މި ހިނގާ މާލީ އަހަރު އިންޑިއާ އިން ރާއްޖެއަށް ހިލޭ އެހީގެ ގޮތުގައި 600 ކްރޯޑް ރުޕީސް (69 މިލިއަން ޑޮލަރު) ދޭން އެގައުމުގެ ބަޖެޓުގައި ހިމަނައިފިއެވެ.

އިންޑިއާގެ މާލީ އަހަރު ގުނަނީ ކޮންމެ އަހަރެއްގެ އެޕްރީލުން ޖެހިގެން އަންނަ އަހަރުގެ މާޗުގެ ނިޔަލަށެވެ.

އިންޑިއާގެ ފިނޭންސް މިނިސްޓަރު ނިރްމަލާ ސީތާރަމަން މިއަދު ވަނީ އިންޑިއާގެ 2026-2025 އަށް އެކުލަވާލާ ބަޖެޓު އެ ގައުމުގެ މަޖިލީހަށް ހުށަހަޅުއްވައިފައެވެ.

މިއަދު ހުށަހެޅި ބަޖެޓުގައިވާ ގޮތުން ރާއްޖެއަށް ވަނީ އެހީގެ ގޮތުގައި 69 މިލިއަން ޑޮލަރު (އެއް ބިލިއަން ރުފިޔާ) ކަނޑައަޅައިފައެވެ.

މިދިޔަ އަހަރު 2024-2025 ގެ ބަޖެޓުގައި އިންޑިއާއިން އެންމެ ފުރަތަމަ ރާއްޖެއަށް ހިލޭ އެހީގެ ގޮތުގައި ދޭން ނިންމީ 72 މިލިއަން ޑޮލަރު (833 މިލިއަން ރުފިޔާ) އެވެ. ނަމަވެސް އެ އަހަރަށް ބަޖެޓްގައި ރާއްޖެއަށް ކަނޑައަޅާފައިވަނީ 54 މިލިއަން ޑޮލަރު (833 މިލިއަން ރުފިޔާ) އެވެ. އެއީ ލަފާކުރި އަދަދަށް ވުރެ 18 މިލިއަން ޑޮލަރު ދަށް އަދަދެކެވެ.

ބަޖެޓުގައިވާ ގޮތުން މި ހިނގާ މާލީ އަހަރު އެންމެ ގިނައިން ހިލޭ އެހީ ދޭނެ ގައުމަކީ ބޫޓާނެވެ. އެއީ 248 މިލިއަން ޑޮލަރެވެ. ދެވަނަ އަށް ނޭޕާލަށް އެންމެ ބޮޑު އެހީއެއް ދޭއިރު، އެގައުމަށް ދޭން ނިންމާފައިވަނީ 80 މިލިއަން ޑޮލަރެވެ. ރާއްޖެއަކީ އިންޑިއާއިން ތިން ވަނައަށް އެންމެ ގިނަ ހިލޭ އެހީ ދޭނެ ގައުމެވެ.

މީގެ އިތުރުން އަފްގާނިސްތާން، ބަންގްލަދޭޝް، ސްރީ ލަންކާ އަދި މޮންގޯލިއާ އާއި ސީޝެލްސް އާއި މިޔަންމާ އާއި މޮރީޝަސްއަށް ވެސް އެހީ ފޯރުކޮށްދޭން އިންޑިއާގެ ބަޖެޓުގައި ވަނީ ހިމަނައިފައެވެ.