އަޞްލު ލިޔުއްވީ : ޑޮކްޓަރ މުޙައްމަދު ރިޟަލް އިސްލާމް ނަދުވީ
ތަރުޖަމާކުރީ : ޢަބްދު الله ފާރޫޤް ޙަސަން
*********************
އެކާވީސްވަނަ ސައްތައިގެ އިޖްތިމާޢީ މައްސަލަތަކުގެ ތެރެއިން މުޅިދުނިޔެ އެމައްސަލައެއްގެ ބަނޑުދަށުލައިފައިވާ އެއްމައްސަލައަކީ މައިންގެ ރަޙިމުގައި އަންހެންދަރީން ޤަތުލުކުރުމުގެ މައްސަލައެވެ. ދިވެހިރާއްޖޭގެ ހަސްފަތާލުތަކާއި ކްލިނިކު ތަކުގައި އަދި މިހާތަނަށް މިކަން ކޮށްނުދޭ ކަމުގައި ވެދާނެއެވެ. އެކަމަކު މިކަމަކީ ފަހަކަށްއައިސް ދިވެހިޒުވާނުންވެސް ދަތުރު ހަދައިގެން ރާއްޖެއިން ބޭރަށްދާ އެއްބޭނުމެކޭ ނުދަންނަވައި އަޅުގަނޑަށް ފަރުޖެއްސޭކަށެއް ނެތެވެ. ވަކިޖިންސެއް ތަފާތު ނުކުރި ކަމުގައިވިޔަސްވެހެވެ.
ޢާންމުގޮތެއްގައި މުޖުތަމަޢުތަކުން ޤަބޫލުކޮށްފައިވާ ގޮތުގައި އަންހެންކުދީންނަކީ އެތަކެއް މައްސަލަތަކެއް އެކުދީންގެ ވުޖޫދާ ގުޅިފައިވާ ބައެކެވެ. އެކަންކަމާހުރެ ބޮލުގައި ރިއްސާތީ އެތައްބަޔަކު މަސައްކަތްކުރަނީ އަންހެން ކުދީން އުފަންވިޔަ ނުދޭށެވެ. ފެށުނީއްސުރެ އެކަމަށް އަންނަނީ އައުގޮތްތައް ހޯދާން މަސައްކަތް ކުރަމުންނެވެ. ސައިންސަށް އައި ތަރައްޤީގެ ސަބަބުން މިހާރުވަނީ މައިންގެ ރަޙިމުގައި ތިއްބައި ޖަނީންގެ (އެމްބުރިއޯ - މިއީ އަދި މިހައިތަނަށް ދިވެހިބަހެއް ހެދިފައިނެތް ބަހެކެވެ. ޢަރަބި ބަހާއި، އުރުދޫ ބަހުގައި ބޭނުންކުރަނީ ޖަނީން އެވެ.) ޖިންސު ދަނެގަނެވޭ އާލަތްތަކާއި މެޝީންތައް ވަނީ އިޖާދުކުރެވިފައެވެ. އެޖަނީނަކީ އަންހެން ޖަނީނެއް ކަމުގައިވާނަމަ ކުޑަވެސް ރަޙްމެއް ހަމްދަރުދީއެއްނެތި މަރުގެ އަނގަޔަށް ކޮއްޕައިލައެވެ. އެކަމުގެ ތެރޭގައި މައިމީހާގެ ފުރާނަޔަށް ހުށަހެޅިދާނެ ނުރައްކަލަކާމެދުވެސް ފަރުވާލެއް ނުބަހައްޓައެވެ.
