ރައްޔިތުންގެ މަޖިލިސް މިއަހަރަށް ހުޅުވުމަށާއި ރައީސް ޑރ. މުހައްމަދު މުއިއްޒު ރިޔާސީ ބަޔާން އިއްވުމަށް ބާއްވާ ޖަލްސާއާ ދިމާކޮށް އިދިކޮޅު އެމްޑީޕީން އިހުތިޖާޖުކުރަން ނިންމައިފިއެވެ.

މަޖިލިސް ހުޅުވައި ރިޔާސީ ބަޔާން އިއްވުމަށް އަންނަ ބުރާސްފަތި ދުވަހަށް މަޖިލީހުގެ ޖަލްސާއެއް ބާއްވަން ވަނީ ތާވަލުކޮށްފައެވެ. ޖަލްސާ އޮންނާނީ އެ ދުވަހުގެ ހެނދުނު 9:00 ގައި ރައްޔިތުންގެ މަޖިލިސް ކުރާ ގޭގައެވެ.

އެމްޑީޕީން މިރޭ ވަނީ "ރިޔާސީ ބަޔާން އަޑުއަހަން އެންމެން މަޖިލިސް ދޮށަށް" ނަމުގައި މަޖިލީހުގެ އިދާރާ ކައިރީގައި އެ ދުވަހުގެ ހެނދުނު 9:00 ގައި އެއްވުމެއް އޮންނާނެކަން އިއުލާންކޮށްފައެވެ.

ބުރާސްފަތި ދުވަހު ރައީސް މުއިއްޒު އިއްވަވާނީ އެމަނިކުފާނުގެ ދެވަނަ ރިޔާސީ ބަޔާނެވެ. މި ޖަލްސާގައި ރިޔާސީ ބަޔާން އިއްވެވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ކިބައިން އެދިވަޑައިގަންނަވާނީ ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބުދުﷲއެވެ. ރައީސް މުއިއްޒު، ރައްޔިތުންގެ މަޖިލީހަށް ރިޔާސީ ބަޔާން އިއްވަވާ އިރު، އެ ޖަލްސާގެ ރިޔާސަތު ބަލަހައްޓަވާނީ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ އެވެ.

ރައީސް މުއިއްޒާއި އަބްދުއްރަހީމާ ދެމެދު އޮތް ގުޅުން ހީނަރުވެފައިވާ ކަމުގެ އަޑުތަކެއް މިދުވަސްވަރު ވަނީ ގަދަވެފައެވެ. އެ ވާހަކަތައް ދެކެވެން ފެށީ އަބްދުއްރަހީމުގެ ދަރިފުޅު، އިބްރާހިމް ފައިސަލް ޓޫރިޒަމް މިނިސްޓަރުގެ މަގާމުން ވަކިކުރެއްވުމަށް ރައީސް ނިންމެވުމާ ގުޅިގެންނެވެ.

ގާނޫނުއަސާސީގެ 84 ވަނަ މާއްދާގައި ބުނަނީ، ކޮންމެ އަހަރަކުމެ، ރައްޔިތުންގެ މަޖިލީހުގެ ފުރަތަމަ ދައުރުގެ ފުރަތަމަ ޖަލްސާގައި ގައުމުގެ ހާލަތު ބަޔާންކޮށްދީ އަދި ގައުމުގެ ހާލަތު އިތުރަށް ރަނގަޅުކުރުމަށްޓަކައި ކުރަން ޖެހޭ ކަންކަމާ ބެހޭ ސިޔާސަތުތައް ހާމަކުރައްވައި، ރައީސުލްޖުމްހޫރިއްޔާއަށް ފެނިވަޑައިގަންނަވާ ކަންތައްތަކުގެ މައްޗަށް އެކުލެވޭ ރިޔާސީ ބަޔާނެއް ރައީސުލްޖުމްހޫރިއްޔާ ރައްޔިތުންގެ މަޖިލީހަށް އިއްވަންވާނެ ކަމަށެވެ.

ރައީސުލްޖުމްހޫރިއްޔާ ރިޔާސީ ބަޔާން އިއްވެވުމުން މަޖިލިސް ރައީސް އެ ޖަލްސާ ނިންމަވައިލައްވާނެއެވެ.

ރައްޔިތުންގެ މަޖިލިސްގެ ގަވާއިދު ބުނާގޮތުން ރައީސުލްޖުމްހޫރިއްޔާ މަޖިލީހުގައި އިއްވަވާ ރިޔާސީ ބަޔާނަށް، އެވަގުތު މަޖިލީހުގައި ހިމެނޭ ސިޔާސީ ޕާޓީތަކުގެ ތެރެއިން، ރައީސުލްޖުމްހޫރިއްޔާ ނިސްބަތްވާ ޕާޓީ ފިޔަވައި ދެން އެންމެ ގިނަ މެންބަރުން ތިބި ޕާޓީތަކުގެ ފަރާތުން ދޭނެ ޖަވާބު ތައްޔާރުކޮށް، އެ ޖަވާބު މަޖިލީހުގެ ޖަލްސާއެއްގައި އިއްވަންވާނެއެވެ.

ރިޔާސީ ބަޔާން އިއްވަވާތާ 14 ދުވަހުގެ ތެރޭގައި ޖަވާބު ތައްޔާރުކޮށް މަޖިލިސް ޖަލްސާއެއްގައި އިއްވަންވާނެ ކަމަށްވެސް ގަވާއިދުގައި ވެއެވެ.

މިދިޔަ އަހަރުގެ ފަހު ދައުރުގެ މަސައްކަތް ނިންމައި މަޖިލިސް ޗުއްޓީއަށް ދިޔައީ މިދިޔަ ޑިސެމްބަރު މަހުގެ 12 ގައެވެ.