މިއަދު ބޭއްވި ބައެއް ރަށްރަށުގެ ރަށު ކައުންސިލާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ ބައި-އިލެކްޝަނުން ސަރުކާރު ހިންގާ، ޕީއެންސީން ބޮޑު ކާމިޔާބީއެއް ހޯދުމާއި ގުޅިގެން އެ ކެންޑިޑޭޓުންނަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މަރުހަބާ ވިދާޅުވެއްޖެއެވެ.
ރައީސް އެކްސްގައި މިއަދު ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ބައި-އިލެކްޝަން މިއަދު ބާއްވަން އުޅުނު 37 ގޮނޑީގެ ތެރެއިން 24 ގޮނޑި އިންތިހާބަކާ ނުލައި އަދި އިންތިހާބުގައި ވާދަކޮށްގެން ނުވަ ގޮނޑު ލިބުމަކީ ޕީއެންސީއަށް ލިބުނު ވަރަށް ބޮޑު ކާމިޔާބީއެއް ކަމަށެވެ.
"މި ކާމިޔާބީ ލިބުމުގެ އުފަލުގައި މާތްﷲ ހަޒުރަތަށް ހަމްދުކޮށް، އިންތިހާބު ކާމިޔާބު ކުރެއްވި ހުރިހާ ކެންޑިޑޭޓުންނަށް މަރުހަބާ ދަންނަވައި، އިންތިހާބު ކާމިޔާބުކުރުމަށް މަސައްކަތް ކުރެއްވި ފަރާތްތަކަށާއި އަދި ވޯޓުގައި ބައިވެރިވެވަޑައިގަރް ލޮބުވެތި ރައްޔިތުންނަށް ޝުކުރު ދަންނަވަން،" ރައީސްގެ ޕޯސްޓުގައިވެއެވެ.
މިއަދު ވަނީ ދެ ރަށެއްގެ ކައުންސިލް ބައި-އިލެކްޝަނާއި ދިހަ ރަށެއްގެ އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީގެ ހުސްވެފައިވާ ގޮނޑިއަށް މީހުން ހޮވައިފައެވެ.
ކައުންސިލް ބައި-އިލެކްޝަން ކުރިއަށްގެންދިޔައީ ނ. ލަންދޫ އާއި ހދ. މަކުނުދޫގައެވެ. އޭގެ ތެރެއިން ލަންދޫގެ އަންހެން މެންބަރުގެ ގޮނޑި ކާމިޔާބު ކޮށްފައިވަނީ ޕީއެންސީން ކުރިމަތިލި އާތިފާ މޫސާއެވެ. މަކުނުދޫ ކައުންސިލްގެ ގޮނޑި ކާމިޔާބުކުރީ އަމިއްލަ ގޮތުން ކުރިމަތިލި، އިބްރާހިމް މުހައްމަދެވެ.
މިއަދު ބޭއްވި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ބައި-އިލެކްޝަންތަކުގައި ޕީއެންސީން ވަނީ އަށް ރަށެއްގެ ގޮނޑި ކާމިޔާބުކޮށްފައެވެ. ޕީއެންސީއަށް ކާމިޔާބު ނުވީ އދ. ހަންޏާމީދޫއާއި ދ. ހުޅުދެއްޔާއި ނ. މިލަދޫގެ ގޮނޑިއެވެ.
- ރ. އިންނަމާދޫ - ޕީއެންސީ ކެންޑިޑޭޓު، އައިޝަތު އީސާ
- ލ. ގަން - ޕީއެންސީ ކެންޑިޑޭޓު، އައިމިނަތު އަފްރާހް
- ތ. ބުރުނީ - ޕީއެންސީ ކެންޑިޑޭޓު، ރުގިއްޔާ ރަޒީނާ
- ބ. ގޮއިދޫ - ޕީއެންސީ ކެންޑިޑޭޓު، ނަޖުވާ ފާރޫގް
- ހދ. ހިރިމަރަދޫ - ޕީއެންސީ ކެންޑިޑޭޓު، ފަހީމާ އަބްދުﷲ
- ނ. ލަންދޫ - ޕީއެންސީ ކެންޑިޑޭޓު، އާތިފާ މޫސާ
- ގއ. ކަނޑުހުޅުދޫ - ޕީއެންސީ ކެންޑިޑޭޓު، އައިމިނަތު ޝިފާނާ
- އދ. ހަންޏާމީދޫ - އެމްޑީޕީގެ ކެންޑިޑޭޓު، ހަދީޖާ އިބްރާހިމް
- ނ. މިލަދޫ - އެމްޑީޕީ ކެންޑިޑޭޓު، އައިމިނަތު އަޒުމާ
- ދ. ހުޅުދެލި - އަމިއްލަ ގޮތުން، ފާތުމަތު ރިސާލާ
އިލެކްޝަންސް ކޮމިޝަނުން ބުނި ގޮތުގައި، މިއަދު ބޭއްވި އިންތިހާބުތަކުގައި 6،275 މީހުން ވޯޓުލިއެވެ. އެއީ ޝަރުތު ހަމަވާ މީހުންގެ 55.4 ޕަސަންޓެވެ.
ގާނޫނަށް ގެނައި އިސްލާހާއި އެކު އިލެކްޝަންސް ކޮމިޝަނުން މިހާރު ކައުންސިލްތަކާއި އަންހެނުންގެ ކޮމިޓީތަކުގެ ބައި-އިލެކްޝަންތައް ބާއްވަނީ އަހަރަކު ދެ ފަހަރުއެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު