ލީގު ތަށި ނަގީންވެއްޖެ ކަމަށް ބުނެ، ލިވަޕޫލް ސަޕޯޓަރުން އަޑު ހަރުކޮށް ކިޔަމުންދިޔަ ޗޭންޓަކީ މުޅިން ރަނގަޅު ޗޭންޓެއް ނޫން ކަމަށް ކޯޗު އާނޭ ސްލޮޓް ބުނެފިއެވެ.
ލިވަޕޫލުން އެންމެފަހުން ލީގުގައި ކުޅުނު މެޗުގައި ޗެމްޕިއަން ސިޓީ ބަލިކުރީ 2-0 ގެ ނަތީޖާއަކުންނެވެ. އެ ނަތީޖާއާ އެކު ތާވަލުގެ އެއްވަނައިގައި އެޓީމުން ވަނީ 11 ޕޮއިންޓްގެ ލީޑެއް ނަގައިފައެވެ.
އާސެނަލް ބަލިވުމުގެ ފައިދާ ފުރިހަމައަށް ނަގައި ލިވަޕޫލް އެއްވަނައިގައި އޮތީ 27 މެޗުން 64 ޕޮއިންޓާއެކުގައެވެ. އާސެނަލް 26 މެޗުން 53 ޕޮއިންޓާއެކު ދެވަނައިގައި އޮތް އިރު، ތިންވަނައިގައި އޮތް ނޮޓިންހަމް ފޮރެސްޓަށް 26 މެޗުން ލިބިފައި ވަނީ 47 ޕޮއިންޓެވެ.
އެ ހާލަތުގައި ޓީމު އޮތުމުން ސިޓީ މެޗުގައި އެޓީމުގެ ސަޕޯޓަރުން ވަނީ "ލީގު ނަގާނެ" ކަމަށް ބުނެ ޗޭންޓް ކޮށްފައެވެ. އެ ޗޭންޓާ އެކު ކޯޗު ސްލޮޓް ބުނީ، ޕްރިމިއާ ލީގުގައި ކިތަންމެ ބޮޑު ލީޑެއްގައި އޮތަސް ވިސްނަން ޖެހޭނެ ކަމަށެވެ.
"އެހެން ކޮންމެ ލީގެއް ވިޔަސް، މިހާ ބޮޑު ލީޑެއްގައި އޮތުމަކީ ވަރަށް ބޮޑު ޔަގީންކަމެއް ލިބޭނެ ކަމެއް. އެހެންވިޔަސް މިއީ އިނގިރޭސި ޕްރިމިއާ ލީގު. މި ލީގުގައި ހުރިހާ މެޗަކީވެސް ޗެލެންޖިން މެޗުތަކެއް. އަދި ދެވަނަ ޑިވިޝަނާއި ތިންވަނަ ޑިވިޝަނުގެ ޓީމަކާ ކުޅެން ޖެހުނަސް އަހަރެމެންނަށް އެއީ ޓަފް މެޗެއް،" ސްލޮޓް ބުންޏެވެ.
ސްލޮޓް ބުނީ "ސަޕޯޓަރުންނަށް ބޭނުން ޗޭންޓެއް، ބޭނުން ލަވައެއް ކިޔޭނެ،" ނަމަވެސް، އެ ޗޭންޓްގައި ބުނާ ލީގު ތަށި ހޯދުމަށް ކުރަން ޖެހޭ މަސައްކަތް ޓީމުން ހަނދާން ނައްތާލައިގެން ނުވާނެ ކަމަށެވެ.
ލިވަޕޫލް
ލިވަޕޫލް
ލިވަޕޫލް
ލިވަޕޫލް