ޖަރުމަނު ލީގު ތާވަލުގެ އެއްވަނައިގައި އޮތް ބަޔާން މިއުނިކުން ރޭ ކުޅުނު މެޗުގައި ތަފާތު ބޮޑުކޮށް އެއިންޓްރެޗް ފްރެންކްފާޓް ބަލިކޮށްފިއެވެ.
ރޭގެ މެޗަށް ނުކުތް އިރު، އެއްވަނައިގައި އޮތް ބަޔާނާއި ދެވަނައިގައި އޮތް އެންމެފަހުގެ ޗެމްޕިއަން ބަޔާން ލެވަކޫސަންއާ ދެމެދު އޮތީ ފަސް ޕޮއިންޓެވެ. އެއީ ހޮނިހިރު ދުވަހުގެ ރޭ ލެވަކޫސަންއިން ކުޅުނު މެޗު ކާމިޔާބު ކޮށްފައި އޮތުމުންނެވެ.
އެ ނަތީޖާއާއެކު ބަޔާނަށް މޮޅެއް މުހިއްމުވެފައި އޮވެ، ރޭ އަމިއްލަ ދަނޑުގައި ފްރެންކްފާޓް ބަލިކުރީ 4-0 ގެ ނަތީޖާއަކުންނެވެ.
އެއާއެކު ބަޔާން އެއްވަނައިގައި އޮތީ 23 މެޗުން 58 ޕޮއިންޓާއެކުގައެވެ. ދެވަނައިގައި ލެވަކޫސަން އޮތީ 50 ޕޮއިންޓާއެކުގައެވެ. ރޭ ބަލިވި ފްރެންކްފާޓް ތިންވަނައިގައި އޮތީ 23 މެޗުން 42 ޕޮއިންޓާއެކުގައެވެ.
ފުރަތަމަ ހާފުގެ ބޮޑު ބައެއްގައި ބަޔާނަށް ގޯލެއް ޖަހަން އުނދަގޫތަކަކާ ދިމާވެފައިވާ އިރު، އެޓީމުން ލީޑު ނެގީ ފުރަތަމަ ހާފުގެ އިތުރު ވަގުތުގެ ތެރޭގައެވެ. އެ ގޯލު ޖެހީ މައިކަލް އޮލީސޭއެވެ. އެއީ ލެރޮއި ސާނޭއާ ދެކުޅުންތެރިން ރަނގަޅަށް ލިންކް އަޕް ވެގެން ކާމިޔާބުކުރި ގޯލެކެވެ.
ދެވަނަ ހާފަށް ނުކުމެ، 16 މިނެޓް ކުޅެވުނުތަކާ ބަޔާނުން ދެވަނަ ގޯލެއްވެސް ޖެހިއެވެ. ކޯނަރެއްގައި ފްރެންކްފާޓް ޑިފެންޑަރުންނަށް ރަނގަޅަށް ބޯޅަ ސާފުކޮށް ނުލެވިގެން އުޅެނިކޮށް ބަޔާނަށް ދެވަނަ ގޯލު ޖަހައިދިނީ ހިރޯކީ އިޓޯއެވެ.
އޭގެ އިރުކޮޅެއްފަހުން ޖަމާލް މުސިއާލާގެ ޖާދުލާއެކު ބަޔާނުން ތިންވަނަ ގޯލެއްވެސް ޖެހި އިރު، މެޗު ނިމެން ދަނިކޮށް އެޓީމުގެ ހަތަރުވަނަ ގޯލެއް ޖެހީ ބަދަލަކަށް މެޗަށް ނުކުތް ސާޖް ނަބެރީއެވެ.
ޖަރުމަން ބުންޑަސްލީގާ
ޖަރުމަން ބުންޑަސްލީގާ
ޖަރުމަން ބުންޑަސްލީގާ
ޖަރުމަން ބުންޑަސްލީގާ