މާލޭގެ ރޯޝަނީ މަގަށް ނަޖިސް ބޭރުވާ ގޮތަށް ހުރި ގެ ހޯދައި އެ ތަނުން މީހުން ހުސްކުރަން އެ ގޭގެ ވެރިފަރާތަށް މާލެ ސިޓީ ކައުންސިލުން މިއަދު އަންގައިފިއެވެ.
މަގުމައްޗަށް ނަޖިސް ބޭރުވާތީ، އެ ސަރަހައްދުގައި އުޅޭ މީހުންނަށް އެކަމުގެ އުނދަގޫ ބޮޑުވެ ކައުންސިލަށް ޝަކުވާ ހުށަހެޅީ މިދިޔަ ޑިސެމްބަރު މަހުގެ ތެރޭގައެވެ.
މާލެ ސިޓީ ކައުންސިލުން ބުނި ގޮތުގައި ރޯޝަނީމަގުގެ ޕޭވްމަންޓް މަތީގައި ހުރި ޖަންކްޝަނެއްގެ ތެރެއަށް ކައްކާފައި ބާކީ ހުންނަ ތެލާއި އެ ނޫންވެސް ތަކެތި އެޅޭ ގޮތަށް ހުރުމުގެ ސަބަބުން ޖަންކްޝަން ބެދި، ނުބައިވަސްދުވާ މައްސަލަ ދިމާވާތީ ކައުންސިލުން މަގުގެ ޕޭވްމަންޓް ނަގައިގެން ބެލިއިރު ނަޖިސް ބޭރުވާ ގޭގައި ހަދާފައި ހުރި ރިފާޒު ކެފޭގެ ޖަންކްޝަން ހޮޅި ހުރީ ޕޭމަންޓަށްދާ ގޮތަށް ކަމަށެވެ. ނަޖިސް ބޭރުވާ ގޭގައި ބިދޭސީންގެ އެކޮމަޑޭޝަން ބްލޮކެއްވެސް ހިންގަ އެވެ.
އެ ސަރަހައްދުގައި ހުންނަވައި ނޫސްވެރިންނާ ވާހަކަދައްކަވަމުން މާލޭގެ މޭޔަރު އާދަމް އާޒިމް ވިދާޅުވީ، އެ މައްސަލަ ހައްލުކުރަން އުޅޭތާ ދެ މަސް ދުވަސްވެފައިވާ ކަމަށާއި މައްސަލަ ހައްލުނުކުރެވި ގިނަ ދުވަސްވެފައިވަނީ ނަޖިސް ބޭރުވާ ސަަބަބު ހޯދުމުގައި ދަތިތަކެއް ހުރުމުން ކަމަށެވެ.
"އަޅުގަނޑުމެންނަށް މައުލޫމާތު ލިބުނީ އެތާ ހުރި ކެފޭއަކުން ނަޖިސް އަޅަނީއޭ، ކާނުގަނޑު ތެރެއަށް. އެ ދުވަހު އެއްވެސް ކަހަލަ ސިގްނަލެއް ނުލިބޭ ވަކި ދިމާއަކުން ދައުރުވަނީ ކަމަކަށް. ފުރިގެން މި އުޅެނީ ކޭބަލް ކާނުތަކެއް. ކޭބަލް ކާނުތަކުގެ ތެރެއަށް ނަޖިސް އެޅޭ ގޮތަށް ހަދާފައި މި ހުރީ." އާޒިމް ވިދާޅުވިއެވެ.
އާޒިމް ވިދާޅުވީ، އެ ގެއިން މީހުން ހުސްކޮށް، ބިދޭސީން ދިރިއުޅޭތަންވެސް ބަންދު ކުރަން އަންގާފައިވާ ކަމަށާއި ކެފޭ ހިންގުމާއި އެ ގޭގައި ދިރިއުޅެން ހުއްދަ ދެވޭނީ އެތަން ރަނގަޅު ކުރުމުން ކަމަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު