މ. ހައުސް ޕްލާޒާގައި މިއަދު ހިނގި އަލިފާނުގެ ހާދިސާއާ ގުޅިގެން 55 މީހަކަށް ވަގުތީ ބޯހިޔާވަހިކަން ފޯރުކޮށްދީފައިވާ ކަމަށް ނޭޝަނަލް ޑިޒާސްޓާ މެނޭޖުމެންޓް އޮތޯރިޓީ (އެންޑީއެމްއޭ)އިން ބުނެފިއެވެ.

އެމްއެންޑީއެފުން މިއަދު ބުނީ ހައުސް ޕްލާޒާގައި އަލިފާން ރޯވެގެން އުޅޭކަމުގެ ރިޕޯޓް ލިބިފައިވަނީ މިއަދު ހެނދުނު 6:35 އެހާކަންހާއިރު ކަމަށެވެ. ހާދިސާގެ ރިޕޯޓް ލިބުމާއެކު އެ ސަރަހައްދަށް ގޮސް އަލިފާން ނިއްވުމުގެ މަސައްކަތް ސިފައިން ފެށި ކަމަށާއި އަލިފާން ނިއްވާލާފައިވަނީ ހެނދުނު 7:47 އެހާކަންހާއިރު ކަމަށް އެމްއެންޑީއެފުން ބުންޏެވެ.

"ގިނަދުވަސް ތަކެއްވާންދެން ފަޅު ގެއެއްގެ ގޮތުގައި ހުންނަ މި ގޭގައި އަލިފާން ރޯވެފައިވަނީ އެ ގޭގައި ހުރި ކުނިތަކެއްގައެވެ" އެމްއެންޑީއެފުން ބުންޏެވެ.

އެ ހާދިސާގައި އެއްވެސް މީހަކަށް އަނިޔާ ނުވާ ކަމަށް އެމްއެންޑީއެފުން ބުންޏެވެ.

އެންޑީއެމްއޭއިން އެކްސްގައި މިއަދު ކުރި ޕޯސްޓެއްގައި ބުނީ އަލިފާނުގެ އެ ހާދިސާއާ ގުޅިގެން ދެ ގެއެއްގެ ފެން ހޮޅިއަށް ގެއްލުން ވެފައިވާ ކަމަށެވެ.

އެހެންވެ ދެ ދެގޭގެ ހޮޅި މަރާމާތު ކުރެވެންދެން އެ ދެ ގެއިން 55 މީހަކަށް ވަގުތީ ބޯހިޔާވަހިކަން ފޯރުކޮށްދީފައިވާ ކަމަށް އެންޑީއެމްއޭއިން ބުންޏެވެ. އޭގެ ތެރޭގައި ހިމެނެނީ 20 ބިދޭސީންނާއި 35 ދިވެހިން ކަމަށް އެންޑީއެމްއޭއިން ބުންޏެވެ.

މީގެ ކުރިން 06 ސެޕްޓެމްބަރު 2023 ގައި ވެސް ވަނީ ހައުސް ޕްލާޒާގައި އަލިފާނުގެ ހާދިސާއެއް ހިނގައިފައެވެ. އެފަހަރު އަލިފާން ރޯވެފައި ވަނީ ހައުސް ޕްލާޒާގެ ގުދަނެއްގެ ގޮތުގައި ބޭނުން ކުރަމުންދިޔަ އިމާރާތުގައެވެ. އެ ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ނުވެއެވެ.

ހަމަ އެ ދުވަހު ފުލުހުން ވަނީ ހައުސް ޕްލާޒާގައި ރޯކޮށްލިކަމުގެ ތުހުމަތަށް ދެ މީހުން ހައްޔަރުކޮށްފައެވެ.