ނަހަމަ އަގުގައި ވިޔަފާރިކޮށް މުންސަނދިވާ ވަސީލަތަކަށް އާސަންދަ ނަންބޯޑު ބޭނުންކުރުމުގެ ފުރުސަތެއް ނުދެވޭނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެއެވެ.
މި އަހަރުގެ ރިޔާސީ ބަޔާން އިއްވަވަމުން ރައީސް މިއަދު ވިދާޅުވީ، ގައުމެއް ބިނާކުރުމުގައި އެބައެއްގެ ސިއްހީ ދުޅަހެޔޮކަމަކީ އެންމެ އިސްކަންދޭން ޖެހޭ އެއް އަސާސް ކަމަށާއި އެހެންކަމުން ސިއްހީ ފަރުވާއަށް ބޭނުންވާ މީހުންނަށް، އިތުބާރާއެކު ސިއްހީ ފަރުވާ ލިބޭނެ ނިޒާމެއް ގާއިމުވެފައި އޮތުމަކީ ވަރަށް މުހިންމު ކަމެއް ކަމަށެވެ.
ރައީސް ވިދާޅުވީ، ސިއްހީ ދާއިރާއާ ރައްޔިތުން އެންމެ ބޮޑަށް ގުޅިފައިވަނީ އާސަންދަ ނިޒާމުން ކަމަށާއި އެ ނިޒާމަކީ ސިއްހީ ފަރުވާ، ހުރިހާ ދިވެހި ރައްޔިތުންނަށް ކަށަވަރުކޮށްދިނުމުގެ ބޭނުމުގައި ހިންގަމުން އަންނަ ނިޒާމެއް ކަމަށެވެ. ރައީސް ވިދާޅުވީ އާސަންދައިގެ ނިޒާމަކީ ކޮންމެހެން ދަހަމަހައްޓަން ޖެހޭ ނިޒާމެއް ކަމަށާއި އެ ނިޒާމުގައި އަދުލުވެރިކަމާއި އިންސާފުވެރިކަން ކަށަވަރުވާން ޖެހޭނެ ކަމަށެވެ.
ރައީސް ވިދާޅުވީ، އާސަންދަ ނިޒާމުންވެސް ނާޖާއިޒު ގޮތުގައި ބަޔަކު ފައިދާ ނަގަމުން ދިޔަކަން ސަރުކާރަށް ޔަގީންކުރެވިފައިވާ ކަމަށާއި އެހެންވެ، އެ ނިޒާމު ހަރުދަނާކުރުމަށްޓަކައި މިދިޔަ އަހަރު މުހިންމު ފިޔަވަޅުތައް އަޅާފައިވާނެ ކަމަށެވެ.
"އެ ގޮތުން ފުރަތަމަ ކަމަކަށް ބޭހުގެ ބަލްކް ޕްރޮކިއުމަންޓްގެ ތެރެއިން އެންމެ ފެންވަރު ރަނގަޅު ބޭސް ރާއްޖެއަށް ގެންނަން ފެށިން. އަދި ބޭހުގެ ޒަމާންވީ ނަހަމަ ވިޔަފާރިއާއި ނިޒާމީ އިސްރާފު ހުއްޓުވުމަށްޓަކައި 250 ބޭހެއްގެ އަގު ކޮންޓްރޯލްކުރިން." ރައީސް ވިދާޅުވިއެެވެ.
ރައީސް ވިދާޅުވީ، އެ ބަދަލުތަކާއެކު ބައެއް ފަރާތްތަކުން ކަންކަންކުރަން ފެށި ގޮތުން އާއްމު ރައްޔިތުންނަށް ދަތިތަކެއް ކުރިމަތިވާން ފެށި ކަމަށާއި ނަމަވެސް އާސަންދަ ހިދުމަތުގެ ނަން ފިލާގަނޑު ހުންނަ ކޮންމެ ބޭސްފިހާރަޔަކީ، ރައްޔިތުންގެ ދުޅަހެޔޮކަމަށް ހިދުމަތްކުރާ ތަނަކަށް ވާކަން ސަރުކާރުން ކަށަވަރުކުރާނެ ކަމަށެވެ.
"އާސަންދައިން ފޯރުކޮށްދޭ ބޭހަކީ، އެކި ފިހާރައިން އެކި އަގު ޖަހައިގެން، ނަހަމަ އަގުގައި އެއިން ވިޔަފާރިކޮށް، ވަކި ބަޔަކު މުއްސަނދިވާ ވަސީލަތެއްގެ ގޮތުގައި އޮތް އޮތުން ނިމުމަކަށް ގެނެސް، ހޭދަކުރެވޭ ކޮންމެ ރުފިޔާއަކީ، ދިވެހި ލޮބުވެތި ރައްޔިތެއްގެ ދުޅަހެޔޮކަމަށްޓަކައި ކުރެވޭ ހޭދައަކަށް އިރާދަކުރެއްވިޔާ ބަދަލުކުރާނަން." ރައީސް ވިދާޅުވިއެވެ.
ރައީސް އިތުރަށް ވިދާޅުވީ، އާސަންދައިން ބޭސް ހޯދުމުގައި ރައްޔިތުންނަށް މާލީ ތަކުލީފެއް ކުރިމަތިނުވާނޭކަން ސަރުކާރުން ކަށަވަރުކުރާނެ ކަމަށެވެ. އެގޮތުން ރާއްޖޭގެ ކޮންމެ ހިސާބެއްގައި ހުންނަ ކޮންމެ ރައްޔިތަކަށްވެސް، އިތުރު ހަރަދެއް ނުވަތަ އިތުރު ދަތުރެއް ކުރަން ނުޖެހި، ފެންވަރު ރަނގަޅު ބޭސް ލިބޭކަން ކަށަވަރުކުރުމަށް މުހިންމު ހިދުމަތްތަކެއް މި އަހަރުގެ ތެރޭގައި ތައާރަފުކުރާނެ ކަމަށް ވިދާޅުވިއެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު