ރައްޔިތުންގެ މަޖިލީހަށް ބިލެއް ހުށަހެޅުމަކީ ސުޕްރީމް ކޯޓުގެ ބާރު ކަނޑުވާލުމެއް ނޫން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބުދުﷲ ވިދާޅުވެއްޖެއެވެ.

މަޖިލީހުގެ ރައީސް މިހެން ވިދާޅުވީ، ސުޕްރީމް ކޯޓުގެ ހަތް ފަޑިޔާރުންގެ އަދަދު ފަސް ފަނޑިޔާރުންނަށް ކުޑަކުރުމަށް، ކޯޓުތަކުގެ ގާނޫނަށް އިސްލާހު ގެންނަން ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް މިއަދު ފޮނުވި ބިލާ ބެހޭގޮތުން އިދިކޮޅު އެމްޑީޕީގެ މަޖިލިސް މެންބަރުން ދެއްކެވި ވާހަކަތަކަށް ރައްދު ދެއްވުމުގެ ގޮތުންނެވެ.

އެ ބިލަކީ، ސުޕްރީމް ކޯޓުގެ ފަނޑިޔާރުންނަށް ނުފޫޒު ފޯރުވަން ކުރާ މަސައްކަތެއް ކަމަށް ތުހުމަތު ކުރައްވައި، އެކަން ހުއްޓާލަން ގޮވާލައި، ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާއަށް، އިދިކޮޅު އެމްޑީޕީގެ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއީލް އަހްމަދު ނަސީމް ހުށަހަޅަން މަސައްކަތް ކުރެއްވި ކުއްލި މައްސަލަ ހުށަހަޅަން ރިޔާސަތުން ފުރުސަތު ނުދެއްވިއެވެ.

އެކަމާ ގުޅިގެން މަޖިލިސް ޖަލްސާގައި ވާހަކަ ދައްކަވަމުން މީކާއީލް ވިދާޅުވީ، ސުޕްރީމް ކޯޓުގައި މަޖިލީހާ ގުޅޭ ދުސްތޫރީ މައްސަލައެއް ހިނގަމުން ދަނިކޮށް، ވެރިކަންކުރާ ޕީއެންސީގެ މަޖިލިސް މެންބަރަކު މެދުވެރިކޮށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އެފަދަ ބިލެއް ފޮނުވުމަކީ، މަޖިލީހާއި ރާއްޖޭގެ އެންމެ މަތީ ކޯޓަށް ނުފޫޒު ފޯރުވުމަށް ކުރެއްވި ކަމެއް ކަމަށެވެ.

އިގުތިސޯދީ އިސްލާހީ އެޖެންޑާގެ ދަށުން ދައުލަތުގެ ހަރަދުތައް ކުޑަކުރުމުގެ މަގުސަދުގައި ކުރިއަށް އޮތް ދެ އަހަރު ދުވަހުގެ މުއްދަތަށް އެޅުމަށް ނިންމާފައިވާ ފިޔަވަޅުތަކާ ގުޅޭގޮތުން ރައީސުލްޖުމްހޫރިއްޔާ ފޮނުއްވާފައިވާ މައްސަލަ، މާލިއްޔަތު ކޮމިޓީން ދިރާސާކޮށް ނިންމައި، މަޖިލީހަށް ހުށަހެޅުއްވި ރިޕޯޓަށް ކުރިއަށް ގެންދިޔަ ބަހުސްގައި، ބިލް ހުށަހެޅީ ސުޕްރީމް ކޯޓަށް ނުފޫޒު ފޯރުވަން ކަމަށް ވިދާޅުވެ ތަކުރާރުކޮށް މީކާއީލް ދެއްކެވި ވާހަކަ ހުއްޓުވަން ރިޔާސަތުން މަޖިލީހުގެ ރައީސް މަސައްކަތް ކުރެއްވިއެވެ.

ނަމަވެސް ޖަލްސާގެ ހުސްވަގުތު ކޮޅާ ހަމައަށް ދިޔައިރު ވެސް އެ ވާހަކަ މީކާއީލް ހުއްޓަވައެއް ނުލެއްވިއެވެ.

އެހެންކަމުން ޖަލްސާ ހުސްވަގުތުކޮޅަށް މެދުކަނޑުއްވާލައްވަމުން މަޖިލިސް ރައީސް ވިދާޅުވީ، ރައްޔިތުންގެ މަޖިލީހަކީ ގާނޫނުއަސާސީ އާއި ގާނޫނުތަކަށް ބަދަލު ގެނެސް، ގާނޫނުތައް ހަދައި ގާނޫނުތައް އިސްލާހު ކުރުމުގެ ބާރު މުތުލަގަށް އޮންނަ މަޖިލީހެއް ކަމަށެވެ.

"އެހެންކަމުން މަޖިލީހަށް ބިލެއް ހުށަހެޅުމަކީ މަޖިލިސް ހަތިޔާރަކަށް ބޭނުން ކުރަނީ ކަމަށް ވިދާޅުވުން ބަލައެއް ނުގަނެވޭނެ،" މަޖިލިސް ރައީސް ވިދާޅުވިއެވެ.