އިންޑިއާއާ އެކު މިނިވަން ވިޔަފާރީގެ އެއްބަސްވުމަކަށް ދާދި އަވަހަށް ދެވޭނެ ކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ.

ޓީވީ ޕްރޮގްރާމެއްގައި ވާހަކަދައްކަވަމުން މިނިސްޓަރު ސައީދު ރޭ ވިދާޅުވީ، ރައީސް ޑރ. މުހައްމަދު މުއިއްޒު އިންޑިއާއަށް ކުރެއްވި ފުރަމާނަ ދަތުރުފުޅުގައި އެ ގައުމުގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއާ އެކު ބޭއްވެވި ބައްދަލުވުމުގައި ދެ ލީޑަރުން ވެސް މިނިވަން ވިޔަފާރީގެ އެއްބަސްވުމަކަށް ޝައުގުވެރިކަން ފާޅުކުރެއްވި ކަމަށެވެ.

"ރައީސް މުއިއްޒު އިންޑިއާއަށް ކުރެއްވި ސްޓޭޓް ވިޒިޓްގައި އެ ގައުމުގެ ބޮޑު ވަޒީރު މޯދީއާ ބައްދަލުކުރެއްވުމަށްފަހު ދެ ގައުމުގެ ލީޑަރުން މިނިވަން ވިޔަފާރީގެ އެއްބަސްވުމަކަށް ވަޑައިގަތުމުގެ ޝައުގުވެރިކަން ވަނީ ފާޅުކުރައްވާފައި. އެހެންވީމާ އޭގެން އެބަ އެނގޭ އިންޑިއާއާއެކު އެފްޓީއޭއަކާ ދިމާލަށް ދާދި އަވަހަށް އަޅުގަނޑުމެންނަށް ދެވޭނެކަން." މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ، ދިވެހީންނަށް ފުރިހަމަ ފައިދާވާ ގޮތަށް މިނިވަން ވިޔަފާރީގެ ކަންތައްތައް ދުނިޔޭގެ ބޮޑެތި ބާޒާރުތަކާ އެކީ ކުރުމަކީ ރައީސް ވަރަށް ބޮޑަށް އިސްކަންދެއްވާ ކަމެއް ކަމަށެވެ.

ތުރުކީވިލާތާ އެކު ޕްރިފަރެންޝަލް ވިޔަފާރީގެ އެއްބަސްވުމެއްގައި ސޮއިކޮށްފައިވާކަން ފާހަގަކުރައްވައި، މިނިސްޓަރު ވިދާޅުވީ، އެކަމުގެ ސަބަބުން އެ ގައުމުން އެތެރެކުރާ ތަފާތު މުދަލުން ޓެރިފް ކުޑަވާނެ ކަމަށެވެ.

މިނިސްޓަރު އިތުރަށް ވިދާޅުވީ، ރާއްޖެއާއި ޗައިނާގެ މިނިވަން ވިޔަފާރީގެ އެއްބަސްވުމުގެ ސަބަބުން 296 ބާވަތުގެ ސީފުޑް ޑިއުޓީއާ ނުލައި އެ ގައުމަށް އެކްސްޕޯޓް ކުރެވޭނެ ކަމަށެވެ.