ކޯޓު ކޮމްޕްލެސްގެ މަސައްކަތް މި އަހަރު ފައްޓަވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލިސް މިއަހަރަށް ހުޅުވުމަށް ބޭއްވި ޖަލްސާގައި ރިޔާސީ ބަޔާން އިއްވަވަމުން ރައީސް މިއަދު ވިދާޅުވީ ޖިނާއީ އަދުލުގެ ނިޒާމަށް ދިމާވެފައިވާ އެންމެ ބޮޑު ގޮންޖެހުމަކީ ކޯޓުތަކަށް ހުށަހަޅާ މައްސަލަތަކުގެ އަޑުއެހުންތައް ލަސްވެ ހުކުމަކާ ހަމައަށް ވާސިލު ނުވެ ދިގުލައިގެން ދިއުން ކަމަށެވެ. ރައީސް ވިދާޅުވީ ޝަރީއަތް ލަސްވާ މައްސަލަ ހައްލުކުރުމުގެ ގޮތުން ކޯޓުތަކަށް ބޭނުންވާ ޖާގައިގެ މައްސަލަ ހައްލުކުރުމަށް ސަރުކާރުން ވަރަށް ބޮޑު އިސްކަމެއްދޭ ކަމަށެވެ.

"މިގޮތުން ސުޕީރިއާ ކޯޓު ކޮމްޕްލެކްސް މިއަހަރު ހުޅުމާލޭގައި އެޅުމުގެ މަސައްކަތް ފަށާނަން. މި ކޮމްޕްލެކްސް ނިމެންދެން ވެސް ކުރިމިނަލް ކޯޓް އަދި ޑްރަގް ކޯޓް ޖާގަ ތަނަވަސް އިމާރާތަކަށް ބަދަލުކުރުމަކީ ކޮންމެހެން ކުރަންޖެހޭ ކަމެއް ކަމަށް ދެކެން. އެ މަސައްކަތް ބާރު ސްޕީޑުގައި ދަނީ ކުރިއަށް. އިރާދަކުރެއްވިއްޔާ އޮގަސްޓު މަހުގެ ކުރިން ހުޅުމާލޭގައި މި ދެ ކޯޓް ހިންގަން ފެށުމަށް ކުރަންޖެހޭ އެންމެހާ މަސައްކަތްތައް ނިންމާލެވޭނެ. ނަތީޖާއެއްގެ ގޮތުން ނުހިނގާ ހުރި ގިނަ މައްސަލަތައް ހިނގަން ފަށާނެ. އަދި އޭގެ އިތުރު ނަތީޖާއެއްގެ ގޮތުން ވާނުވާގައި ތިބި އެތައް ބަޔަކަށް އިންސާފު ލިބި ވާނުވާ ބަންދުގެ މައްސަލައަށް ދާއިމީ ހައްލެއް ގެނައުމަށް ކުރެވޭ މަސައްކަތަށް ބޮޑު ކުރިއެރުމެއް ލިބިގެންދާނެކަމަށް އުންމީދުކުރަން" ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ޖިނާއީ މައްސަލަތަކުގައި ކުށަށް އިއުތިރާފުވާ މީހުންގެ ތެރެއިން ކުދިކުދި ކުށް ކުރާ މީހުން އެފަދަ އަމަލުތަކުން ދުރުހެލިވުމަށް ބާރު އެޅުމުގެ ގޮތުން، އެ މީހުންނަށް އިތުރު ފުރުސަތު ދީ، މުޖުތަމައަށް ރުޖޫއަވޭނެއް ގޮތެއް މަގުފަހިކޮށްދޭން ޖެހޭ ކަމަށެވެ. ރައީސް ވިދާޅުވީ ކުދިކުދި މައްސަލަތަކުގައި ހިމެނޭ މީހުންނަށް ދައުވާކުރުމުގެ ބަދަލުގައި ނަސޭހަތްދިނުން މުހިންމު ކަމަށެވެ.

