ފަލަސްތީނުގެ ރައްޔިތުން، ސައުދީ އަރަބިއްޔާއަށް ބަދަލުކޮށް، ފަލަސްތީން ސްޓޭޓް، ސައުދީގައި ގާއިމުކުރުމާ ގުޅޭގޮތުން އިޒްރޭލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ދެއްކެވި ވާހަކަތައް ރާއްޖެއިން ކުށްވެރިކޮށްފިއެވެ.

ނަތަންޔާހޫ، އިޒްރޭލުގެ މީޑިއާއަކަށް ދެއްވި އިންޓަވިއެއްގެ ތެރެއިން، ޕްރެޒެންޓަރު ވަނީ ފަލަސްތީނުގެ ދައުލަތުގެ ބަދަލުގައި ސައުދީ ދައުލަތް ބުނެފައެވެ. ޕްރެޒެންޓަށް އެގޮތަށް ބުނެވުމުން ނަތަންޔާހޫ ވިދާޅުވީ ރަނގަޅު ގޮތަކީ ފަލަސްތީން ދައުލަތް ކަމަށެވެ. އެއަށްފަހު ނަތަންޔާހޫ ޕްރެޒެންޓަރު ކައިރިން ވަނީ އޭނާ ބުނަން އުޅުނީ ސައުދީގައި، ފަލަސްތީނުގެ ދައުލަތެއް ގާއިމުކުރުންތޯ ސުވާލުކޮށް ނަތަންޔާހޫ ވިދާޅުވީ ސައުދީއަކީ ބިން ބޮޑު ގައުމެއް ކަަމަށްވުމުން އެކަން ކުރެވިދާނެ ކަމަށެވެ.

ނަތަންޔާހޫގެ އެ ވާހަކަތަކާ ދެކޮޅަށް އިސްލާމީ ގައުމުތަކުން ވަނީ ބަޔާނެއް ނެރެފައެވެ. ރާއްޖޭގެ ފޮރިން މިނިސްޓްރީން މިއަދު ނެރުނު ނޫސްބަޔާނުގައި ބުނީ ސައުދީގައި، ފަލަސްތީނުގެ ދައުލަތެއް ގާއިމުކުރުމާ ގުޅޭގޮތުން ނަތަންޔާހޫ ދެއްކެވި ވާހަކަތައް ރާއްޖެއިން ކުށްވެރިކުރާ ކަމަށެވެ.

ފޮރިން މިނިސްޓްރީން ބުނީ ނަތަންޔާހޫގެ އެ ވާހަކަތައް ރާއްޖެއިން ބަލައިނުގަންނާނެ ކަމަށާއި ރާއްޖެއިން، ސައުދީގެ މިނިވަންކަމާއި ސިޔާދަތަށް އަދި އެގައުމުގެ ސަލާމަތަށް އަބަދުވެސް އިސްކަން ދޭނެ ކަމަށާއި ރާއްޖެ ދެމިއޮންނާނީ ސައުދީއާއެކު ކަމަށް ފޮރިން މިނިސްޓްރީން ބުންޏެވެ.

ނަތަންޔާހޫގެ އެ ވާހަކަތަކަކީ ބައިނަލްއަގުވާމީ ގާނޫނާއި އދ.ގެ ޗާޓަރާ ހިލާފު ވާހަކަތަކެއް ކަމަށް ފޮރިން މިނިސްޓްރީން ބުންޏެވެ. އަދި އެ ވާހަކަތަކުގެ ސަބަބުން ފަލަސްތީނުގެ ރައްޔިތުންގެ މިނިވަންކަމަށް ވެސް ހުރަސް އެޅޭ ކަމަށް ފޮރިން މިނިސްޓްރީން ބުންޏެވެ.

އިޒްރޭލާއި ފަލަސްތީނާ ދެމެދު ހިނގަމުންދާ ހަމަނުޖެހުންތަކެއް ނިމުމެއް ގެނެވެން އޮތީ 1967 ވަނަ އަހަރުގެ ކުރިން ފަލަސްތީނުގެ ބޯޑަރުތަކާ އެއްގޮތަށް، އިރުމަތީ ގުދުސް އަކީ އެ ގައުމުގެ ވެރިކަން ކުރާ ރަށް ކަމަށް ކަނޑައަޅައި، އިޒްރޭލުގެ އަތްދަށުން ފަލަސްތީނު މިނިވަންކޮށް، މުސްތަގިއްލު އަދި އަމިއްލަ ސިޔާދަތީ ބާރު ހިނގާ ގައުމަކަށް ހަދައިގެން ކަމަށް ފޮރިން މިނިސްޓްރީން ބުންޏެވެ.