ހުޅުމާލޭގައި ދިރިއުޅޭ އިސްރަށްވެހިންގެ އިޖުތިމާއީ ދުޅަހެޔޮކަން އިތުރުކުރުމުގެ މަގުސަދުގައި ތަރައްގީކުރި އިސްރަށްވެހިންގެ ނާދީ މިއަދު ހުޅުވައިފިއެވެ.

މިއަދު ހެނދުނު ބޭއްވި ރަސްމިއްޔާތެއްގައި، ހުޅުމާލޭ ދެވަނަ ފިޔަވަހީގެ ހިޔާ ޓަވަރު އަށެއްގައި ތަރައްގީކޮށްފައިވާ އިސްރަށްވެހިންގެ ނާދީ ހުޅުއްވައިދެއްވީ، އެޗްޑީސީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު ފަޔާޒް މަންސޫރެވެ.

އެޗްޑީސީން މިއަދު ބުނީ މި އިސްރަށްވެހިންގެ ނާދީގެ މަގުސަދަކީ، ހުޅުމާލޭގައި ދިރިއުޅޭ އުމުރުން ދުވަސްވީ ފަރާތްތަކަށް އެންމެ ފުރިހަމައަށް ހިދުމަތް ދެވޭނެ މަރުކަޒެއް ހުޅުމާލޭގައި ގާއިމުކުރުމެވެ. އެގޮތުން، މިއަދު ހުޅުވި ނާދީ ތަރައްގީކޮށްފައިވަނީ އިސްރަށްވެހިންނަށް ބޭނުންވާނެ އެންމެ ފުރިހަމަ އަދި ޒަމާނީ ވަސީލަތްތަކާއެކު ކަމަށް ވެސް ބުންޏެވެ.

"މިއީ އިސްރަށްވެހިންގެ ޖިސްމާނީ، ނަފުސާނީ އަދި އިޖުތިމާއީ ދުޅަހެޔޮކަން އިތުރުކުރުމަށް ވެސް އެންމެ އެކަށީގެންވާ ވަސީލަތްތަކާއެކު ގާއިމުކޮށްފައިވާ މަރުކަޒެކެވެ. އެގޮތުން އިސްރަށްވެހިންގެ ހެލްތު ސްކްރީނިން އާއި އެމީހަކަށް ބޭނުންވާ ހާއްސަ ފަރުވާ އެތަނުން ލިބޭނެއެވެ. އަދި ނަފުސާނީ ދުޅަހެޔޮކަން އިތުރުކުރުމުގެ ގޮތުން އެ މަރުކަޒު ފަރުމާކޮށްފައިވަނީ އެންމެންނަށް ބޭނުންކުރެވޭ ކޮމަން ސަރަހައްދަކާއި ހިތްހަމަޖައްސާލައި އަރާމުކޮށްލަން މަޑުކޮށްލާނެ ސަރަހައްދާއި ހިތްފަސޭހަ ކޮށްލުމަށް ބޭރަށް ނުކުމެވޭނެ ޖާގައިގެ އިތުރުން ފޮތް ކިޔުމަށް ހާއްސަކޮށް ތައްޔާރުކޮށްފައިވާ ޖާގަ ހިމެނޭ ގޮތަށެވެ. އަދި އޭގެ އިތުރުން އަވަސް ފަރުވާދޭ ކޮޓަރި އާއި ނަމާދު ކޮޓަރި އަދި ބަދިގެވެސް ހިމެނޭ ގޮތަށެވެ،" އެޗްޑީސީން ބުންޏެވެ.

ހާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކަށްވެސް ފަސޭހައިން އެކްސެސްވެވޭ ގޮތަށް ފަރުމާކޮށްފައިވާ އެ ނާދީ ހުޅުވާފައި ހުންނާނީ ހުކުރު ހޮނިހިރު ފިޔަވައި ކޮންމެ ދުވަހެއްގެ ވެސް ހެނދުނު 08:00 އިން އިރުއޮއްސި 6:00 އަށެވެ.

މިއީ އެޗްޑީސީގެ ސީއެސްއާރުގެ ދަށުން ތަރައްގީކޮށް، އިޖުތިމާއީ އަދި އާއިލީ ތަރައްގީއާ ބެހޭ ވުޒާރާއިން ހިންގުމަށް ހަވާލުކުރި ޕްރޮޖެކްޓެކެވެ. މި ނާދީގެ ހިދުމަތް ދެވެން ފެށުމުން، ހުޅުމާލޭގައި ދިރިއުޅޭ އިސްރަށްވެހިންގެ ދިރިއުޅުމުގެ ފެންވަރު ރަނގަޅުވެ، ދުޅަހެޔޮ ދިރިއުޅުމަކަށް ބާރު އެޅިގެންދާނެ ކަމަށް އެޗްޑީސީން ބުންޏެވެ.

ހުޅުމާލޭގައި ދިރިއުޅޭ ރައްޔިތުންނަށް ބޭނުންވާނޭ މިފަދަ އެކި ވަސީލަތްތައް ތަރައްގީކޮށް ހިދުމަތް ފޯރުކޮށްދިނުމަށް އަބަދުވެސް އަންނަނީ މަސައްކަތް ކުރަމުން ކަމަށް އެޗްޑީސީން ބުންޏެވެ.