މި ސީޒަނުގެ މިހާތަނަށް ޕްރިމިއާ ލީގުގައި ވީއޭއާރްގެ 13 ގޯހެއް ފެނިފައިވާ ކަމަށް ލީގުގެ ގޯސްތައް ދިރާސާކުރާ ކީ މެޗް އިންސިޑެންޓްސް (ކޭއެމްއައި) ޕެނަލުން ބުނެފިއެވެ.

މިހާތަނަށް ހުރިހާ ޓީމަކުންވެސް 23 މެޗު ކުޅެފައިވާ އިރު، ކޭއެމްއައި ޕެނަލުން ބުނީ ވީއޭއާރް ބޭނުންކޮށްގެން ރެފްރީން ނިންމި، ހަތަރު ނިންމުމެއް ގޯސްކަމަށާއި، ވީއޭއާރުން ހުއްޓުވެން ޖެހޭ ނުވަ ހާލަތެއްގައި ކުޅުން ނުހުއްޓުވި، އަޅައިނުލައު ދޫކޮށްލެވިފައިވާ ކަމަށެވެ.

މިހާތަނަށް މި ސީޒަނުގެ ލީގުގައި ކުޅުނު 239 މެޗެއްގައި 70 ފަހަރަށް ވީއޭއާރްގެ އެހީ ބޭނުންކޮށްފައިވެއެވެ. އެއީ ގާތްގަނޑަކަށް ކޮންމެ ތިން މެޗަކުން އެއް މެޗުގައެވެ. ކޭއެމްއައިގެ ޕެނަލުން ބުނީ ލީގުގެ މުހިއްމު ނިންމުންތަކުގައި ވީއޭއާރް ބޭނުންކުރަން ފެށި ސީޒަނާ ބަލާއިރު، މިހާރު ނަތީޖާ ރަނގަޅު ކަމަށެވެ.

އެގޮތުން 95.7 ޕަސެންޓުން 96.4 ޕަސެންޓަށް ނިންމުންތައް ރަނގަޅުވުމުގެ ރޭޓް މަތިކުރެވިފައިވާ ކަމަށްވެސް ކޭއެމްއައި ޕެނަލުން ބުންޏެވެ.

މިހާތަނަށް ނިންމި ނިންމުންތަކުގެ ތެރެއިން ނުނިންމުނު ނުވަ ހާލަތަކީ ކޮބައިކަން ޕްރިމިއާ ލީގުން ހާމަ ނުކުރި ނަމަވެސް، ގޯސްކޮށް ނިންމުނު ހަތަރު ނިންމުން އާއްމުކުރިއެވެ.