ސަމާޖީމުސްލިޙުން ތިއްބަވަނީ އެކަމާހުރެ ގޮތްހުސްވެވަޑައިގެންފައެވެ. މިއަފޫރުއްބަ ޖަރީމާ ހުއްޓުވޭނެގޮތެއް ހިތްޕުޅަށް ނުގެންނެވިގެންނެވެ. ސަރުކާރުތަކުން ތަފާތު އެކި ވިސްނުމުގައި ޤާނޫނުތައް ހަދަމުން ގެންދެއެވެ. މިނުބައި ޢަމަލު ހިންގާ މީހުންނަށާއި އެކަމުގައި އެހީތެރިވެ އަތްބާރުއަޅައިދޭ މީހުންނަށް ހަރުކަށި އަދަބުތައް ކަނޑައަޅައެވެ. ސަރުކާރުތަކުގެ ހިންގުމުގެ ބާރުން އެޤާނޫނުތައް ތަންފީޒުކުރާން ހީވާގިކަމާއެކު މަސައްކަތްކުރެއެވެ. އެކަމަކުވެސް މިވަބާ ދަނީ އިންސާނީ މުޖްތަމަޢުގައި ކެންސަރެކޭ އެއްގޮތަށް ފެތުރެމުންނެވެ. މިނުބައި ބަލިމަޑުކަމުގެ ސަބަބުން އިންސާނީ ތަމައްދުނުގެ އޮނިގަނޑުވަނީ އެތެރެއިން ހޮއިހައްދައިލައިފައެވެ. އާދޭހެވެ. މިބައްޔަށް ބޭސްކުރިވަރަކަށް މިބަލިދަނީ ބޮޑުވަމުންނެވެ. މިކަން ކުރާމީހުން ގެންދަނީ ކޮންމެ ބެއްދުމަކަށް ނެއްޓުމެއް ހޯދަމުންނެވެ.
މިމައްސަލައިގައި ސަލާމަތުގެ އައްސޭރިއެއް ފެންނާން އޮތީ ހަމައެކަނި އިސްލާމީ ނިޒާމުގެ ތެރެއިންނެވެ. މިބޮޑު ގިލަންވެރިކަމުން ސަލާމަތްވާންވެސް އިސްލާމްދީން ފުރިހަމަޔަށް މަގުދައްކައެވެ. އިސްލާމީ ނިޒާމުގައިވަނީ މިމައްސަލަ ރަނގަޅަށް ބަލައި ހޯދައިފައެވެ. މިބަލީގެ ސަބަބުތަކާއި ފެތުރެމުންދާގޮތުގެ މައްޗަށް ފުރިހަމަޔަށް އަލިއަޅުވައިފައެވެ. މިވިޔާނުދާ ޢަމަލުގެ ނުބައިނަތީޖާ އާމެދު އިންޒާރުކޮށްފައެވެ. މިކަން ހުއްޓުވާނެގޮތްތައް ރާވައި އެކަށައަޅައިފައެވެ. މުހިންމު ކަމަކީ އެތަދުބީރުތައް އިޚްތިޔާރު ކުރުމެވެ. އިސްލާމްދީން މަގުދައްކާ ސީދާ ރާސްތާއިން ކުރިޔަށް ހިނގުމެވެ. އިންސާނީ ތާރީޚުގެ މާޒީގައި އިސްލާމީ ނިޒާމުންވަނީ މިބިރުވެރި ވަބާއިން އިންސާނީ މުޖްތަމަޢު އެއްފަހަރު ސަލާމަތްކޮށްދީ ފައެވެ. އެހެންކަމުން މިނުބައި ބަލިމަޑުކަމުން މުޖްތަމަޢު ސަލާމަތްކުރާން ބޭނުންވާ މީހުންނަށް ސަލާމަތް ބުއްދިއާއި އިންސާފު ލާޒިމުކުރަނީ އިސްލާމީ ނިޒާމު މަގުދައްކާގޮތް ބަލައި ހޯދުމުވެ. އެގޮތްތައް ދަސްކޮށް އެގޮތަށް ޢަމަލު ކުރުމެވެ. އެބައިމީހުން އެދޭއެދުމަކީ އިޚްލާޞްތެރި ހިތަކުން އެދޭ އެދުމެއް ކަމުގައިވާނަމަ އެބައިމީހުންގެ ކުރިމަތީގައި އޮތީ އިސްލާމީ ނިޒާމުން ތައްޔާރުކޮށްފައިވާ ބޭސްސިޓީއަށް ބޭސްނަގައިގެން އެބޭހުގެ އަޖުމަ ބެލުމެވެ. އިސްލާމީ ނިޒާމުން އެކަށައަޅައިފައިވާ ތަދުބީރުތައް ހެޔޮހިތުން ބަލައިގަނެ އެގޮތަށް ޢަމަލުކުރުމެވެ.