"މިގޮތުން ތަހުގީގުގައި ކުށަށް އިއުތިރާފުވާ މީހުންގެ ތެރެއިން ކުދިކުދި ކުށް ކުރާ މީހުން އެފަދަ އަމަލުތަކުން ދުރުހެލިވުމަށް ބާރު އެޅުމުގެ ގޮތުން، އަދި އެ މީހުންނަށް އިތުރު ފުރުސަތު ދީ، މުޖުތަމައަށް ރުޖޫއަވެ، މުޖުތަމައުގައި ކުށުން ދުރުހެލިވެގެންވާ ރަނގަޅު ދިރިއުޅުމެއް އުޅުމަށް މަގުފަހިކޮށްދިނުމަށްޓަކައި، އެ މީހުންގެ މައްޗަށް ކުށުގެ ދައުވާކުރުމުގެ ބަދަލުގައި ނަސޭހަތްދީ، މައްސަލަ ނިންމޭ މިންވަރު އިތުރުކުރުން ވަރަށް މުހިންމުކަމުގައި ދެކެން" ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ނަސޭހަތުގެ އެއްބަސްވުމަކީ ގާނޫނުގައި ވަކި މިންވަރަކަށްވުރެ ލުއި އަދަބެއް ކަނޑައެޅިފައިވާ ކުށް ކުރާ މީހުންނާއި، އަލަށް ކުދި ކުށް ކުރާ މީހުން ކުށަށް އިއުތިރާފުވާ ނަމަ ކުށުގެ ވެށިން ދުރުހެލިކޮށް މުޖުތަމައަށް އެނބުރި ރުޖޫއަވުމަށް ދެވޭ މުހިއްމު ފުރުސަތެއް ކަމަށެވެ.

ނަސޭހަތުގެ އެއްބަސްވުމުގެ ދަށުން އެމީހަކު ކުރާ ކުށަކާ ގުޅިގެން އެމީހެއްގެ މައްޗަށް ދައުވާކުރުމުގެ ބަދަލުގައި ޕްރޮސިކިއުޓާ ޖެނެރަލް ކަނޑައަޅާ ވަކި މުއްދަތަކަށް އިތުރު ކުށެއް ނުކޮށް ދެމިހުރެއްޖެ ނަމަ، އޭނާ ކުރި ކުށާ ގުޅިގެން އޭނާގެ މައްޗަށް ދައުވާ ނުކުރުމަށް ޕްރޮސިކިއުޓާ ޖެނެރަލް އެއްބަސްވާނެ ކަމަށް ރައީސް ވިދާޅުވިއެވެ.

"މި މުއްދަތުގެ ތެރޭގައި އިތުރު ކުށެއް ކޮށްފިނަމަ، އެ ކުށަކާ ގުޅިގެން ނަސޭހަތުގެ އެއްބަސްވުން ވެވުނު ކުށާއި، ދެވަނައަށް ކުރި ކުށާއެކު، އެ ދެ ކުށަށް ދެ ދައުވާ ކޯޓަށް ހުށަހެޅިގެން ދާނެ. މީގެ ބޭނުމަކީ އަލަށް ކުދި ކުށްކުރާ މީހުންނަށް އަލުން މުޖުތަމައަށް ރުޖޫއަވުމުގެ ފުރުސަތު ދިނުން" ރައީސް ވިދާޅުވިއެވެ.

ނަސޭހަތްދީ މައްސަލަ ފައިލްކުރާ ނިޒާމު ހަރުދަނާކޮށް ހިނގާނަމަ، ކޯޓުތަކަށް ހުށަހެޅިގެންދާ ޖިނާއީ މައްސަލަތަކުގެ އަދަދު ވަރަށް ބޮޑުތަނުން މަދުވެގެންދާނެ ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ. އޭގެ ނަތީޖާއެއްގެ ގޮތުން ޖުޑިޝަރީގެ ވަސީލަތްތައް ބޮޑެތި، ހާއްސާސީ ޖިނާއީ މައްސަލަތަކަށް ބޭނުންކުރުމަށް މިހާރަށްވުރެ ބޮޑަށް މަގުފަހިވެގެންދާނެ ކަމަށް ރައީސް ވިދާޅުވިއެވެ. އަދި ކޯޓުތަކަށް ހުށަހަޅާ މައްސަލަތައް ނުނިމި ހޭދަވާ މުއްދަތު ކުރުވެ، ޖަލުތައް ފުރިބާރުވުމުގެ މައްސަލައަށް އަވަސް ހައްލެއް ލިބިގެންދާނެ ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.

ކުށުގެ ކުޑަބޮޑުމިނަށް ބަލައި ނަސޭހަތުގެ އެއްބަސްވުން ހެދެން ނެތް ހާލަތްތަކުގައި އިއުތިރާފުގެ އެއްބަސްވުން ހެދުމުގެ އުސޫލު ވެސް ބޭނުންކުރާ މިންވަރު އިތުރުކުރަން މުހިންމު ކަމަށް ރައީސް ވިދާޅުވިއެވެ.

