ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު، "ގަޟާއީ އަހަރު 2025" އިފްތިތާހުކޮށްދެއްވައިފިއެވެ.

ރައީސް، "ގަޟާއީ އަހަރު 2025" އިފްތިތާހުކޮށްދެއްވީ އެކަމަށްޓަކައި އިސްލާމީ މަރުކަޒުގެ ޖަލްސާކުރާ މާލަމުގައި މިރޭ ބޭއްވި ރަސްމިއްޔާތުގައެވެ. އެ ޖަލްސާގައި އުއްތަމަ ފަނޑިޔާރު އަހުމަދު މުއުތަސިމް އަދުނާނާއި ސުޕްރީމް ކޯޓުގެ ފަނޑިޔާރުންނާއި އެކި ކޯޓުތަކުގެ ފަނޑިޔާރުން އަދި ސަރުކާރުގެ ބައެއް ވަޒީރުން ވެސް ބައިވެރިވެވަޑައިގެންނެވިއެވެ.

ގަޟާއީ އަހަރު އިފްތިތާހުކުރުމުގެ މަގުސަދަކީ އާ ގަޟާއީ އަހަރާ ކުރިމަތިލާ އިރު، ފާއިތުވެދިޔަ އަހަރު ކުރެވުނު މަސައްކަތްތައް ފާހަގަކުރުމާއެކު ފާއިތުވި އަހަރުގެ ތަޖުރިބާގެ އަލީގައި ޝަރުއީގޮތުންނާއި އިދާރީގޮތުން ޝަރުއީ ދާއިރާ ހަރުދަނާކުރުމަށްޓަކައި އާ އަހަރުގެ ލަނޑުދަނޑިތައް ކަނޑައަޅައި، ޝަރުއީ ކޯޓުތަކުގެ ފަނޑިޔާރުންނާއި މުވައްޒަފުން އެއް މާހައުލަކުން ބަައްދަލުކުރުމުގެ ފުރުސަތު ހޯދައިދިނުމެވެ.

އޭގެ އިތުރުން ކޯޓުތަކުގެ ހިންގުން ހަރުދަނާކުރުމަށްޓަކައި ކުރެވިދާނެ ކަންތައްތަކާ ބެހޭގޮތުން މަޝްވަރާކޮށް ހިޔާލު ބަދަލުކުރުމަށްޓަކައި ފަނޑިޔާރުންގެ ގައުމީ މަހާސިންތާގެ ނަމުގައި މަހާސިންތާއެއް ބޭއްވުމާއި، ޝަރަފުވެރިކަމާއެކު މުސްކުޅިކުރައްވާފައިވާ ފަރާތްތަކަށް ތަކްރީމް ކުރުން ވެސް ހިމެނެއެވެ.

މިރޭގެ ރަސްމިއްޔާތުގައި ތަކްރީމް ކުރައްވާފައިވަނީ، ހައިކޯޓުގެ ކުރީގެ ފަނޑިޔާރު އަދި މިހާރު ޕްރޮސިކިއުޓާ ޖެނެރަލް އައްބާސް ޝަރީފެވެ. އައްބާސް ޝަރީފަށް ސުޕްރީމް ކޯޓުގެ ސިއްކަ ޖަހާފައިވާ ފަތްކޮޅާއި ޝަރަފުގެ މެޑަލް އަރުވާފައިވަނީ އުއްތަމަ ފަނޑިޔާރު އަހުމަދު މުއުތަސިމް އަދުނާނެވެ.

ތަކްރީމް ކުރުމަކީ ޝަރުއީ ދާއިރާއަށް ހިދުމަތް ކޮށްދެއްވާފައިވާ ފަނޑިޔާރުންގެ އަގުވަޒަންކުރުމުގެ ގޮތުން ހާއްސަ ޝަރަފެއް އެރުވުމެވެ.