ސްޕެނިޝް ލީގުގައި ރޭ ރެއާލް މެޑްރިޑުން ކުޅުނު މެޗުގައި ޖިރޯނާ ކައިރިން މޮޅުވެއްޖެއެވެ.
އެ މޮޅަކީ ޗެމްޕިއަން ރެއާލުން ތަށި ދިފާއުކުރުމަށް ކުރަމުންދާ މަސައްކަތުގައި މުހިއްމު މޮޅެކެވެ. ތަށީގެ ރޭހުގައި ދާދި ހަމަހަމަކޮށް ފެނިގެންދާ ބާސެލޯނާއާއި އެތުލެޓިކޯ މެޑްރިޑްވެސް ރޭ ކުޅުނު މެޗުތައް ކާމިޔާބު ކޮށްފައި އޮތުމުން، ރެއާލަށް އޮތީ މޮޅެއް މަޖުބޫރުވެފައެވެ.
ރޭ އަމިއްލަ ދަނޑުގައި ރެއާލުން ޖިރޯނާ ކައިރިން މޮޅުވީ 2-0 ގެ ނަތީޖާއަކުންނެވެ. އެ ނަތީޖާއާއެކު އެޓީމު ދެވަނައަށް ޖެހިލީ 25 މެޗުން 54 ޕޮއިންޓާއެކުގައެވެ. ބާސާ އެއްވަނައިގައި 25 މެޗުން 54 ޕޮއިންޓާއެކު އޮތީ ފައިދާ ގޯލުގެ ފަރަގުންނެވެ. ތިންވަނައިގައި އެތުލެޓިކޯ މެޑްރިޑް އޮތީ 25 މެޗުން 53 ޕޮއިންޓާއެކުގައެވެ.
ސަސްޕެންޝަންގެ ސަބަބުން ޖޫޑް ބެލިންހަމްއަށް ރޭގެ މެޗު ނުކުޅެވި ބަލަން އިންނަން ޖެހުނު އިރު، އެތަން ފޫބައްދަން ނުކުތީ ލޫކާ މޮޑްރިޗެވެ. އޭނާގެ ތަފާތު ފުރަތަމަ ގޯލުންވެސް ފެނިގެން ދިޔައެވެ.
ގާތްގަނޑަކަށް 25 ޔާޑް ދުރުން ލިބުނު ބޯޅައެއް މެއިން ކޮންޓްރޯލް ކޮށްލައި، ހާފް ވޮލީއެއްގައި ވައްދާލީ ގޯލުގެ ކަނަށެވެ. ޖިރޯނާގެ ކީޕަރު ޕައުލޯ ގަޒަނީގާއަށް އެ ބޯޅަ ހުއްޓުވަން ކުރެވޭނެ އެއްވެސް މަސައްކަތެއް ނެތެވެ.
ޖިރޯނާއިން މެޗު އެއްވަރުކުރުމަށް ކުރި މަސައްކަތުގައި ޑޮނީ ވެން ޑަ ބީކް ފޮނުވާލި ހަމަލާގެ އިތުރުން އާނައުޓް ޑަންޖޫމާ ފޮނުވާލި ހަމަލާވެސް މަތަކުރީ ރެއާލްގެ ކީޕަރު ތީބޯ ކޯޓުއާއެވެ.
ރެއާލްގެ އިތުރު ހަމަލާތަކަށް ބަލާ އިރު، ދެވަނަ ހާފުގައި ލޫކަސް ވަޒްކޭޒް ފޮނުވާލި ހަމަލާ މަތަކުރީ ގަޒަނީގާއެވެ. އަދި އޭގެ އިތުރުން އޭނާގެ ހަމަލާއަށް ދަނޑި ކައިރިން ބޭރަށްވެސް ދިޔައެވެ.
މެޗު ނިމެން ދަނިކޮށް ރެއާލްގެ ދެވަނަ ގޯލަކުން ތިން ޕޮއިންޓް ޔަގީންކޮށްދިނީ ވިނީޝިއަސް ޖޫނިއާއެވެ. އެއީ ކިލިއަން އެމްބާޕޭ ތަނަވަސްކޮށްދިން ފުރުސަތެއްގައި އޭނާ ޖެހި ގޯލެކެވެ.
ސްޕެނިޝް ލަލީގާ
ސްޕެނިޝް ލަލީގާ
ސްޕެނިޝް ލަލީގާ
ސްޕެނިޝް ލަލީގާ