އިލެކްޝަންސް ކޮމިޝަން (އީސީ)ގެ ރައީސްކަމަށް މުހައްމަދު ޒާހިދު ދަފުތަރު ނަމްބަރު ރސ. 1548، އައްޔަންކޮށް، ނައިބު ރައީސް ކަމަށް އަބްދުއްރަހްމާން ސަލާހް ރަޝީދު، ރޯޒް، ކ. ހުރާ، އައްޔަން ކުރަން، މަޖިލީހުން ރުހުންދޭން ފެންނަ ކަމަށް ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފިއެވެ.

އެ ދެ ބޭފުޅުންނަށް ރުހުން ހޯއްދެވުމަށް ރައީސުލްޖުްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މަޖިލީހަށް ފޮނުއްވުމުން، އެ މައްސަލަ ދިރާސާކުރަން ފޮނުވި މިނިވަން މުއައްސަސާތަކުގެ ކޮމިޓީން ވެސް ވަނީ އެ ބޭފުޅުންނަށް ރުހުން ދޭން ފެންނަ ކަމަށް އިއްޔެ ފާސްކޮށްފައެވެ.

އެ ކޮމިޓީން މަޖިލިސް ތަޅުމަށް ހުށަހެޅި ރިޕޯޓުގައިވާ ގޮތަށް، އެ ދެ ބޭފުޅުންނަށް ރުހުން ދޭން މަޖިލީހުން ފާސްކުރީ، ޖަލްސާގައި ތިއްބެވި 81 މެންބަރުންގެ ތެރެއިން 68 މެންބަރުން ވޯޓުދެއްވައިގެންނެވެ. ނަމަވެސް ވޯޓުގައި ބައިވެރިނުވާ 12 މެންބަރުން ޖަލްސާގައި ތިއްބެވިއެވެ.

މަޖިލީހުން ރުހުމާއެކު، އީސީގެ މެންބަރު ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މި ދެ ބޭފުޅުން އައްޔަން ކުރެއްވީ، މިދިޔަ ޖެނުއަރީ މަހުގެ 26 ވަނަ ދުވަހުއެވެ.