އިންޑިޔާ ކަނޑުގައި ދިވެހިރާއްޖޭގެ ދެކުނުން އޮންނަ ސަރަހައްދަކީ ފާއިތުވި ދުއިސައްތަ އަހަރުގެ ތެރޭގައި އިނގިރޭސި ހުކޫމަތުގެ ދަށުގައިވާ ސަރަހައްދެކެވެ. އެސަރަހައްދަށް އިނގިރޭސިން ކިޔަނީ ބްރިޓިޝް އިންޑިއަން އޯޝަން ޓެރިޓަރީއެވެ. ދުނިޔޭގެ ގިނަބަޔަކު ކިޔަނީ ޗާގޯސްއެވެ. ދިވެހިން ކިޔަނީ ފޯޅަވައްސެވެ. ދުނިޔޭގައިވާ އެންމެ މުހިންމު އަސްކަރީ މަރުކަޒު ގާއިމު ކުރެވިފައިވަނީ މިދެންނެވި ފޯޅަވަހީގައެވެ. ފޯޅަވަހީގެ ރަށްތަކުގެ ތެރެއިން އެންމެ ފުލުގައި އޮންނަ އަތޮޅުގައެވެ. އެއަތޮޅަށް ކިޔަނީ ޑިއޭގޯ ގާރސިއާއެވެ. މިދެންނެވި އަތޮޅަށްވެސް އަދި ޖުމްލަކޮށް މުޅި އެސަރަހައްދަށްވެސް ދިވެހިން ކިޔަނީ ހަމަ ފޯޅަވައްސެވެ. ޑިއޭގޯ ގާރސިޔާގައި ގާއިމުކުރެވިފައިވާ އަސްކަރީ މަރުކަޒަކީ އިނގިރޭސިވިލާތާއި އެމެރިކާ ގުޅިގެން ތަރައްގީކޮށް ހިންގަމުންދާ މަރުކަޒެކެވެ. ދެގައުމުގެ މެދުގައި ވެވިފައިވާ އެއްބަސްވުމެއްގެ ދަށުންނެވެ. މުއްދަތު ހަމަވީމާ އައުކުރެވޭގޮތަށެވެ.
ފަށްފަށް ކުރެވޭގޮތަށް ފަރުމާ ކުރެވިފައިވާ މި އެއްބަސްވުމުގެ ދަށުން މިދެންނެވި މަރުކަޒުގެ ބޭނުން ކުރަމުންދަނީ މި ބީދައިން މި ދެގައުމުންނެވެ. ޑިއޭގޯ ގާރސިޔާގައި އަސްކަރީ މަރުކަޒެއް ގާއިމު ކުރުމުގެ މަސައްކަތް އެންމެ ފުރަތަމަ ފެށުނީ އެތަނާ ނުހަނު ގާތުން އައްޑުއަތޮޅު ގަމުގައި އިނގިރޭސިންގެ އަސްކަރީ މަރުކަޒެއް ހިންގަމުންދިޔަ ދުވަސްވަރުއެވެ. ޑިއޭގޯ ގާރސިޔާގައި އޮޕަރޭޝަން ފެށޭވަރުވީމާ އިނގިރޭސިން ވަނީ ދިވެހި ސަރުކާރާ ގަން ހަވާލުކޮށްފައި ގަމުން ފައިބައިފައެވެ. އޭރު ދިވެހިރާއްޖެއާއި އިނގިރޭސިވިލާތާ ދެމެދުގައި ސޮައިކުރެވިފައިވާ އެއްބަސްވުމުގެ މުއްދަތު ހަމަވާން ކައިރިއެއްވެސް ނުވެއެވެ. މި ފޭބުމެއް ފޭބުމުގެ ސިއްރަކީ ޑިއޭގޯ ގާރސިޔާގައި އަސްކަރީ މަރުކަޒެއް ގާއިމު ކުރެވުނީމާ ގަމުގައި ދެމިތިބުމުގެ ބޭނުމެއް، ސަބަބެއް ނެތުމުންނެވެ. އައްޑުއަތޮޅު ގަމުގައި އިނގިރޭސި ސިފައިންގެ ސްޓޭޖިން ޕޯސްޓެއް ގާއިމުކުރީ 1957 ވަނަ އަހަރު ދިވެހި ސަރުކާރާއި އިނގިރޭސި ސަރުކާރާ ދެމެދު އެއްބަސްވެވުނު އެއްބަސްވުމެއްގެ ދަށުންނެވެ.
