މާލޭ މަގުތަކުގައި ހުރި 235 ބާ ވެހިކަލްތައް ނަގައި ޓޯ ކޮށްފިއެވެ.

ޕުލުހުން އިއްޔެ ބުނީ މާލޭގެ މަގުތަކުގައި ދިގު މުއްދަތަކަށް ބޭނުންނުކޮށް ދޫކޮށްލާފައި ހުރި އުޅަނދުތައް ނެގުމުގެ މަސައްކަތުގެ ދަށުން 201 ސައިކަލު، ހަތަރު ފުރޮޅުލީ 31 އުޅަނދު އަދި ތިން ބައިސްކަލު ޓޯކޮށްފައިވާ ކަމަށެވެ.

"މި މަސައްކަތުގެ ދަށުން ޖުމްލަ 235 އުޅަނދެއް ވަނީ ޓޯ ކޮށްފައި," ފުލުހުން ބުންޏެވެ.

މާލޭގެ މަގުތައް ތަރުތީބުކޮށް، ރީތިކުރަން ކުރަމުން އަންނަ މަސައްކަތުގެ ދަށުން، މާލޭގެ މަގުތަކުގައި ހުރި ބާ ވެހިކަލްތައް މާލޭ ސިޓީ ކައުންސިލާއި ފުލުހުން ގުޅިގެން ނަގަން ފެށީ 2024 ސެޕްޓެމްބަރު 21 ގައެވެ.

އެ ހަރަކާތުގެ ތެރެއިން ކަވަރު ނެއްޓި، ބާވެ ހަލާކުވެފައި ހުންނަ ވެހިކަލްތަކާއި ގިނަ ދުވަހު ބޭނުން ނުކޮށް މަގުތަކަށް ދޫކޮށްލާފައި ހުރި ވެހިކަލްތަކުގެ އިތުރުން ދަބަރު ޖަހާފައި ހުންނަ ވެހިކަލްތައް ވެސް ޓޯ ކުރިއެވެ.

އޭގެ އިތުރުން މާލެ އާއި ހުޅުމާލޭގެ މަގުތަކުގައި ބޭނުންނުކޮށް ގިނަ ދުވަސްވަންދެން ބަހައްޓާފައި ހުރި ވެހިކަލްތައް ޓޯކޮށް، ނައްތާލުމަށް ޓްރާންސްޕޯޓް މިނިސްޓްރީ އާއި ސިޓީ ކައުންސިލް އަދި ފުލުހުންނާއި ވެމްކޯ ގުޅިގެން މިދިޔަ އަހަރުގެ ފެބްރުއަރީ މަހު ވެސް ޕްރޮގްރާމެއް ހިންގިއެވެ. އެ ޕްރޮގްރާމުގެ ތެރެއިން އެ ފަހަރު 300 އެއްހާ ވެހިކަލް ނައްތައިލިއެވެ.