ލަވަކިޔުންތެރިޔާ މުހައްމަދު މާޖިދު (މެޒޯ މުހައްމަދު) ނިޔާވެއްޖެއެވެ.

"ވަން"އަށް އެނގިފައިވާ ގޮތުގައި ސިއްހީ ހާލަތު ގޯސްވެގެން، އުމުރުން 59 އަހަރުގެ މެޒޯ މުހައްމަދު ނިޔާވީ އައިޖީއެމްއެޗްގައި ފަރުވާދެމުން ދަނިކޮށް މިއަދުގެ ވަގުތެއްގައެވެ.

ނަމަވެސް މެޒޯ މުހައްމަދުގެ ސިއްހީ ހާލަތު ގޯސްވެގެން ފަރުވާދިނުމަށް އައިޖީއެމްއެޗްއަށް ގެންގޮސްފައިވަނީ ކޮން އިރަކު ކަމެއް އަދި ދިމާވީ ސިއްހީ މައްސަލައިގެ ތަފްސީލެއް ކަށަވަރުވެފައެއް ނުވެއެވެ.

މެޒޯ މުހައްމަދަކީ އަމިއްލަ ރާގު ގެނެސްދިނުމުގައި މަޝްހޫރުކަން ހޯދާފައިވާ ފަންނާނެކެވެ. އެގޮތުން އޭނާ ވަނީ 40 އަށްވުރެ ގިނަ އަމިއްލަ ރާގު ގެނެސްދީފައެވެ.

ނުވަދިހައިގެ އަހަރުތަކުގައި ދިވެހީންގެ މެދުގައި ބޮޑު މަގުބޫލުކަމެއް ހޯދި މެޒޯ މުހައްމަދު ގެނެސްދީފައިވާ ލަވަތަކުގެ ތެރެއިން، "އުޑުން ތަރިތައް"، "ވިސްނާ ވިސްނާ" އަދި "މަސްތު" ފަދަ ލަވަތައް ވަރަށް ބޮޑަށް ފާހަގަވެގެންދިޔައެވެ.

މެޒޯ މުހައްމަދުގެ އަންހެން ދަރި، މީރާ މުހައްމަދު މާޖިދު ވެސް އަންނަނީ ލަވަކިޔުންތެރިއެއްގެ ގޮތުގައި މަގުބޫލުކަން ހޯދަމުންނެވެ.