"މިނިވަން ޑިމޮކްރެޓިކް މުޖުތަމައު ތަކުގައި ހުށަހެޅޭ ޖިނާއީ މައްސަލަތަކުގެ ތެރެއިން ގިނަ މައްސަލަތައް ހައްލުކުރަނީ ނަސޭހަތުގެ އެއްބަސްވުމާއި އިއުތިރާފުގެ އެއްބަސްވުމުގެ އެހީގަ. އޭގެ ސަބަބުން ކޯޓުތަކުގެ ބުރަ ލުއިވެ، މައްސަލަތައް ފުނިޖެހުން ކުޑަވެގެން ދޭ." ރައީސް ވިދާޅުވިއެވެ.

"ކިތަންމެ ގިނަ ކޯޓުރޫމްތަކެއް ހެދިޔަސް ގާޒީންގެ އަދަދު ކިތަންމެ ގިނަ ކުރިޔަސް މި ދެނިޒާމް ރަނގަޅަށް ނުހިންގާ ޖިނާއީ އަދުލުގެ ނިޒާމަށް އެކަށީގެންވާ ހައްލެއް ނާންނާނެ. އެހެންކަމުން، ނަސޭހަތުގެ އެއްބަސްވުމާއި، އިއުތިރާފުގެ އެއްބަސްވުން ހެދުމުގެ ނިޒާމު ހަރުދަނާކޮށް، ރައްޔިތުންގެ އިތުބާރު ލިބިގެންވާ ގޮތުގައި ފުޅާ ދާއިރާއެއްގައި ބޭނުންކުރެވޭ ނިޒާމަކަށް ހެދުމަށް ސަރުކާރުން އިސްނަގައިގެން މަސައްކަތްކުރަން ގަސްތުކުރަން" ރައީސް ވިދާޅުވިއެވެ.

ގައުމުގެ ޖިނާއީ އަދުލުގެ ނިޒާމަކީ އެ ގައުމެއްގެ ރައްޔިތުންގެ ހައްގުތައް ރައްކާތެރިކޮށް، ގައުމުގައި އިޖުތިމާއީ ހަމަޖެހުމާއި އަދުލުއިންސާފު ގާއިމުކުރުމުގެ އެންމެ މުހިންމު ނިޒާމުކަން ފާހަގަކުރައްވައި ރައީސް ވިދާޅުވީ ޖިނާއީ އަދުލުގެ ނިޒާމު ހަރުދަނާ ކުރުމަށްޓަކައި ޖިނާއީ މައްސަލަތަކުގައި ގާނޫނީ އެހީތެރިކަން ލިބޭ މިންވަރު މިހާރަށްވުރެ އިތުރުކުރަން ޖެހޭ ކަމަށެވެ.

ކުރިއަރާފައިވާ މިނިވަން ޑިމޮކްރެޓިކް ގައުމުތަކުގައި "ޕަބްލިކް ޑިފެންޑާސް އޮފީސް" ނަމުގައި ދައުލަތުގެ ދިފާއީ ވަކީލުންގެ އޮފީހެއް ގާއިމްކޮށްފައި ހުންނަ ކަމަށް ރައީސް ވިދާޅުވިއެވެ. އެއީ ޖިނާއީ މައްސަލަތަކުގައި އަމިއްލައަށް ވަކީލުން ނެގުމުގެ މާލީ ތަނަވަސްކަން ނެތް ފަރާތްތަކަށް ދިފާއީ ވަކީލުން ހަމަޖައްސައިދިނުމުގެ ގޮތުން ހުންނަ އޮފީހެއް ކަމަށް ރައީސް ވިދާޅުވިއެވެ. އެ ނިޒާމު ބައްޓަންކުރަން ޖެހޭނީ ޖިނާއީ މައްސަލަތަކުގައި ތުހުމަތު ކުރެވޭ ކޮންމެ މީހަކަށް ވަކީލެއްގެ އެހީތެރިކަން ލިބޭ ގޮތަށް ކަމަށް ރައީސް ވިދާޅުވިއެވެ.

އެ މަނިކުފާނު ވިދާޅުވީ ޕަބްލިކް ޑިފެންޑާސް އޮފީހެއް ގާއިމުކޮށް ޖިނާއީ މައްސަލަތަކުގައި ގާނޫނީ އެހީތެރިކަން ދޭނެ، ވަކީލުންތަކެއް އުފެއްދިއްޖެނަމަ ޖިނާއީ އަދުލުގެ ނިޒާމު މިހާރަށްވުރެ ހަރުދަނާ ކުރެވިގެންދާނެ ކަމަށެވެ.

އެހެންކަމުން މިއަހަރުގެ ތެރޭގައި ޕަބްލިކް ޑިފެންޑާސް އޮފީސް ގާއިމުކުރުމާބެހޭ ހާއްސަ ބިލެއް މަޖިލީހަށް ހުށަހަޅުއްވާނެ ކަމަށް ރައީސް ވިދާޅުވިއެވެ.