އިންސާނީ ނަސްލު ދެމެހެއްޓުމުގެ ފިޠުރީ ނިޒާމް މިކާއިނާތުގެ ހުރިހައި ފުރިހަމަކަމަކާއި ޗާލުކަމަކާއި ރީތިކުލަތަކާއި މީރު ވަހަކާއި ހުރިހައި ހިތްގައިމުކަމެއް ގުޅިފައިވަނީ އިންސާނާއާއެވެ. މިކާއިނާތުގެ ގުލްދަސްތާގެ އެންމެފަރި އެންމެނަލަ ފިނިފެންމަލަކީ އިންސާނާއެވެ. އަރަހުރި މާތް الله މިކާއިނާތުގައި ލައްވައިފައިވާ ހުރިހައި އެއްޗެއްސެއްވަނީ އިންސާނާއަށް ޚިދުމަތްތެރި ކުރައްވައިފައެވެ. އިންސާނީ ނަސްލު ދެމެހެއްޓެވުމަށާއި ގެތެމުން ސިލްސިލާވަމުން ދިޔުމަށްޓަކައި އަރަހުށި މާތް الله އެކަށައަޅުއްވައިފައިވަނީ [އަނބިފިރިކަމުގެ] ޤާނޫނެވެ. ހުސްއެކަނި އިންސާނާއެއް ނޫނެވެ. އަރަހުށި މާތް الله މިކާއިނާތުގައި ލައްވައިފައިވާ ޙަޔަވާނާތު ތަކާއި ގަސްގަހާގެއްސާއި ފަތްޕިލާވެއްޔާއި އެނޫން މަޚްލޫޤާތު ތައްވެސް ހައްދަވައިފައިވަނީ ޖޯޑުޖޯޑަށެވެ. ކީރިތި ޤުރްއާނުގައި ވަޙީކުރައްވައިފައި ވެއެވެ.
[ބިމުން ފަޅައިގެން ހެދޭ ތަކެތީގެ ތެރެއިންނާއި، އެއުރެންގެ އަމިއްލަ ނަފްސުތަކުންނާއި، އެއުރެން ނުދަންނަ ތަކެތީން، ޖޯޑުޖޯޑަށް ހުރިހައިތަކެތި ހެއްދެވި ރަސްކަލާނގެ ހުސްޠާހިރު ވަންތަކަމާއެވެ.] (يس: 36)
މާތްވެގެންވާ ޤުރްއާނުގެ އެހެން އާޔަތެއްގައި ވަޙީކުރައްވައިފައިވެއެވެ.
[އެކަލާނގެއީ އިސްވެދިޔަ މިސާލަކާ ނުލައި އުޑުތަކާއިބިން ހެއްދެވި ރަސްކަލާނގެ އެވެ. އެކަލާނގެ ތިޔަބައިމީހުންނަށްޓަކައި ތިޔަބައިމީހުންގެ ތެރެއިން އަނބީން ލެއްވިއެވެ. އަދި އެކަލާނގެ ނަޢަމު ސޫފީގެ ތެރެއިން ދެޖިންސުގެ ތަކެތި ލެއްވިއެވެ. އެކަލާނގެ އެގޮތުން ތިޔަބައިމީހުން ގިނަކުރައްވަތެވެ.] ( الشّوري : 11)
އިންސާނީ ޖޯޑެއް އެކުލެވިފައިވަނީ ފިރިހެނަކާއި އަންހެނެއްގެ މައްޗަށެވެ. އެދެމީހުން މިލި އެއްތަންވެ އެއްދާންކުރުމުން ޚާންދާނުގެ އެކަ ވުޖޫދަށް އާދެއެވެ. ޚާންދާނުގައި ނުވަތަ ޢާއިލާގައި އަންހެން ދަރީންނާއި ފިރިހެންދަރީންނާއި ކާފަ މާމަ ދަރީންނާއި މުނިދަރީންނާއި އެނޫންވެސް ގާތްތިމާގެ މީހުން އެކުލެވެއެވެ. މިގޮތުން އިންސާނީ ނަސްލު ދެމިގެން އާދެއެވެ. ބޯގިނަވެ އާބާދީ އިތުރުވަމުންދެއެވެ. މާތް الله سبحانه وتعالي ވަޙީކުރައްވައިފައިވެއެވެ.
