ތައުލީމީ ދާއިރާގެ ވަސީލަތްތައް ތަރައްގީކުރުމުގެ 134 މަޝްރޫއު މިއަހަރު ކުރިއަށްދާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

މި އަހަރުގެ ރިޔާސީ ބަޔާން އިއްވަވަމުން ރައީސް މިއަދު ވިދާޅުވީ ގައުމު އާރާސްތުކޮށް ދެމެހެއްޓެނިވި ގޮތަކަށް ބިނާކުރެވޭނީ، ގައުމުގައި ދެވޭ ތައުލީމުގެ ފެންވަރު މަތިކޮށްގެން ކަމަށާއި ނަމަވެސް ހަގީގަތަކީ ފާއިތުވެދިޔަ އަހަރުތަކުގައި ތައުލީމުގެ ދާއިރާއަށް ވެފައިވާ އިހުމާލަކީ، އޭގެ ގެއްލުން ފޫބައްދަން އެތައް މަސައްކަތެއް ކުރަން ޖެހިފައިވާ ކަމެއް ކަމަށެވެ.

ރައީސް ވިދާޅުވީ، މާލެ ސަރަހައްދުގައި ސާނަވީ ތައުލީމުދޭ ސްކޫލް އިމާރާތް ކުރުމުގެ މަޝްރޫއުގެ ދަށުން އިންޑިއާގެ ކޮންސެޝަނަލް ފައިނޭންސްގެ އެހީގައި އިތުރު ސްކޫލުތައް ހެދުމުގެ މަޝްރޫއެއް މި އަހަރު ފެށުމަށްޓަކައި ގިނަގުނަ ތައްޔާރީތައް ވަމުން އަންނަ ކަމަށެވެ.

"ހަމައެއާއެކު ސަރުކާރުންގެ ބަޖެޓުން ހަރަދުކޮށްގެން ރާއްޖޭގެ އެކި ކަންކޮޅުގައި ސްކޫލް އިންފްރާސްޓްރަކްޗާ ގާއިމުކުރުމުގެ 134 މަޝްރޫއު މިއަހަރު ކުރިއަށްދާނެ" ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ، އެ މަނިކުފާނު ރާއްޖޭގެ ވެރިކަމާ ހަވާލުވީއިރު، ދަރިވަރުންގެ ކިޔެވުމުގެ އެންމެ މުހިންމު މަރުހަލާ ކަމުގައިވާ ޕްރައިމަރީ ގްރޭޑްތަކުގެ ނަތީޖާ ވަނީ ކަންބޮޑުވާ މިންވަރަށް ދަށްވެފައި ކަމަށެވެ.

"ދަރިވަރުންގެ ވިސްނުމާއި، ކްރިޓިކަލް ތިންކިންއަށް މަގުފަހިކުރުމަށް ބޭނުންވާ ހިސާބު މާއްދާގެ ކީސްޓޭޖް އެކެއްގެ ނޭޝަނަލް އެސެސްމަންޓް އޮފް ލާނިން އައުޓުކަމްސްގެ ނަތީޖާއަށް ބަލާއިރު ފާސްވާ އިންސައްތަ 2015 ވަނަ އަހަރުގައި ހުރީ 58 ގައި. ނަމަވެސް 2023 ވަނަ އަހަރު ދަރިވަރުންނަށް ދެވުނު އިމްތިހާނުން މި މުހިންމު މާއްދާއިން ފާސްވާ އިންސައްތަ ހުރީ 46 ގައި. މި މުއްދަތުގައި ދިވެހި މާއްދާގެ ނަތީޖާ ވަނީ 62 އިންސައްތައިން 40 އިންސައްތައަށް ދަށްވެފައި" ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ، ތައުލީމީ ދާއިރާ ހަރުދަނާކުރުމަށްޓަކައި ގިނަ ފިޔަވަޅުތަކެއް މިދިޔަ އަހަރު އަޅާފައިވާނެ ކަމަށެވެ. އެގޮތުން މުދައްރިސުން ތަމްރީނުކުރުމުގެ ގައުމީ ޕްރޮގްރާމެއް ފަށާފައިވާކަން އެ މަނިކުފާނު ފާހަގަކުރެއްވިއެވެ.

ރައީސް ވިދާޅުވީ، ސަރުކާރުގެ ހުރިހައި ސްކޫލެއް ފިނިކުރުމަށް ޓަކައި ފެށި "ކޫލް ސްކޫލް" ޕްރޮޖެކްޓުގެ ތެރެއިން ސަރުކާރުގެ ސްކޫލްތަކުގެ 3700 އަށް ވުރެ ގިނަ ކުލާސްރޫމް ފިނިކުރުމަށް ބޭނުންވާ އޭސީ މި އަހަރު ފޯރުކޮށްދީ މި އަހަރުގެ ތެރޭގައި އެ މަޝްރޫއު ނިމެނޭނެ ކަމަށެވެ.

ރައީސް އިތުރަށް ވިދާޅުވީ ފާއިތުވި އަހަރު ޖުމުލަ 15300 އަށްވުރެގިނަ ދަރިވަރުންގެ މަތީ ތައުލީމު ހާސިލުކުރުމަށް 1.26 ބިލިޔަން ރުފިޔާގެ މާލީ އެހީ ދީފައިވާ ކަމަށާއި ގައުމުގެ ތަރައްގީއަށް ބޭނުންވާ ދާއިރާތަކުން މަތީ ތައުލީމާއި ތަމްރީނުގެ ފުރުސަތުތައް ހޯދައިދިނުމަށް ކުރު މުއްދަތުގެ ތަމްރީނުތަކަށް 1000 ފުރުސަތު ދީފައިވާ ކަމަށެވެ. އަދި 640 އަށްވުރެ ގިނަ ސްކޮލާޝިޕް ފުރުސަތު ފަހިކޮށްދީފައިވާ ކަމަށެވެ.