އެއީ ސަތޭކަ އަހަރުގެ އެއްބަސްވުމެކެވެ. ގަމުގައި އެެއަރޕޯޓެއް އެޅުމާއެކު އެރަށުގައި ސިފައިންތިބުމާއި ހިތަދޫގެ ދެކުނުން އޮންނަ މާމެންދޫގައި އިނގިރޭސިންގެ މުވާސަލާތީ މަރުކަޒެއް ގާއިމުކުރުމުގެ ބަދަލުގައި އިނގިރޭސި ސަރުކާރުން ކުލީގެ ގޮތުގައި ދިވެހިރާއްޖެއަށް ދޭން އެއްބަސްވެވުނީ އަހަރަކު ދެހާސް ޕައުންޑެވެ. މިޒަމާނުގެ ފައިސާއިންނަމަ އެއީ އަހަރަކު ގާތްގަޑަކަށް ދެހާސް ފަސްސަތޭކަ ޑޮލަރެވެ. މާލޭގައި ދެކޮޓަރީގެ އެޕާޓްމަންޓެއްގެ މަހު ކުއްޔެވެ. ކޮންމެއަކަސް މި އެއްބަސްވުމެއް ވުޖޫދު ކުރެވުނުއިރު ދިވެހިރާއްޖޭގެ ބޮޑުވަޒީރަކީ އެއްގަމުގޭ އިބްރާހިމް ފާމުލަދޭރިކިލެގެފާނެވެ. އިސާހިތަކު އެކިލެގެފާނުގެ ސަރުކާރު ވެއްޓިއްޖެއެވެ. މީސްތަކުން މި އެއްބަސްވުމާ ދެކޮޅުވުމުންނެވެ. ދެން ބޮޑުވަޒީރުކަމަށް ވަޑައިގެންނެވީ ވެލާނާގޭ އިބްރާހިމް ނާސިރެވެ. ދެން ފެށުނީ ދިވެހި ސަރުކާރާއި އިނގިރޭސި ސަރުކާރުގެ މެދުގައި ބޮޑުވެގެންވާ ޗަރުކޭހެކެވެ. ސިޔާސީ ޗަރުކޭހެކެވެ.
މިދެންނެވި ޗަރުކޭސް ނިމި މަސްރަހު ހަމަޔަކަށް އެޅުނުއިރު ދިވެހިރާއްޖެއަށް ފުރިހަމަ ސިޔާސީ މިނިވަންކަންވެސް އޮތީ ލިބިފައެވެ. އިނގިރޭސިންނަށް ގަން ކުއްޔަށް ދިނުމުގެ އެއްބަސްވުމުގެ މުއްދަތުވެސް ސަތޭކަ އަހަރުން އެންމެ ތިރީސް އަހަރަށް އޮތީ ކުރު ކުރެވިފައެވެ. އިނގިރޭސިން ކޮންމެ އަހަރަކު ދައްކަންޖެހޭ ކުލިވެސް އޮތީ އެތައް ގުނައެއް ބޮޑުކޮށްފައެވެ. އަދި ދިވެހިރާއްޖެއަށް އެނޫންވެސް ގޮތްގޮތުން އެހީވުމަށް އިނގިރޭސިވިލާތަށް އޮތީ ލާޒިމުކުރެވިފައެވެ. މާލޭގައި އިނގިރޭސި ސަރުކާރުގެ އެހީގައި ހޮސްޕިޓަލެއް ގާއިމުކުރެވުނީ މިދެންނެވި އެހީގެ ދަށުންނެވެ. ފަހުން ސެންޓްރަލް ހޮސްޕިޓަލަކީ އެއީއެވެ. އަތޮޅުތެރެއަށް ސިއްހީ ޚިދުމަތްތެރިންނާއި ބޭސް ފޯރުކޮށްދިނުމަށް ގޯލްޑަންރޭގެ ނަމުގައި ދުއްވި ހޮސްޕިޓަލް އުޅަނދަކީވެސް މި އެހީގެ ދަށުން އިނގިރޭސިވިލާތުން ހަދިޔާކުރި އުޅަނދެކެވެ. ޖުމްލަކޮށްލީމާ އެއީ ގާތްގަޑަކަށް ހަތްލައްކަ ފަންސާސް ހާސް ޕައުންޑެވެ. މިލިޔަނަކަށްވެސް ނާރައެވެ.