[އަދި الله ، ތިޔަބައިމީހުންގެ ތެރެއިން، ތިޔަބައިމީހުންނަށްޓަކައި، އަނބީންލައްވައި، އަދި ތިޔަބައިމީހުންގެ އަނބީންގެ ކިބައިން ދަރީންނާއި ދަރީންގެ ދަރިން ދެއްވައި އަދި ޙަލާލުތަކެތީން، ތިޔަބައިމީހުންނަށް ރިޒްޤު ދެއްވިއެވެ.] ( النّحل : 72)
އެހެން އާޔަތެއްގައި ވަޙީކުރައްވައިފައިވެއެވެ.
[އެކަލާނގެއީ އެންމެ ނަފުސަކުން ތިޔަބައިމީހުން ހެއްދެވި ރަސްކަލާނގެއެވެ. އަދި އެނަފުސުގެ ކިބައިން އޭގެ އަނެއް ޖިންސު ހެއްދެވިއެވެ. އަދި އެދެކަނބަލުންގެ ކިބައިން ގިނަ ފިރިހެނުންނާއި ގިނައަންހެނުން ފެތުރުއްވިއެވެ] ( النّساء : 1)
އަރަހުށި މާތް الله އިންސާނީ ނަސްލު ދެމެހެއްޓެވުމަށްޓަކައި ލައްވައިފައިވަނީ އަންހެނުންނާއި ފިރިހެނުންގެ ދެބައި އެއްވަރު ނިޒާމެކެވެ. ތިލަފަތުގެ ދެކޮޅު އެއްވަރު ކުރެއްވުމުގެ މައްޗަށް ބިނާކުރައްވައިފައިވާ ނިޒާމެކެވެ. އެނިޒާމު ފަރުމާކުރައްވައިފައިވަނީ ނުހަނު ޙިކްމަތްތެރި ގޮތެއްގެ މައްޗަށެވެ. އެކަމުން އެނގެނީ އަރަހުށި މާތް الله ގެ ކަށަކުޅަދުންވަންތަ ކަމުގެ ބޮޑުކަމެވެ. އެކަލާނގެ މިންވަރުފުޅުގައިވާ މީހަކަށް ހުސްއަންހެންކުދީން ދެއްވައެވެ. އެދިވޮޑިގަންނަވާ މީހަކަށް ހަމައެކަނި ފިރިހެންކުދީން ދެއްވައެވެ. އެދިވޮޑިގެންފި މީހަކަށް ދެޖިންސުން ކުދީން ދެއްވައެވެ. އިލާހީ މަޝިއްޔަތުގައިވާ މީހަކު ކުދީން ދެއްވުމުގެ ނިޢުމަތުން މަޙްރޫމް ކުރައްވައެވެ. ކަންމިހެން ހުރިކަމުގައިވިޔަސް ދެޖިންސުގެ ދެމެދުގައިވަނީ ވަޒަންހަމަކަމެއް ޤާއިމްކުރައްވައިފައެވެ. އެހެންކަމުން ދުނިޔޭގެ ތާރީޚަށް ބަލާއިރު ދުނިޔޭގެ ކަންކޮޅުތަކުގެ ތެރެއިން އެއްވެސް ކަންކޮޅެއްގައި ހުސްއެކަނި އަންހެންކުދީން ނުވަތަ ހުސްއެކަނި ފިރިހެންކުދީން އުފަންވެފައެއް ނުވެއެވެ. ކާވެނި ކުރުމަށްޓަކައި އަނެއްޖިންސުގެ ބައިވެރިޔަކު ނެތިގެން އެކަމުގެ ޙައިރާންކަމުގައި ތިބޭކަށެއް ނުޖެހެއެވެ. ދިވެހި ކާބަފައިން މޫދުގަލަކަށް މަހެއްވެޔޭ ވިދާޅުވަނީ މިދެންނެވި ޤުދުރަތީ ވަޒަންހަމަކުރެއްވުމަށް ރިޢާޔަތް ކުރައްވައެވެ. އަރަހުށި މާތް الله އެކަލާނގެ މަތިވެރި ޙިކްމަތްވަންތަކަން ބަޔާންކުރައްވައި ވަޙީކުރައްވައިފައިވެއެވެ.
[އުޑުތަކާއި ބިމުގެ ވެރިކަންވަނީ الله އަށެވެ. އެކަލާނގެ އިރާދަކުރައްވާއެއްޗެއް އެކަލާނގެ ހައްދަވަތެވެ. އެކަލާނގެ އިރާދަކުރައްވާ މީހަކަށް އަންހެންދަރީން ދެއްވަތެވެ. އަދި އެކަލާނގެ އިރާދަކުރައްވާ މީހަކަށް ފިރިހެންދަރީން ދެއްވަތެވެ. ނުވަތަ އެއުރެންނަށް ފިރިހެންދަރީންނާއި، އަންހެންދަރީން ދެއްވަތެވެ. އަދި އެކަލާނގެ އިރާދަކުރައްވާ މީހަކު، ދަރިމައިނުވާ މީހަކު ކަމުގައި ލައްވަތެވެ. ހަމަކަށަވަރުން އެކަލާނގެއީ މޮޅަށް ދެނެވޮޑިގެންވާ، ކުޅަދުންވަންތަ ރަސްކަލާނގެއެވެ.] (الشّوري: 49 ، 50)
ފިޠުރަތުގެ ނިޒާމުގެ ތެރެއަށް އިންސާނުން އަތްބޭނުމުން އެނިޒާމު އަގަޑުބަގަޑު ވެއެވެ.
އަރަހުށި މާތް الله ކާއިނާތުގެ ނިޒާމުވަނީ ވަރުގަދަ ޤާނޫނަކަށާއި ހަރުދަނާ އުޞޫލުތަކަކަށް ތަބާކުރައްވައިފައެވެ. އިންސާނުން އިލާހީ ޤާނޫނެއް މުގުރައިލާ ކޮންމެ ފަހަރަކުވެސް އެކަންވެފައިވަނީ ފިތުނަ ފަސާދައިގެ ސަބަބެއް ކަމުގައެވެ. ދުނިޔޭގެ ނިޒާމު ފާލުން ނެއްޓޭކަމެއްކަމުގައެވެ. އަރަހުށި މާތް الله ވަޙީކުރައްވައިފައިވެއެވެ.
[މީސްތަކުންގެ އަތްތަކުން ހޯދައިގަތް ކަންތައްތަކުގެ ސަބަބުން، އެއްގަމާއި ކަނޑުގައި ނުބައިކަން ފާޅުވެއްޖެއެވެ. އެއުރެންކުރި ބައެއް ޢަމަލުގެ ރަހަ އެއުރެންނަށް ދެއްކުމަށްޓަކައެވެ.] ( الرّوم : 41)
އަރަހުށި މާތް الله سبحانه وتعالي އިންސާނުން އުފެއްދެވުމަށާއި އިންސާނީ ނަސްލު ދެމެހެއްޓެވުމަށްޓަކައި ރާއްވަވައިފައިވާ ފިޠުރީ ނިޒާމުގެ ތެރެއަށް އިންސާނުން އަތްބޭނުމުގެ ސަބަބުން އުފެދިފައިވާ ނުހަމަކަމާއި ނުރަނގަޅުކަމާއި އޭގެނޭދެވޭ އަސަރު މިއަދު މިދަނީ އިންސާނުންގެ ލޯތަކަށް ފެންނަމުންނެވެ. އިންސާނުން މިހާރު މިގެންދަނީ އޭގެ ހިތިނަތީޖާގެ ރަހަ ދެކެމުންނެވެ.
