ސެމީ ފައިނަލް ދެވަނަ ލެގުގައިވެސް އާސެނަލް ބަލިކޮށް، ނިއުކާސަލްއިން ލީގު ކަޕް ފައިނަލްގެ ފުރަތަމަ ޖާގަ ޔަގީންކޮށްފިއެވެ.

ރޭ އަމިއްލަ ދަނޑުގައި ދެވަނަ ލެގަށް ނުކުތްއިރު، ފުރަތަމަ ލެގުން ނިއުކާސަލް އޮތީ 2-0 އިން މޮޅުވެފައެވެ. އެ ލީޑު ދިފާއުކުރަން ނުކުމެ ނިއުކާސަލްއިން ވަނީ އާސެނަލް ކައިރިން 2-0 އިން މޮޅުވެފައެވެ. އެގްރިގޭޓް 4-0 ގެ ނަތީޖާއަކުން ނިއުކާސަލް ފައިނަލް ޔަގީންކުރި އިރު، އެޓީމުން ލީގު ކަޕް ފައިނަލަށް ނުކުންނާނީ ޓޮޓެންހަމް ނޫނީ ލިވަޕޫލާ ދެކޮޅަށެވެ.

ލީގު ކަޕް ފައިނަލް ވެގެންދާނީ ނިއުކާސަލްއަށް ހާއްސަ ފައިނަލަކަށެވެ. އެޓީމުން ތަށްޓަކަށް އިންތިޒާރުކުރަމުންދާތާ 56 އަހަރު ވެފައިވާ އިރު، އެންމެފަހުން ނިއުކާސަލް ހޯދި ތަށްޓަކީ 1969 ވަނަ އަހަރު ހޯދި އިންޓަ-ސިޓީސް ފެއާސް ކަޕެވެ.

ރޭގެ ސެމީ ފައިނަލް ދެވަނަ ލެގު ވަރުގަދަކޮށް ފެށީވެސް ނިއުކާސަލްއިންނެވެ. ކުރީކޮޅުގައި އެލެކްސެންޑްރާ އިސާކް ފޮނުވާލި ބޯޅައެއް ގޯލަށް ވައްދާލި ނަމަވެސް، ރެފްރީ ނިންމީ އޭނާ ބޯޅައަށް މަސައްކަތް ކުރީ އޮފްސައިޑް މަގާމެއްގައި ހުރެފައި ކަމަށެވެ.

ނުރައްކާކުރަމުން ދިޔަ ނިއުކާސަލްއިން ލީޑު ނެގީ 19 ވަނަ މިނެޓުގައެވެ. އިސާކް ފޮނުވާލި ބޯޅަ ދަނޑީގައި ޖެހިފައި ނުކުތުމުން އެ ބޯޅަ ގޯލަށް ވައްދާލީ ޖޭކޮބް މާފީއެވެ.

ފުރަތަމަ ހާފުގައި އާސެނަލްގެ މާޓިން އޮޑިގާޑަށް ރަނގަޅު ފުރުސަތެއް ލިބި ބޭކާރުވި އިރު، ދެވަނަ ހާފަށް ނުކުމެ، ނިއުކާސަލްއިން ފައިނަލް ޔަގީންކުރިއެވެ. މެޗުގެ 52 ވަނަ މިނެޓުގައި އެޓީމުން ދެވަނަ ގޯލެއް ޖެހީ، އާސެނަލް ކީޕަރު ޑޭވިޑް ރާޔާ، ޑެކްލަން ރައިސްއަށް ޖައްސާލި ބޯޅައެއް ގެއްލި، ފަބިއަން ޝާއަށް ލިބުމުން އޭނާ ޖައްސާލި ބޯޅަ ގޯލަށް ނިންމާލީ އެންތަނީ ގޯޑަންއެވެ.

މީގެ ދެ އަހަރު ކުރިންވެސް ލީގު ކަޕްގެ ފައިނަލަށް ނިއުކާސަލް ނުކުތް ނަމަވެސް، ބަލިވީ މެންޗެސްޓާ ޔުނައިޓެޑް ކައިރިންނެވެ. ނިއުކާސަލްއިން އެންމެފަހުން ހޯދި ޑޮމެސްޓިކް ކާމިޔާބީއަކީ 1955 ވަނަ އަހަރު ހޯދި އެފްއޭ ކަޕެވެ.