ގެދޮރުވެރިޔާ ސްކީމުގެ ދަށުން ހުޅުމާލޭގައި އިމާރާތްކޮށްފައިވާ ފްލެޓުތައް އޭގެ ހައްގުވެރިންނަށް ނުދީ، އެ މަޝްރޫއު ހިންގުމަށްޓަކައި އިންޑިއާއިން ނެގި ލޯނަށް ފައިސާ ދެއްކުމުގައި ދައުލަތަށް ގެއްލުންވާ ގޮތަށް އަމަލު ކުރަމުންދާ ކަމަށްބުނެ ފަހި ދިރިއުޅުން ކޯޕަރޭޝަނު (އެފްޑީސީ)ގެ ވެރިން މަޖިލީހަށް ހާޒިރުކޮށްދޭން އެދިއްޖެއެވެ.
އެ ފަރާތްތައް މަޖިލީހަށް ހާޒިރުކޮށްދޭން މަޖިލިސް ރައީސްގެ ކިބައިން އެދިވަޑައިގެންފައިވަނީ، ގަލޮޅު އުތުރު ދާއިރާގެ އެމްޑީޕީ މެންބަރު މުހައްމަދު އިބްރާހިމް (ކުޑޫ) އެވެ.
އެކަަމަށް އެދި ރައްޔިތުންގެ މަޖިލީހުގެ ރައީސް، އަބްދުއްރަހީމް އަބްދުﷲ އަށް ކުޑޫ ފޮނުއްވި ސިޓީގައި ވަނީ 4000 ހައުސިން ޔުނިޓުގެ މަޝްރޫއު ހިންގަން އިންޑިއާއިން ނެގި ލޯނުގެ ރިޕޭމަންޓުގެ ގޮތުގައި ކޮންމެ މަހަކު، 23.3 މިލިއަން ރުފިޔާ ދައުލަތުން ދައްކަމުންދާ ކަމަށެވެ. އަދި އެފްޑީސީ މުވައްޒަފުންގެ މުސާރަ އާއި ރިކަރަންޓު ހަރަދުތަކަށް މަހަކު 3.2 މިލިއަން ރުފިޔާ ހަރަދު ކުރާކަން އާންމު ކޮށްފައިވާ ތަފާސް ހިސާބުތަކުން އެނގޭ ކަމަށް ވެސް އެ ސިޓީގައި ލިޔުއްވާފައިވެއެވެ.
ކަން އެހެން އޮތްއިރު، އެ މަޝްރޫއުގެ ދަށުން މިހާރު ނިންމާފައިވާ 744 ފްލެޓުތައް އޭގެ ހައްގުވެރިންނަށް ހަވާލުކޮށް މިހާރު މަސައްކަތް ނިމިފައި އޮތް ކޮމާޝަލް އޭރިއާ ކުއްޔަށް ދޫކޮށްފި ނަމަ ދައުލަތަށް މަހަކު 10 މިލިއަން ރުފިޔާ ލިބޭނެ ކަމަށްވެސް އެ ސިޓީގައި ކުޑޫ ލަފާ ކުރައްވާފައިވެއެވެ.
ނަމަވެސް ނިމިފައި ހުރި ފްލެޓުތައް އޭގެ ހައްގުވެރިންނަށް ހަވާލު ނުކޮށް ލަސް ކުރަމުންދިއުމަކީ، ގަސްތުގައި ދައުލަތަށް ގެއްލުންވާ ގޮތަށް އަމަލު ކުރުން ކަމަށް ވެސް ބުނެފައިވެއެވެ.
އެހެންކަމުން ދައުލަތަށް ގެއްލުންވާ ގޮތަށް އަމަލު ކުރަމުންދަނީ ކޮން ސަބަބަކާ ހުރެތޯ ބެލުމަށް އެފްޑީސީގެ ވެރިން މަޖިލީހުގެ ގެދޮރުވެރިކަމުގެ ކޮމިޓީއަށް ހާޒިރު ކޮށްދިނުމަށް މުހައްމަދު އިބްރާހިމްގެ ސިޓީގައި ވަނީ އެދިވަޑައިގެންފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު