ރާއްޖެއާއި ސިންގަޕޫރާ ދެމެދު ސިޔާސީ ގުޅުން ގާއިމުކުރީތާ 50 އަހަރު ފުރިއްޖެއެވެ.

ރާއްޖެއާއި ސިންގަޕޫރާ ދެމެދު ސިޔާސީ ގުޅުން ގާއިމުކޮށްފައިވަނީ 1975 ފެބްރުއަރީ 20 ގައެވެ.

ދެ ގައުމުގެ ސިޔާސީ ގުޅުމަށް 50 އަހަރު ފުރުމުގެ މުނާސަބަތުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވަނީ ދިވެހި ސަރުކާރާއި ރައްޔިތުންގެ ނަމުގައި، ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމް އަދި ބޮޑުވަޒީރު ލޯރެންސް ވޮންގްއަށް ތަހުނިޔާ ފޮނުއްވައިފައެވެ.

"މި ދެ ބޭފުޅުންނަށް ވަކިވަކިން ފޮނުއްވި ސިޓީފުޅުތަކުގައި، ދިވެހިރާއްޖެ އާއި ސިންގަޕޫރާ ދެމެދު އޮތް ގާތް ގުޅުން ފާހަގަކުރައްވާ، މި ގުޅުން ކުރިޔަށް އޮތް އަހަރުތަކުގައި ބަދަހިވެގެންދާނެ ކަމަށް އުންމީދު ކުރައްވާ ކަމުގައި ވިދާޅުވިއެވެ. އަދި ދެ ގައުމުގެ ކުރިމަގަށް މުހިންމު އެކިއެކި ފުރުސަތުތައް ހޯދުމަށް ދެ ގައުމު ގުޅިގެން މުސްތަގުބަލުގައި މަސައްކަތް ކުރުމުގެ އުންމީދު އެ މަނިކުފާނު އައުކުރެއްވިއެވެ." ރައީސް އޮފީހުން ބުންޏެވެ.

އެ ސިޓީގައި ރައީސް ވަނީ ދެ ގައުމުގެ ރައްޔިތުންގެ މެދުގައި އޮތް ބަދަހި ގުޅުންތަކާއި ވިޔަފާރީގެ ގުޅުމަށް އިޝާރާތް ކުރައްވައި، ދެ ގައުމުގެ ސިޔާސީ ގުޅުންތައް ބަދަހި ކުރުމުގައި ވޭތުވެދިޔަ އަހަރުތަކުގައި މަތީ ފަންތީގެ މުއާމަލާތްތައް އިތުރުވެފައިވާކަން ފާހަގަ ކުރައްވައިފައި ކަމަށް ރައީސް އޮފީހުން ބުންޏެވެ.

ރައީސް ވަނީ ސިންގަޕޫރުގެ ރައީސް ޝަންމުގަރަނަމް އަދި ބޮޑުވަޒީރު ވޮންގްއަށް ފުރިހަމަ ސިއްހަތާއި ދުޅަހެޔޮކަމަށް އެދިވަޑައިގެން، އަދި އެ ގައުމުގެ ރައްޔިތުންނަށް ކުރިއެރުމާއި ފާގަތިކަމަށް އެދިވަޑައިގަންނަވައިފައި ކަމަށް ވެސް ރައީސް އޮފީހުން ބުންޏެވެ.