މ. ގޯލްޑަން މޫން/ އަހުމަދު ނާޝިދުގެ ބަދަލުގައި އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ގެ ނައިބު ރައީސްކަމުގެ މަގާމަށް އައްޔަންކުރަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ރައްޔިތުންގެ މަޖިލީހަށް ފޮނުއްވި، ރ. އަލިފުށި، ފަސާނާ، އަބުދުﷲ ނާޝިދަށް ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީން ރުހުންދީފިއެވެ.

އަހުމަދު ނާޝިދާއި އަބްދުﷲ ނާޝިދަކީވެސް، ޖިލީހުން ރުހުން ދީގެން މިދިޔަ ޖެނުއަރީ މަހުގެ 26 ވަނަ ދުވަހު އޭސީސީގެ މެންބަރުކަމަށް ރައީސުލްޖުމްހޫރިއްޔާ އައްޔަން ކުރެއްވި ދެ ބޭފުޅުންނެވެ.

ނަމަވެސް އޭސީސީގެ ނައިބު ރައީސަކަށް އަހްމަދު ނާޝިދު އައްޔަން ކުރެއްވުމަށް ރައީސް މުއިއްޒު ރައްޔިތުންގެ މަޖިލީހަށް ފޮނުއްވީ މިމަހުގެ 10 ވަނަ ދުވަހުއެވެ. ނަމަވެސް ޖެހިގެން އައި ދުވަހު މިމަހުގެ 11 ވަނަ ދުވަހު، އަހުމަދު ނާޝިދުގެ ބަދަލުގައި އަބްދުﷲ ނާޝިދު އޭސީސީގެ ނައިބު ރައީސް ކަމަށް އައްޔަން ކުރެއްވުމަށް އެދިވަޑައިގެން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބުދުﷲ އަށް ސިޓި ފޮނުއްވިއެވެ.

އެ ސިޓީފުޅުގައި ވަނީ އަހުމަދު ނާޝިދުގެ ބަދަލުގައި އަބުދުﷲ ނާޝިދު އޭސީސީގެ ނައިބު ރައީސް ކަމަށް އައްޔަން ކުރަން މަޖިލީހުގެ ރުހުން ދެއްވުމަށް އެދިވަޑައިގެންފައެވެ.

ނަމަވެސް އެ ބަދަލު ގެންނެވި ސަބަބެއް ރައީސް ވިދާޅުވެފައެއް ނުވެއެވެ.

މިކަމާ ގުޅިގެން އަބުދުﷲ ނާޝިދަށް މަޖިލީހުން ރުހުން ދިނުމާ މެދު ގޮތެއް ނިންމުމަށް އެ މައްސަލަ މިނިވަން މުއައްސަސާތަކުގެ ކޮމިޓީއަށް ފޮނުއްވިއެވެ.

މިދިޔަ ހަފުތާ އެ ކޮމިޓީން ފާސްކޮށްފައި ވަނީ ނާޝިދަށް މަޖިލީހުން ރުންދޭން ފެންނަ ކަމަށެވެ.