އަހަރުގެ މިހާތަނަށް ޓެކުހުގެ ގޮތުގައި ލިބުނު އާމްދަނީ މަދުވެފައިވާކަން ފިނޭންސް މިނިސްޓްރީގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.
ފިނޭންސް މިނިސްޓްރީން އެންމެ ފަހުން އާންމުކޮށްފައިވާ ކޮންމެ ހަފުތާއަކު ސަރުކާރަށް ލިބޭ އާމްދަނީ އާއި ކުރާ ހަރަދުގެ ރިޕޯޓުގައިވާ ގޮތުން 23 ޖަނަވަރީގެ ނިޔަލަށް އާމްދަނީ އާއި ހިލޭ އެހީގެ ގޮތުގައި ލިބިފައިވަނީ 1.3 ބިލިއަން ރުފިޔާއެވެ. އެއީ މިދިޔަ އަހަރުގެ އެ މުއްދަތާ އަޅައި ބަލާއިރު 15 ޕަސެންޓުގެ ދަށްވުމެކެވެ. މިދިޔަ އަހަރުގެ ޖަނަވަރީ 23 ވަނަ ދުވަހުގެ ނިޔަލަށް އާމްދަނީ އާއި ހިލޭ އެހީގެ ގޮތުގައި 1.6 ބިލިއަން ރުފިޔާ ލިބުނެވެ.
މި އަހަރަށް ފާސްކޮށްފައިވާ 56.6 ބިލިއަން ރުފިޔާގެ ބަޖެޓުގައި އާމްދަނީ އާއި ހިލޭ އެހީގެ ގޮތުގައި 39.7 ބިލިއަން ރުފިޔާ ލިބޭނެ ކަމަށް ޖަހާފައިވެ އެވެ.
ރިޕޯޓުން ދައްކާ ގޮތުން މި އަހަރުގެ މިހާތަނަށް ޓެކުހާއި ޓެކްސް ނޫން ގޮތް ގޮތުން ލިބުނު އާމްދަނީވެސް ވަނީ ދަށްވެފަ އެވެ.
އެގޮތުން ޖަނަވަރީ 23 ވަނަ ދުވަހުގެ ނިޔަލަށް ޓެކުހުގެ ގޮތުގައި ލިބިފައިވަނީ އެއް ބިލިއަން ރުފިޔާ އެވެ. މިދިޔަ އަހަރުގެ އެ މުއްދަތުގައި ލިބުނީ 1.3 ބިލިއަން ރުފިޔާއެވެ. އެއީ 17 ޕަސެންޓުގެ ދަށްވުމެކެވެ.
ޓެކްސް ނޫން ގޮތް ގޮތުން ޖަނަވަރީ 25 ވަނަ ދުވަހުގެ ނިޔަލަށް 275 މިލިއަން ރުފިޔާ ލިބުނު އިރު، އެއީ މިދިޔަ އަހަރުގެ އެ މުއްދަތުގައި ލިބުނު 307 މިލިއަން ރުފިޔާއަށްވުރެ 10 ޕަސެންޓް ދަށް އަދަދެކެވެ.
ޓެކުހުގެ ގޮތުގައި ލިބުނު އާމްދަނީ މަދުވި ނަމަވެސް ހިލޭ އެހީގެ ގޮތުގައި ލިބުނު އާމްދަނީ ވަނީ އިތުރުވެފަ އެވެ. އެގޮތުން ޖަނަވަރީ 23 ވަނަ ދުވަހުގެ ނިޔަލަށް ހިލޭ އެހީގެ ގޮތުގައި 4.2 މިލިއަން ރުފިޔާ ލިބިފައިވެ އެވެ. އެއީ މިދިޔަ އަހަރުގެ އެ މުއްދަތުގައި ލިބުނު 2.6 މިލިއަން ރުފިޔާއަށްވުރެ 61 ޕަސެންޓް އިތުރު އަދަދެކެވެ.
ޚަބަރު
ޚަބަރު
ޚަބަރު