ރައީސް ޑރ. މުހައްމަދު މުއިއްޒު ވެރިކަމާ ހަވާލުވެވަޑައިގެންނެވި އިރު، އާސަންދަ ނިޒާމު އޮތީ ބިލިއަނުން ދަރާފައި ކަމަށް ހެލްތު މިނިސްޓަރު އަބްދުﷲ ނާޒިމް އިބްރާހިމް ވިދާޅުވެއްޖެއެވެ.

އެމްއެމްޓީވީގެ ޕްރޮގްރާމެއްގައި މިރޭ ވާހަކަދައްކަވަމުން މިނިސްޓަރު ނާޒިމް ވިދާޅުވީ ސިއްހީ ނިޒާމުން ނާޖާއިޒު ފައިދާ ނެގުން މަދުކުރުން ނުވަތަ ހުއްޓުވުމަށްޓަކައި ރައީސް އަޅުއްވަން ފެއްޓެވި ފިޔަވަޅުތަކުގެ ތެރެއިން އެއް ފިޔަވަޅަކީ ބޭހުގެ އަގު ކޮންޓްރޯލުކުރުން ކަމަށެވެ.

"ތިބޭފުޅުން ނިކަން ބައްލަވާ ރައީސް ޑރ. މުހައްމަދު މުއިއްޒު ވެރިކަމާ ހަވާލުވެވަޑައިގެންނެވި އިރު، ދިވެހި އާސަންދަ ނިޒާމު އޮތީ ވަރަށް ބޮޑަށް ދަރާފައި، އަޅުގަނޑު އަތުގައި މިއަދު ސީދާ އަދަދު ނެތް ކަމަކު، އަޅުގަނޑަށް ކަށަވަރުކޮށް ދަންނަވަން އެނގޭ އެއްޗަކީ ބިލިއަނުން ދަރާފައި އޮތީ. މި ނިޒާމުގައި އަޅުގަނޑުމެން ވަރުބަލިކަމުގައި ތިބީމާ ހަލާކުވެގެންދަނީ ސިއްހީ ނިޒާމު އެކަންޏެއް ނޫން، މުޅި ދިވެހި އިގުތިސާދު ފުނޑިގެންދަނީ،" މިނިސްޓަރު ވިދާޅުވިއެވެ.

ނާޒިމް ވިދާޅުވީ ފެނިގެންދިޔައީ ބޭރު ހޮސްޕިޓަލުތަކަށް މި ގައުމު ދަރައި، މި ގައުމުގެ އިގުތިސާދަށް ނުކަތާ ވަރަށް އެ ފައިސާ ނަހަމަގޮތުގައި ހަރަދުކުރެވިގެންދާ މަންޒަރު ކަމަށާއި އޭގެ ތެރެއިން ވެސް އާސަންދައަށް ކުރެވޭ ހަރަދުގެ 60 އިންސައްތައަކީ ބޭހަށް ކުރެވޭ ހަރަދު ކަމަށެވެ. އަދި ބޭސް ދޫކުރެވެނީ ވެސް، ލިބޭނެ ނިޒާމު ހުރީކީ ވެސް އެންމެ ރަނގަޅަށް ނޫންކަން، އެންމެ ރަނގަޅު އަގުތަކުގައި ނޫންކަން މުޅި މުޖުތަމައު ގަބޫލުކުރާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

"އަޅުގަނޑުމެން ގަބޫލުކުރާ ހަގީގަތަކީ މި ނިޒާމަށް އަންނަ ބަދަލާއެކު ރައްޔިތުންނަށް ބޭސް ހޯދުމުގެ ދަތިތަކެއް ވެގެން އަޅުގަނޑުމެންނާ ހަމައަށް އެބަ ޝަކުވާ އާދޭ. އައުމާއެކު އަޅުގަނޑުމެން އެ ޝަކުވާތަކަށް އެޓެންޑުކުރުން ނޫނީ ފަރުވާތެރިކަމާއެކު އެ އަޑު އަހައި، ބަލައި އެކަމަށް އަޅަންޖެހޭ ފިޔަވަޅުތައް މިދަނީ އަޅަމުން. އިރާދަކުރެއްވިއްޔާ މާ އުފާވެރި، މާ ރަނގަޅު މަސްތަގުބަލެއް އަޅުގަނޑުމެންނަށް ލަހެއް ނުވެ ފެންނާނެ. ބޭހުގެ މައްސަލައަށް ރަނގަޅު އެދެވޭ ހައްލެއް ލިބިގެންދާނެކަން ޔަގީން،" މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރު ނާޒިމް އިތުރަށް ވިދާޅުވީ ބޭސް ފޯރުކޮށްދޭ ފަރާތްތަކާއި ބޭހުގެ ސިޔާސަތުތައް ހަދާ ފަރާތްތަކުގެ މަޝްވަރާއާއެކު ގޮންޖެހުންތަކުން އަރައިގަތުމުގެ މަސައްކަތްކުރާ ކަމަށާއި ނަތީޖާއަކަށް ވެގެންދާނީ މިއަދު ކުދިކުދި އުނދަގޫތަކެއް ހުރި ނަމަވެސް، އެކަމަށް ދާއިމީ ހައްލެއް އައުން ކަމަށެވެ.