ކުރިޔަށް އޮތް ރޯދަ މަހަށް ތައްޔާރުވުމަށް ސަރުކާރުގެ އިދާރާތައް ގުޅިގެން މާލެ ސާފު ކުރުމުގެ ބޮޑު ހަރަކާތެއް ފަށައިފިއެވެ.

މާލޭ ސިޓީ ކައުންސިލްގެ ތައިސޭކޮށީގެ ފުޓްސަލް ދަނޑުގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި "ރޯދަ ސާފު" ނަމުގައި ކުރިއަށް ގެންދާ މި ޕްރޮގްރާމް ފައްޓަވައިދެއްވީ، މިނިސްޓްރީ އޮފް ސިޓީސް ލޯކަލް ގަވާމަންޓް އެންޑް ޕަބްލިކް ވޯކްސްގެ މިނިސްޓަރު އާދަމް ޝަރީފު އުމަރެވެ.

މި ޕްރޮގްރާމް ފައްޓަވައިދެއްވަމުން މިނިސްޓަރު ވިދާޅުވީ ސާފުތާހިރުކަމުގެ ރީތި އާދަތައް އަށަގެންނެވުމަށާއި ކޮންމެ ތަނަކަށް ކުނި އުކާލުމުގެ ބަދަލުގައި ޑަސްބިން ތަކަށާއި ކުނި އަޅަން ހާއްސަ ތަންތަނަށް ކުނި އެޅުމުގެ އާދަ އަށަގަންނަވަން ހާއްސަ ސަމާލުކަމެއް ދޭންޖެހޭ ކަމަށެވެ.

މި ހަރަކާތް ކުރިއަށް ގެންދަނީ އެކި ގްރޫޕްތަކަށް ބަހާލައިގެންނެވެ. އެގޮތުން ގުރޫޕު އެކަކުން ސާފުކުރަމުން ދަނީ އާޓިފިޝަލް ބީޗް ސަރަހައްދެވެ. އެ ސަރަހައްދު ސާފުކުރުމުގައި އިސްކޮށް ހަރަކާތްތެރިވަނީ އާރުޑީސީ، މީރާ، ދިވެހިބަހާއި ސަގާފަތާއި ތަރިކައާ ބެހޭ މިނިސްޓްރީ، ލޯކަލް ގަވާމަންޓް މިނިސްޓްރީއެވެ.

ގުރޫޕް ދޭކުން ސާފުކުރަމުން ދަނީ އުސްފަސްގަނޑު ހިމެނޭ ސަރަހައްދެވެ. އެ ސަރަހައްދުގައި ހަރަކާތްތެރިވަނީ އެމްއެންޑީއެފް، އެމްޑަބްލިޔޫއެސްސީ، ހެރިޓޭޖު މިނިސްޓްރީ، ލޯކަލް ގަވާމަންޓް މިނިސްޓްރީއެވެ.

ގުރޫޕް ތިނަކުން ސާފުކުރަމުން ދަނީ އިންޑަސްޓްރިއަލް ޒޯން ހިމެނޭ ސަރަހައްދެވެ. އެ ސަރަހައްދު ސާފުކުރުމުގައި ހަރަކާތްތެރިވަނީ ޕޮލިސް، ކަރެކްޝަނަލް ސާވިސް، ކަސްޓަމްސް، ނެޝަނަލް ޑްރަގް އެޖެންސީ، ތަރިކަޔާބެހޭ މިނިސްޓްރީ، ލޯކަލް ގަވާމަންޓް މިނިސްޓްރީއެވެ.

ގްރޫޕު ހަތަރަކުން ސާފުކުރަނީ ޕޯޓްސް ލިމިޓެޑް ހިމެނޭ ސަރަހައްދެވެ. އެ ސަރަހައްދު ސާފުކުރުމުގައި ހަރަކާތްތެރުވަނީ ހެރިޓޭޖު މިނިސްޓްރީ، މިނިސްޓްރީ އޮފް ސިޓީސް، ލޯކަލް ގަވާމަންޓް މިނިސްޓްރީއެވެ.

ގްރޫޕް ފަހަކުން ސާފުކުރަނީ ސަލްމާން މިސްކިތް ހިމެނޭ ސަރަހައްދެވެ. އެ ސަރަހައްދު ސާފުކުރުމުގައި ހަރަކާތްތެރިވަނީ މޯލްޑިވްސް ގޭސް، ހެރިޓޭޖު މިނިސްޓްރީ، ލޯކަލް ގަވާމަންޓް މިނިސްޓްރީއެވެ.