް ޑިމާންޑުކުރުމުން އޭޖީއަށް އަދި އިކޮނޮމިކް މިނިސްޓަރަށް އަލުން އެދުނު
- 06 ޖުލައި 2022 - ސަރުކާރުން ޖަވާބު ނުދޭތީ ހަތް ދުވަހުގެ ޓާމިނޭޝަން ސިޓީއެއް ފޮނުވި
- 25 އޮގަސްޓު 2022 - އެގްރީމެންޓު ބާތިލް ވެފައިވާތީ ޖަވާބެއް ނެތް ކަމަށް އޭޖީ އޮފީހުން ބުނި
- 09 އޮކްޓޯބަރު 2022 - އެއްބަސްވުން އުވުނު ކަމަށް އޭޖީން ބުނެފައިވޭ
- 24 މާޗް 2023 - އެއްބަސްވުން ބާތިލް ވުމާ ގުޅިގެން ކުންފުނިން ވަނީ 13.7 މިލިއަން ޑޮލަރު ދޭން އެންގި
އެ މައްސަލައާ ގުޅިގެން ފަހުން އޭޖީ އޮފީހުން އަންގާފައި ވަނީ އޭރު އޮތް ސެޓްލްމެންޓް ކޮމިޓީއަށް ލައިގެން، އެއްބަސްވުމަކަށް ދިއުމަށް ކަމަށް އިހުސާން ވިދާޅުވިއެވެ. ނަމަވެސް އެއަށް އަމަލު ކޮށްފައި ނުވަނީސް އެ ވެރިކަން ނިމުނު ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
މިނިސްޓަރު ވިދާޅުވި ގޮތުގައި މި ސިސްޓަމް ގެނައުމުން ވޯކް ޕާމިޓްގެ ގޮތުގައި ދިވެހި ދައުލަތަށް 1.3 މިލިއަން ރުފިޔާ ވަދެގެން ދާނެ ކަމަށެވެ. އެއީ ކުރިން އަމަލު ކުރަމުން ދިޔަ ސިސްޓަމަށް ވުރެ ގިނަ އަދަދެއް ކަމަށާއި ކުރީގެ ސިސްޓަމުން ހޯދަން ޖެހޭ ފައިސާ އަދިވެސް ހޯދިފައިނުވާ ކަމަށް އިހުސާން ވިދާޅުވިއެވެ.
"ބަރާބަރު އާ ސިސްޓަމަކަށް ގޮސްގެން 700 މިލިއަނުން، 1.3 ބިލިއަން ރުފިޔާއަށް އާމްދަނީ އަހަރަކު އަރުވާލެވޭތީ އަޅުގަނޑުމެން މި ސިސްޓަމާ ދިމާލަށް ދާން ޖެހުނީ. މި ބޭފުޅުން ވިދާޅުވީ ދައުލަތަށް 400 ރުފިޔާ ގެއްލުންވެޔޭ. އަޅުގަނޑު މި ބުނަނީ ދައުލަތަށް 500 އެތައް މިލިއަން ރުފިޔާ އިތުރަށް ފައިދާ ވާ ވާހަކަ،" އިހުސާން ވިދާޅުވިއެވެ.
އިހުސާން ވިދާޅުވީ މި މައްސަލައިގައި ދައުލަތަށް ފައިދާވާން އޮއްވައި ގެއްލުން ކުރުވައިފި ކަމަށް އިދިކޮޅުން ތުހުމަތު ކުރި ނަމަވެސް، އެކަން އެގޮތަށް ކޮށްފައި އޮތީ ކުރީ ސަރުކާރުން ކަމަށެވެ. ކުރީ ސަރުކާރުން އެ މައްސަލައަށް ހައްލެއް ނުހޯދައި ދައުލަތަށް އެތައް މިލިއަނަކުން ފައިދާވާން އޮތް މައްސަލައެއްގައި ގެއްލުން ދީފައިވާތީ، ކުރީ ސަރުކާރުގެ ހުރިހާ ވެރިންގެ މައްޗަށް ޖިނާއީ ތަހުގީގެއް ކޮށްދިނުމަށް އެދި އޭސީސީއަށް ހުށަހަޅާނެ ކަމަށް އިހުސާން ވަނީ ވިދާޅުވެފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު