އައްޑޫ ސިޓީ ހުޅުމީދޫގައި، ރޭސިން މުބާރާތަކަށް ފަރިތަކުރަމުންދިޔަ ޒުވާނަކު އެކްސިޑެންޓުވެ، އައިސީޔޫގައި ފަރުވާދޭން ފަށައިފިއެވެ.
"ވަން" އަށް މައުލޫމާތު ލިބިފައިވާ ގޮތުން، އެކްސިޑެންޓުވި ޒުވާނަކީ 18 އަހަރުގެ މުހައްމަދު އިލްމު އެވެ. އޭނާ އެކްސިޑެންޓުވީ އިއްޔެ ހެނދުނު 11:30 ހާއިރު ސައިކަލު ރޭސިން ޕްރެކްޓިސްގެ ވަގުތު އޭނާގެ ސައިކަލު ކޮންޓްރޯލު ނުވެ، ހަދަން ފަށާފައި ހުރި ގެއެއްގެ ތަނބެއްގައި ޖެހިގެންނެވެ.
އޭނާއަށް އެންމެ ފުރަތަމަ ފަރުވާ ދިނީ އައްޑޫ އީކުއެޓޯރިއަލް ހޮސްޕިޓަލުންނެވެ. ނަމަވެސް ހާލު ސީރިއަސްވުމުން އިތުރު ފަރުވާއަށް އިއްޔެ އޭނާ ވަނީ މާލެ ގެނެސް، އައިޖީއެމްއެޗްގައި ފަރުވާދޭން ފަށައިފައެވެ.
އައިޖީއެމްއެޗް މީޑިއާގެ އޮފިޝަލަކު މިއަދު "ވަން" އަށް ވިދާޅުވީ އެ ޒުވާނާ އޮތީ މިވަގުތު އައިސީޔޫގައި ކަމަށެވެ.
އިލްމު ޕްރެކްޓިސް ކުރަމުން ދިޔައީ އައްޑޫ މޮޓޯސްޕޯޓްސް އެސޯސިއޭޝަނުން މިއަދު ހުޅުމީދޫގައި ފެށުމަށް ހަމަޖައްސާފައިވާ "އެންމެންގެ ޑްރެގް ޗެމްޕިއަންޝިޕް 2025" ގެ ދެވަނަ އެޑިޝަންއަށެވެ.
އައްޑޫ މޮޓޯސްޕޯޓްސް އެސޯސިއޭޝަނުން މިއަދު "ވަން" އަށް ބުނީ އެ އެކްސިޑެންޓުގައި އަނިޔާވި ޒުވާނާއަކީ އެ އެއޯސިއޭޝަންގެ މުބާރާތަކަށް ފަރިތަކުރަމުންދިޔަ ޒުވާނެއް ކަމަށެވެ.
"މަސްދުވަސް ވެދާނެ ޕްރެކްޓިސް ކުރާތާ. ޓީމުތަކާއެކީގައި. ޕްރެކްޓިސްތަކުގައި ގަވައިދާ އެއްގޮތަށް ސައިކަލުތައް މެއިންޓެއިން ކުރަންޏާ އެކްސިޓެންޑެއް ހިނގުމަކީ ވަރަށް ނާދިރުކަމެއް. މި ކުޅިވަރަކީ އެކްސްޓްރީމް ކުޅިވަރެއް ވީމަ އެކްސިޑެންޓެއް ދިމާވެދާނެ. ގަވާއިދާ އެއްގޮތަށް ކުރިއަށްދިޔައީމަ، އިންޖަރީއެއް ނުވެ ކުރިއަށްދެވިދާނެ،" އެ އެސޯސިއޭޝަނުން ބުންޏެވެ.
ޚަބަރު
ޚަބަރު
ޚަބަރު