ޑިޖިޓަލް އިނޮވޭޝަންތަކާއި އެހެނިހެން މުހިންމު ދާއިރާތަކުގެ ތަޖުރިބާ ރާއްޖެއާ ހިއްސާކުރުމަށް އިންޑިއާ އިން ތައްޔާރަށް އޮތް ކަމަށް އެ ގައުމުގެ ލޮކް ސަބާގެ ރައީސް އޯމް ބިރްލާ ވިދާޅުވެއްޖެ އެވެ.

އިންޑިއާގެ ލޮކް ސަބާގެ ރައީސްއާއި ރާޖްޔަ ސަބާގެ ޗެއާމަންގެ ދައުވަތަކަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ މިހާރު އިންޑިއާއަށް ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގައި މިއަދު ވަނީ އޯމް ބިރްލާގެ އަރިހަށް އިހުތިރާމުގެ ޒިޔާރަތެއް ކުރައްވައިފަ އެވެ.

ރައްޔިތުންގެ މަޖިލީހުގެ އިދާރާ އިން ބުނީ، އެ ބައްދަލުކުރެއްވުމުގައި ރާއްޖެއާއި އިންޑިއާއާ ދެމެދުގައިވާ ޒަމާންވީ އެކުވެރި ގުޅުމާއި ރައްޔިތުންގެ މަޖިލީހާއި ލޮކް ސަބާއާ ދެމެދު އަބަދުވެސް އޮންނަ ގާތް ގުޅުން ދެ ބޭފުޅުން ފާހަގަކުރެއްވި ކަމަށެވެ.

ހާއްސަ ގޮތެއްގައި ރައްޔިތުންގެ މަޖިލީހާއި ލޮކް ސަބާއާ ދެމެދު 2019 ވަނަ އަހަރު ހަދާފައިވާ އެއްބަސްވުމުގެ ދަށުން މަޖިލީހުގެ މުވައްޒަފުންނަށް ލޮކް ސަބާގެ ފަރާތުން ހިންގަމުން ގެންދާ ތަމްރީން ޕްރޮގްރާމްތަކާ ގުޅޭގޮތުން ދެ ބޭފުޅުން ވާހަކަދެއްކެވި ކަމަށް ރައްޔިތުންގެ މަޖިލީހުން އިދާރާ އިން ބުންޏެވެ.

މަޖިލީހުގެ އިދާރާ އިން ބުނީ، އެ ބައްދަލުވުމުގައި ލޮކް ސަބާއިން ރައްޔިތުންގެ މަޖިލީހަށް ވެދެއްވަމުން ގެންދަވާ އެހީތެރިކަން ފާހަގަކުރައްވައި ރައްޔިތުންގެ މަޖިލީހުގެ ލައިބްރަރީއާއި އަރުޝީފް އިތުރަށް ތަރައްގީކުރުމަށް އިންޑިއާގެ ލޮކް ސަބާގެ އެހީތެރިކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އެދިވަޑައިގެންނެވި ކަމަށެވެ.

ބައްދަލުވުމުގައި ސްޕީކާ އޯމް ބިރްލާ ވަނީ އިންޑިއާގެ ޑިޖިޓަލް ޕާލަމެންޓްރީ ކުރިއެރުންތަކާއި މީހުން ތަމްރީން ކުރުމާއި ކުރިއެރުވުމުގައި ލޮކް ސަބާގެ ޕާލަމެންޓްރީ ރިސާޗް އެންޑް ޓްރޭނިން އިންސްޓިޓިއުޓް ފޯ ޑިމޮކްރަސީސް (ޕްރައިޑް) ގެ ދައުރު ފާހަގަކުރައްވައިފަ އެވެ.

މަޖިލީހުގެ އިދާރާ އިން ބުނީ، އެ ބައްދަލުކުރެއްވުމުގައި ލޮކް ސަބާގެ ރައީސް އޯމް ބިރްލާ ރާއްޖެއަށް ޒިޔާރަތް ކުރެއްވުމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް ދައުވަތު ދެއްވި ކަމަށެވެ.