ކުރިންވެސް ބަޔާންކުރެވުނު ފަދައިން ގަމުން ފޭބުމަށްފަހު އިނގިރޭސިން ދެން ބަދަލުވީ ޖެހިގެން އޮތް ޑިއޭގޯ ގާރސިޔާއަށެވެ. އަމިއްލަ ތަނަކަށެވެ. ކުލިދައްކަން ނުޖެހޭ ތަނަކަށެވެ. އެތަނުގައި ތިބުމުގެ ބަދަލެއްގެ ގޮތުން ވަކި ގައުމަކަށް އެއްވެސް އެހީއެއް ދިނުން މަޖުބޫރު ނޫންތަނަކަށެވެ. އެކަމަކު އާޚިރުގައި ކަންވީ އެހެން ބާވައެވެ. ނޫނެކެވެ. އިނގިރޭސީންނަށް މިކަމުންވެސް ބޮޑު ފިލާވަޅެއް ލިބިގެން ހިގާއްޖެއެވެ. ހުސްވި 2024 ވަނަ އަހަރުގެ އޮކްޓޫބަރު މަހު މޮރިޝަސްއާ އިނގިރޭސިވިލާތާ ދެމެދު ވެވުނު އެއްބަސްވުމެއްގެ ދަށުން ޑިއޭގޯ ގާރސިޔާވެސް ހިމެނޭގޮތަށް މުޅި ފޯޅަވަހީގެ މިލްކުވެރިކަން މޮެރިޝަސްއަށް ދޫކޮށްލަން ވަނީ ހަމަޖެހިފައެވެ. އެއްބަސްވުމުގައި ސޮއިކުރެވޭ ދުވަހުން ފެށިގެން ޑިއޭގޯ ގާރސިޔާގައި އިނގިރޭސިންނަށް އަސްކަރީ މަރުކަޒު ހިންގޭނީ ކުލި ދައްކައިގެންނެވެ. މުއްދަތަކީ 99 އަހަރެވެ. އެ މުއްދަތު ހަމަވުމުން އެއްބަސްވުން އައުކުރެވިދާނެއެވެ.
ކުލީގެ ގޮތުގައި އަދި އެހީގެ ގޮތުގައި މޮރިޝަސްއަށް ދޭން ލާޒިމުކުރަނީ ކިހާވަރެއް ބާވައެވެ. އެންމެ ފުރަތަމަ އެއްބަސްވެވުނީ ޖުމްލަ ނުވަ ބިލިޔަން ޕައުންޑް ދިނުމަށެވެ. އެކަމަކު ދުވަސްކޮޅެއް ފަހުން މޮރިޝަސްގެ ސަރުކާރު ބަދަލުވެ ކުރީ ސަރުކާރު، މިސަރުކާރު، ފައިސާ ފައިސާ، މިޒާތަކުން އައު ލަވައެއް ފަށައި އިނގިރޭސިންނަށް ދުއްތުރާ ކުރަން ފެށީމާ ފައިސާގެ މިންވަރު މިހާރު 18 ބިލިޔަން ޕައުންޑަށް އިތުރުކޮށްފިޔޭ އިނގިރޭސި ނޫސްތަކުން އެބަބުނެއެވެ. އެހެންކަމަށް ވަނީވިއްޔާ އެއީ ކިހާވަރެއްގެ ފައިސާއެއްކަން ބަލައިލަމާ ބަހީއެވެ. އެއީ އަހަރަކު 182 މިލިޔަން ޕައުންޑެވެ. މަހަކު 15 މިލިޔަން ޕައުންޑެވެ. ދުވާލަކަށް ބައިމިލިޔަން ޕައުންޑެވެ. ގަމުގައި އަސްކަރީ މަރުކަޒު ހަދައިގެން އިނގިރޭސިން ތިބި ވިއްސަކަށް އަހަރުގެ ތެރޭގައި ޖުމްލަކޮށް ދިވެހިރާއްޖެއަށް ދިން ހުރިހާ ފައިސާއާ އެއްވަރުގެ އަދަދެއް މޮރިޝަސްއަށް ކޮންމެ ދުވަހަކު ދޭން ލާޒިމު އެބަކުރެއެވެ. އެހެންވީމާ އިނގިރޭސިންނަށް މިއީ ފިލާވަޅަކަށް ނުވާނެބާވައެވެ.
ދުނިޔެ
ދުނިޔެ
ދުނިޔެ
ދުނިޔެ