މީގެ އަހަރުތަކެއްގެ ކުރީން ދުނިޔޭގެ ޤައުމުތަކުން ނުބައި ރޫޙެއްގެ ނުވަތަ ފުރޭތައެއްގެ ސިފައިގައި ދުނިޔެއަށް ދެއްކި އެއްކަމަކީ އިންސާނީ އާބާދީގެ މައްސަލައެވެ. ދުނިޔޭގެ ޚާލިޤު ދުނިޔޭގައި ލައްވައިފައިވާ ވަސީލަތްތަކާ ނުބައްދަލު ޢަދަދަކަށް އާބާދީ އިތުރުވާ ވާހަކައެވެ. އެފުރޭތަދެކެ ބިރުން ޤައުމުތަކުން އަވަސްވެގަތީ ޢާއިލާ ރޭވުމުގެ (Family Planning) މަސައްކަތަށެވެ. ދޭތެރެ ދުރުކުރުމުގެ (Birth Control) ޤާނޫނުތައް ހަދައި ތަންފީޒުކުރާން ފަށައިގަތީ ބަނޑާއި ބުރަކަށީން އަޑުކިޔާވަރަށް ބާރުލައިފައެވެ. މިކަމުގައި ވަކިޤައުމެއް އިސްތިސްނާއެއް ނުވެއެވެ. އަޅުގަނޑުމެންގެ ޤައުމަކީވެސް މިކަމުގައި ހެސްކިޔާފައި ހިފިޤައުމެކެވެ. ސުންނިއުރަ ހިލޭބެހި ބައެކެވެ. އެދުވަސްވަރު އިއްތިފާޤުން ކޮންމެވެސް ބޭނުމެއްގައި އަޅުގަނޑަށް އަޅުގަނޑުގެ ރަށަށް (ފުވައްމުލަކަށް) ދެވުނެވެ. އަޅުގަނޑު ރަށުގައި ހުއްޓައި އެމް.ޖޭ.އެމް (މިހާރުގެ އެމް.ޖޭ.އެސް - މުޙައްމަދު ޖަމާލުއްދީން ސްކޫލް) ގައިބޭއްވި ޖަލްސާއެއްގައި އަޅުގަނޑަށް ޝަރަފުވެރި މެހްމާނެއްގެ ގޮތުން ބައިވެރިވާން ޖެހުނެވެ. އެރޭގެ ޖަލްސާގައި ދޭތެރެ ދުރުކުރުމުގެ ބޭނުންތެރިކަމުގެ މައްޗަށް ވާހަކަ ދެއްކި ގިނަ ދަރިވަރުންނަކީ އަޅުގަނޑުގެ ގާތްތިމާގެ ކުދީންނެވެ. ނުވަތަ ދުރުތާ ތިމާގެ ކުދީންނެވެ. އެހެންކަމާއެކުވެސް އަޅުގަނޑުގެ ވާހަކައިގައި އެކުދީންގެ ވާހަކަ ތަކަށް މަޑުމައިތިރި ކަމާއެކު ރައްދުދިނީމެވެ. އެދުވަސްވަރަކީ އަޅުގަނޑު سيّد أبوالأعلي المودودي ގެ ޡަބްޠެ ވިލާދަތު މުޠާލިޢާ ކުރި ދުވަސްވަރާ ވަރަށް ކައިރިއެވެ. އެކުދީންގެ ވާހަކަޔަށް ސާބިތުހެކި ދެއްކުމުގެ ގޮތުން ޚުދު އަޅުގަނޑު ރަށުގައި އުޅުނުއިރު އޮޅުހެއްދި ތަންތަނާއި ކައްޓަލަ ހެއްދިތަންތަން ބޭނުންނުކޮށް ވައުވެފައި ވިނަހެދިފައި ހުރިކަމާއި އެތަންތާނގައި ދަނޑުގޮވާންކޮށް މާތް الله ގެ ފަޟްލުވަންތަކަން ހޯދާން މަސައްކަތްކުރާން ދަޢުވަތު ދިނީމެވެ. އަނެއްކާވެސް އަޞްލު މައިގަނޑު ނަމާ ދިމާޔަށް އެނބުރިގަންނަމެވެ.
(ނުނިމޭ)
ދީން
ދީން
ދީން
ދީން