ހޯކްސްގެ ކުންފުނީގެ ބޯޓަކުން ރާއްޖެއަށް 200 މާސްޓާ ކާޓޫން މެންޗެސްޓާ ސިނގިރޭޓް ސިއްރުން އެތެރެ ކުރި މައްސަލައިގައި ފުލުހުންނާއި ކަސްޓަމުން ގުޅިގެން ތަހުގީގު ކުރަން ފަށައިފިއެވެ.

ފުލުހުން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނީ މި މައްސަލައިގައި ތުހުމަތު ކުރެވެނީ ދަ ހޯކްސް ޕްރައިވެޓް ލިމިޓެޑްގެ ފޮރިންގޮއިން އުޅަނދެއް ކަމަށްވާ ދަ ހޯކްސް ޖަވާހިރު ބޯޓުން މި ސިނގިރޭޓްތައް ރާއްޖެއަށް އެތެރެކޮށްފައިވާ ކަމަށެވެ.

"މި މައްސަލައިގެ ތަހުގީގު ބިނާވެފައިވަނީ މައިގަނޑު ދެ ކުށެއްގެ މައްޗަށެވެ. އޭގެ ތެރޭގައި ހިމެނެނީ ކަސްޓަމްސްގެ ގާނޫނު (ގާނޫނު ނަންބަރު 08/2011) ގެ 97 ވަނަ މާއްދާގެ ދަށުން ދިވެހިރާއްޖެއަށް ސިއްރުން މުދާ އެތެރެކުރަން އުޅުމުގެ ކުށާއި، މަނީ ލޯންޑްރިން އަދި ޓެރަރިޒަމަށް ފައިނޭންސް ކުރުން ހުއްޓުވުމުގެ ގާނޫނު (ގާނޫނު ނަންބަރު 10/2014) ގެ 53 ވަނަ މާއްދާގެ ދަށުން މަނީ ލޯންޑްރިން ކުށެވެ." ފުލުހުން ބުންޏެވެ.

"މިހާތަނަށް ބެލި ބެލުމުން އެނގިފައިވާ ގޮތުގައި، 2024 އޮކްޓޯބާ 24 ވަނަ ދުވަހު ރާއްޖެއަށް އައި ދަ ހޯކްސް ޖަވާހިރު ބޯޓުން މި ސިނގިރޭޓްތައް ބޯޓުގެ މެނިފެސްޓުގައި ނުހިމަނައި ރާއްޖެއަށް ގެނެސްފައިވެއެވެ. އަދި 2024 އޮކްޓޫބަރު 25 ވަނަ ދުވަހުގެ ރޭގަނޑުގެ ވަގުތެއްގައި ކ. ތިލަފުށީގައި ހުންނަ ހޯކްސް ބޯޓު ޔާޑުގެ ޖެޓީއަށް މި ސިނގިރޭޓްތައް ބާލައިގެން ސިއްރުން ދިވެހިރާއްޖެއަށް ވަނީ އެތެރެކޮށްފައެވެ."

ރާއްޖޭގައި ތެޔޮ ވިއްކުމުގެ ވިޔަފާރިކުރާ ހޯކްސްގެ ބޯޓަކުން ގިނަ އަދަދަކަށް ސިނގިރޭޓް އެތެރެކުރުމުން، ކަސްޓަމްސް އިން އެތަކެތި ހިފަހައްޓާފައިވަނީ، އޮޅުވާލައިގެން ގަވާއިދާ ހިލާފަށް ރާއްޖެ އެތެރެކުރުމުންނެވެ. ކަސްޓަމުން އެތަކެތި ހިފަހައްޓައިފައިވަނީ 2024 އޮކްޓޫބާ 25ގަ އެވެ.

ކަސްޓަމްސްގެ މީޑިއާއިން އެކަމާ ގުޅިގެން 2024 އޮކްޓޫބާ 27 ގައި ބުނެފައިވަނީ، ރާއްޖެއަށް ސިއްރުން އެތެރެކުރަން އުޅުނީ ގާތްގަނޑަކަށް 1.695 މިލިއަން ސިނގިރޭޓް ސްޓިކްސް ކަމަށެވެ.

މިހާރު އަމަލުކުރާ އެކްސްޕޯޓް އިމްޕޯޓްގެ ގާނޫނުގެ ދަށުން އެއީ ފަސް މިލިއަން ރުފިޔާގެ ޓެކްސްއެވެ. އަދި މިހާރު ރައްޔިތުންގެ މަޖިލީހުގައި އޮތް އެ ގާނޫނުގެ އިސްލާހުގައިވާ ރޭޓުން ނަމަ، އެއީ 13.5 މިލިއަން ރުފިޔާގެ ޓެކްސްއެވެ.

ހޯކްސް އެކަމާ ގުޅިގެން ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ އެ ކުންފުންޏަކީ ރާއްޖެއަށް ތެޔޮ އެތެރެކޮށް ތެލުގެ ވިޔަފާރި ކުރާ ކުންފުންޏެއް ކަމަށެވެ. ވަގަށް ސިނގިރޭޓް އެތެރެކުރި މައްސަލައަކީ ކުންފުނީގެ ވެރިންނަށް އެނގިގެން ހިނގި ކަމެއް ނޫން ކަމަށާއި އެކަމާއި ގުޅިގެން ތުހުމަތުވާ މުވައްޒަފުންނަށް ފިޔަވަޅު އަޅައިފައިވާ ކަމަށެވެ.