މޯލްޑިވްސް އޮލިމްޕިކް ކޮމިޓީ (އެމްއޯސީ) އިން ރޭ ބޭއްވި އަހަރީ އާންމު ޖަލްސާގައި މިއަހަރަށް ދަރަނި ބަޖެޓެއް ކަމަށްވާ، 63 މިލިއަން ރުފިޔާގެ ބަޖެޓެއް ފާސްކޮށްފިއެވެ.
އެމްއޯސީގެ އަހަރީ އާއްމު ޖަލްސާ ރޭ އޮތީ ހެންވޭރު މީރުމާ މާލަމުގައެވެ. އިވެންޓްގައި ކުޅިވަރު އެސޯސިއޭޝަންތަކުގެ މަންދޫބުންނާއި ކުޅިވަރާ ބެހޭ މަޖިލީހުގެ ބޭފުޅުންނާއި އެމްއޯސީގެ އެކްސްކޯ ބައިވެރިވެރިވެވަޑައިގަތެވެ. އަދި އިވެންޓް ޝަރަފުވެރިކޮށްދެއްވީ ސްޕޯޓްސް މިނިސްޓަރު އަބްދުﷲ ރާފިއުއެވެ.
އެމްއޯސީގެ އާއްމު ޖަލްސާގައި މިފަހަރު ފާސްކޮށްފައިވާ 63 މިލިއަން ރުފިޔާގެ ބަޖެޓަށް މައިގަނޑުކޮށް ލިބޭނެ ކަމަށް އަންދާޒާކޮށްފައިވާ ފައިސާއަކީ ސަރުކާރުން ދޭ ފައިސާއެވެ. އެއީ މިއަހަރު ރާއްޖޭގެ އެތުލީޓުން ތިން ގޭމްސްއެއްގައި ވާދަކުރަން ނިންމާފައިވާތީއެވެ. އެމްއޯސީން ބުނީ ސަރުކާރުން ގާތްގަނޑަކަށް 50 މިލިއަން ރުފިޔާ ގޭމްސްތަކަށް ލިބޭނެ ކަމަށް ބެލެވޭ ކަމަށެވެ.
މިއަހަރު ރާއްޖެއިން ވާދަކުރަން އޮތް ތިން ގޭމްސްއަކީ އޮކްޓޯބަރު މަހު ބަހްރޭންގައި އޮންނަ ތިންވަނަ އޭޝިއަން ޔޫތު ގޭމްސްއާއި ނޮވެމްބަރު މަހު ސައުދީ އަރަބިއާގައި ބާއްވަން ތާވަލުކޮށްފައިވާ އިސްލާމިކް ސޮލިޑާރިޓީ ގޭމްސްގެ އިތުރުން 14 ވަނަ ސައުތު އޭޝިއަން ގޭމްސްއެވެ. ސައުތު އޭޝިއަން ގޭމްސް ޕާކިސްތާނުގައި ބާއްވަން ނިންމާފައިވާ އިރު، އެ ގޭމްސް އޮންނާނެ ތާރީހެއް އަދި ޕާކިސްތާނުން އިއުލާނުކޮށްފައެއް ނުވެއެވެ.
ރާއްޖެއިން ދާ ތިން ގޭމްސްއަށް ޖުމުލަ ގާތްގަނޑަކަށް 47 މިލިއަނެއްހާ ރުފިޔާ ހަރަދުވާނެ ކަމަށް އަންދާޒާކޮށްފައިވާ އިރު، އެންމެ ބޮޑު ކޮންޓިޖެންޓެއް ދާނެ ކަމަށް ލަފާކުރެވެނީ ސައުތު އޭޝިއަން ގޭމްސްއަށެވެ.
އެމްއޯސީގެ ރައީސް މުހައްމަދު އަބްދުލް ސައްތާރު (ޗަމްޕި) ރޭ ވިދާޅުވީ ގޭމްސްތަކަށް ހޭދަވާނެ ފައިސާގެ ތަފްސީލު މިނިސްޓްރީއަށް ހުށަހަޅާފައިވާ ކަމަށާއި، އެކަމުގައި މިނިސްޓްރީން އަދި ޖަވާބެއް ނުދޭތީ ގޭމްސްތަކަށް ގެންދާނެ ކޮންޓިޖެންޓްތަކެއް އަދި ފައިނަލް ނުކުރެވޭ ކަމަށެވެ.
ގޭމްސްތަކުގެ ހަރަދާ ގުޅިގެން އެމްއޯސީގެ ސެކްރެޓަރީ ޖެނެރަލް ތަމޫހު އަހުމަދު ސައީދު (ތަމޫ) ވިދާޅުވީ މިހާރު އޮތް ގޮތުން ގޭމްސްތަކުގެ ހަރަދު އަންދާޒާ ކޮށްފައި ވަނީ، މިވަގުތު ރާއްޖޭގައި ފަރިތަކުރަމުންދާ ހުރިހާ ކުޅިވަރަކަށްވެސް ބަލައިގެން ކަމަށާއި، ގޭމްސްތަކަށް ގެންދާނެ ކުޅިވަރުތައް ކަނޑައަޅާނީ އެހެން ފަހަރުތަކެކޭވެސް އެއްގޮތަށް އެމްއޯސީއާއި ކުޅިވަރު ކައުންސިލް އަދި މިނިސްޓްރީންވެސް ވާހަކަ ދައްކައިގެން ކަމަށެވެ.
ގޭމްސްތަކުގެ އިތުރުން އެމްއޯސީން މިދިޔަ އަހަރެކޭ އެއްގޮތަށް މިއަހަރު އެސޯސިއޭޝަންތަކަށް އެހީތެރިކަން ފޯރުކޮށްދޭން ނިންމާފައިވެއެވެ. އެއީ މާލީ އެހީތެރިކެވެ. އެގޮތުން މިދިޔަ އަހަރުގެ ތިން އެސޯސިއޭޝަނެއްގެ ޕްރޮޕޯސަލްތަކަކަށް އަތޮޅު ތެރޭގެ ކުޅިވަރު ކުރިއަރުވަން ބަޖެޓުން ފައިސާ ދޫކޮށްފައިވާ އިރު، އިތުރު 11 އެސޯސިއޭޝަނަކަށް މާލީ އެހީތެރިކަން ފޯރުކޮށްދީފައިވެއެވެ.
އެމްއޯސީން ރޭ ބޭއްވި އާއްމު ޖަލްސާގައި މިދިޔަ އަހަރު އެކިއެކި ހިދުމަތްތައްކޮށްދިން ފަރާތްތަކަށް އެވޯޑު ހަވާލުކޮށްފައިވެއެވެ. އޭގެ އިތުރުން މިދިޔަ އަހަރު ފްރާންސްގައި އޮތް އޮލިމްޕިކްސްއަށް ރާއްޖޭގެ ކޮންޓިޖެންޓްގެ ޗެފް ޑި މިޝަންގެ ގޮތުގައި ދިޔަ އަލީ ރަޝީދު (އައްޔަ)ގެ އަގުވެސް ވަޒަން ކޮށްފައިވެއެވެ.
މޯލްޑިވްސް އޮލިމްޕިކް ކޮމިޓީ
މޯލްޑިވްސް އޮލިމްޕިކް ކޮމިޓީ
މޯލްޑިވްސް އޮލިމްޕިކް ކޮމިޓީ
މޯލްޑިވްސް އޮލިމްޕިކް ކޮމިޓީ