ރައީސް ޑރ. މުހައްމަދު މުއިއްޒު ރައްޔިތުންގެ މަޖިލީހަށް ރިޔާސީ ބަޔާން މިއަންނަ ބުރާސްފަތި ދުވަހު އިއްވަވާއިރު އެ ޖަލްސާގެ ރިޔާސަތު ބަލަހައްޓަވާނީ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ކަމަށް މަޖިލީހުގެ އިދާރާއިން ބުނެފިއެވެ.

މަޖިލީހުގެ ސީނިއާ މީޑީއާ އޮފިސަރު އަހްމަދު މާން އަސްއަދު "ވަން" އަށް މިއަދު ވިދާޅުވީ ރިޔާސީ ބަޔާން އިއްވަވާ ޖަލްސާގެ ރިޔާސަތު ބަލަހައްޓަވާނީ މަޖިލީހުގެ ރައީސް ކަމަށެވެ. އެކަމަށް އަދި އެއްވެސް ބަދަލެއް އައިސްފައި ނުވާ ކަމަށް މާން ވިދާޅުވިއެވެ.

"ރިޔާސަތު ބަލަހައްޓަވާނީ މަޖިލީހުގެ ރައީސް، އެކަމަށް އިތުރު ބަދަލެއް އައިސްފައިވާކަން އަދި އެނގިފައެއް ނުވޭ" މާން ވިދާޅުވިއެވެ.

ރައީސް މުއިއްޒާއި އަބްދުއްރަހީމާ ދެމެދު އޮތް ގުޅުން ހީނަރުވެފައިވާ ކަމުގެ އަޑުތަކެއް މިދުވަސްވަރު ވަނީ ގަދަވެފައެވެ. އެ ވާހަކަތައް ދެކެވެން ފެށީ އަބްދުއްރަހީމުގެ ދަރިފުޅު، އިބްރާހިމް ފައިސަލް ޓޫރިޒަމް މިނިސްޓަރުގެ މަގާމުން ވަކިކުރެއްވުމަށް ރައީސް ނިންމެވުމާ ގުޅިގެންނެވެ.

ފައިސަލް، މަގާމުން ވަކިކުރެއްވުމާ ގުޅިގެން އަބްދުއްރަހީމް އޮންލައިން މީޑިއާކަށް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވެފައިވަނީ އޭނާއާއި ރައީސް މުއިއްޒާ ދެމެދު ކުރިން އޮތް އިތުބާރާއި ގުޅުން އޮތްނަމަ ފައިސަލް މަގާމުން ވަކި ނުކުރައްވާނެ ކަމަށެވެ.

"އަޅުގަނޑާއި ރައީސާ ދޭތެރޭ ގުޅުން ރަނގަޅު ނަމަ މިކަން ހިނގާނެ ކަމަށް ގަބޫލެއް ނުކުރަން، އަޅުގަނޑަކަށް އެއްވެސް ސަބަބެއް ނޭނގެ. އަޅުގަނޑަށް އެނގޭ ކަމަކީ އަޅުގަނޑުމެން ދެ މީހުންގެ ދޭތެރޭގައި މި ވެރިކަން ފެށުނުއިރު އޮތް ގާތްގުޅުމާއި އެ އިތުބާރާއި އެ ޔަގީންކަން އޮތްނަމަ މިގޮތަކަށެއް މިކަން ނުހިނގާނެ،" އަބްދުއްރަހީމް ވިދާޅުވެފައިވެއެވެ.

އަބްދުއްރަހީމް ވިދާޅުވެފައިވަނީ ފައިސަލް މަގާމުން ވަކިކުރައްވަން ޖެހޭ ސަބަބެއް ނޯންނާނެ ކަމަށެވެ.

މި މައްސަލަގަނޑުގެ ތެރެއިން ޕީއެންސީގެ ކަންކަމުން އަބްދުއްރަހީމް އެކަހެރިކޮށް، އޭނާ މަޖިލީހުގެ ރައީސްގެ މަގާމުން ވަކިކުރަން އުޅުނު ކަމުގެ އަޑުތަކެއް ވެސް ފެތުރުނެވެ.

ނަމަވެސް ޕީއެންސީގެ ޕާލިމެންޓްރީ ގްރޫޕު ލީޑަރު، އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހިމް ފަލާހު "ވަން" އަށް ވިދާޅުވެފައިވަނީ، މަޖިލީހުގެ ރައީސްގެ މަގާމުން އަބްދުއްރަހީމު ވަކިނުކުރާނެ ކަމަށެވެ. އަދި ޕާޓީގެ ކަންކަމުން ވެސް އަބްދުއްރަހީމް އެކަހެރިކޮށްފައިނުވާ ކަމަށެވެ.