ގެދޮރުވެރިޔާ ސްކީމުގެ ދަށުން ހަދަމުން އަންނަ 4،000 ފުލެޓް ލިބޭ މީހުންގެ ލިސްޓު މި މަހު އިއުލާންކޮށް ސެޕްޓެމްބަރުގެ ނިޔަލަށް ފުލެޓުތައް ހަވާލުކޮށް ނިންމާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

މި އަހަރުގެ ރިޔާސީ ބަޔާން އިއްވަވަމުން ރައީސް މިއަދު ވިދާޅުވީ، އިންޑިއަން އެގްޒިމް ބޭންކުގެ ލޯނު އެހީގައި ކުރިއަށްދާ 4،000 ފްލެޓް ނިންމުމާއި ފްލެޓް ލިބޭނެ ކަމަށް އިއުލާންކޮށްފައިވާ 4،000 މީހުންގެ ލިސްޓާއި މެދު އެންޓި ކޮރަޕްޝަން ކޮމިޝަނުން އަންގަވާފައިވާ އެންގުންތަކާއެކު އެ ލިސްޓުގެ ސައްހަކަން ބެލުމަކީ މި ސަރުކާރަށް ކުރަން ޖެހުނު ވަރަށް ހައްސާސްކަމެއް ކަމެއް ކަމަށެވެ.

"މާތް ﷲ ގެ އިރާދަފުޅާއެކު ލިސްޓުގެ ސައްހަކަން ބެލުމަށް ކުރެވެމުންދާ މަސައްކަތް ނިމި މި ފެބްރުއަރީ މަސް ނިމުމުގެ ކުރިން ލިސްޓު އިއުލާނު ކުރެވޭނެ. އަދި ފްލެޓްތައް ނިމެމުންދާ ނިސްބަތުން ފްލެޓް ލިބޭ ފަރާތްތަކާ ފްލެޓް ހަވާލު ކުރަމުން ގޮސް މި އަހަރުގެ ސެޕްޓެންބަރު މަސް ނިމުމުގެ ކުރިން ހުރިހާ ފްލެޓެއް އޭގެ ހައްގުވެރި ފަރާތްތަކާ ހަވާލުކޮށް ނިންމާލެވޭނެ" ރައީސް ވިދާޅުވިއެވެ.

މާލެ ސަރަހައްދުން ފްލެޓް ދޫކުރުމަށް 26 ޖޫން 2022 ގައި ފަށާފައިވާ "ގެދޮރު ވެރިޔާ" ސްކީމަކީ ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަމުގައި ފެއްޓެވި މަޝްރޫއެކެވެ.

އެ މަޝްރޫއުގެ ދަށުން ފްލެޓް ލިބޭ މީހުންގެ ދާއިމީ ލިސްޓެއް އެ މަނިކުފާނުގެ ވެރިކަމުގައި 15 ނޮވެމްބަރު 2023 ގައި ނެރުނު ނަމަވެސް، ލިސްޓް އެކުލަވައިލުމުގައި ކޮރަޕްޝަނަށް މަގުފަހިވާ ކަންތައްތަކެއް ހުރިކަމަށް ތުހުމަތުކޮށް، އާއްމު ފަރާތްތަކަކުން އެންޓިކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަށް މައްސަލަ ހުށަހެޅުމާ ގުޅިގެން، އެ މަނިކުފާނުގެ ވެރިކަމުގެ ދައުރު ނިމުނުއިރުވެސް އެ ލިސްޓްގައި ހިމެނޭ ފަރާތްތަކަށް ފްލެޓް ހަވާލެއް ނުކުރެވުނެވެ.

އެއަށްފަހު މިހާރު އޮތް ރައީސް މުއިއްޒުގެ ވެރިކަމުގައި ވެސް އެ މައްސަލަ ބަލަން ފެށިއެވެ. އަދި ފްލެޓް ލިބުނު މީހުންގެ ދާއިމީ ލިސްޓެ ނެރެ އެއަށް ޝަކުވާ ހުށަހުމުގެ ފުރުސަތު ހުޅުވާލާނެ ކަމަށް ހައިދަރު އޮތީ ވިދާޅުވެފައިވެއެވެ.

ނަމަވެސް މިދިޔަ މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ ފުރަތަމަ ހަފުތާގައި ވެސް ލިސްޓު އާންމުކޮށްފައެވެ. އެކަމާ ގުޅިގެން ފާޑު ކިޔުން އަމާޒުވުމުން ހައުސިން މިނިސްޓްރީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ކުރީގެ ހައުސިން މިނިސްޓަރު، ހައިދަރު ވިދާޅުވެފައިވަނީ ހަފުތާ ނިމުމުގެ ކުރީ ދުވަހު ލިސްޓް އިއުލާން ކުރައްވާނެ ކަމަށެވެ.

ނަމަވެސް އެ ފަހުން ނޮވެމްބަރު 16 ގައި ހައުސިން މިނިސްޓްރީން ނެރުނު ނޫސްބަޔާނެއްގައި ވަނީ، އޭސީސީއަށް ހުށަހަޅާފައިވާ މައްސަލައާ ގުޅިގެން، އެ ކޮމިޝަނުން އެ މިނިސްޓަރީއަށް އަންގާފައިވާ ކަންކަން ބެލުމަށް ރައީސުލްޖުމްހޫރިއްޔާގެ ލަފާފުޅުގެ މަތިން އެކުލަވައިލި ހައުސިން އެޑްވައިޒަރީ ކޮމިޓީ އާއި ހައުސިލް ކޮންސަލްޓޭޓިވް ކޮމިޓީގެ ލަފާގެމަތިން، އެ ސްކީމުގެ ދަށުން ހުށަހަޅާފައިވާ ހުރިހާ އެޕްލިކޭޝަން ފޯމުތަކެއް މުރާޖައާ ކުރުމުގެ އެންމެހައި މަސައްކަތްތައް ކުރަމުން އަންނަ ކަމަށެވެ.

ނަމަވެސް "ގެދޮރުވެރިޔާ" ސްކީމުގެ ދަށުން ފުލެޓް ލިބުނު މީހުންގެ ލިސްޓު ނެރުމަށް އިތުރު ވަގުތު ބޭނުންވާތީ ލިސްޓު ނެރުން މުއްދަތެއް ނެތް ގޮތަށް ވަނީ ފަސްކޮށްފައެވެ. އެއިރު ހައުސިން މިނިސްޓަރަކަށް ހުންނެވީ ޑރ. އަލީ ހައިދަރު އަހުމަދެވެ.