ޗައިނާ އާއި ރާއްޖެއާ ދެމެދު އޮންނަ ގުޅުން އިތުރަށް ވަރުގަދަ ކުރަން ޖެހޭ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ޗައިނާގެ އާ އަހަރުގެ މުނާސަބަތާ ގުޅިގެން ޗައިނާގެ ރައީސް ޝީ ޖިންޕިންއަށާއި އެ ގައުމުގެ ރައްޔިތުންނަށް ރައީސް ވަނީ ތަހުނިޔާ ފޮނުއްވައިފައެވެ.

ރައީސް ފޮނުއްވި މެސެޖްގައި ވިދާޅުވީ ރާއްޖެއިން "ވަން ޗައިނާ" ޕޮލިސީއަށް ވަރަށް ބޮޑު އިސްކަމެއް ދެއްވާ ކަމަށާއި ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހިކުރަން ޖެހޭ ކަމަށެވެ. އަދި "ޗައިނާ މޯލްޑިވްސް ކޮމްޕްރިހެންސިވް ސްޓްރެޓީޖިކް ކޯޕަރޭޓިވް ޕާޓްނާޝިޕް" އިތުރަށް ހަރުދަނާ ކުރުމުގެ މުހިންމުކަމުގެ މައްޗަށް ވެސް ރައީސްގެ މެސެޖުގައި އަލިއަޅުއްވާލައްވައިފައާ ކަމަށް ރައީސް އޮފީހުން ބުންޏެވެ.

ރައީސް އެކްސްގައި މިއަދު ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ މިއަހަރަކީ ޗައިނާގެ ރައްޔިތުންނަށް ފާގަތިކަމާއި ރަނގަޅު ސިއްހަތަކާއި އުފާވެރިކަން ގެނެސްދޭ އަހަރަކަށް ވެގެންދާނެ ކަމަށް އެ މަނިކުފާނު އުންމީދުކުރައްވާ ކަމަށެވެ.

ޗައިނާ އާއި ރާއްޖެއާ ދެމެދު އޮންނަ ޒަމާންވީ ގާތް ރަހުމަތްތެރިކަމުގެ މައްޗަށް އަލިއަޅުއްވާލައްވައި، ރައީސް ވިދާޅުވީ ޗައިނާއާ އެކު އޮތް ގާތް އަދި ދެމެހެއްޓެނިވި ރަހުމަތްތެރިކަން ރާއްޖެއިން އަބަދު ވެސް ބަލައިގަންނަ ކަމަށެވެ.

އެ މަނިކުފާނު ވިދާޅުވީ ރާއްޖެ އާއި ޗައިނާ ގުޅިގެން، އެއްބަޔަކު އަނެއް ބަޔަކަށް އިހުތިރާމްކޮށް، ދެ ގައުމުގެ ދެމެދު ހިއްސާކުރާ އުންމީދުތަކުގެ މައްޗަށް ވަރުގަދަ ޕާޓްނާޝިޕެއް ބިނާކުރެވިފައިވާ ކަމަށެވެ. ޗައިނާއިން އާ އަހަރަށް މަރުހަބާ ކިޔާއިރު ދެ ގައުމުގެ ބަދަހި ގުޅުން އިތުރަށް ވަރުގަދަވެ، ދެ ގައުމަށް ވެސް އިތުރު ފައިދާތަކެއް ލިބޭނެ ކަމަށް އުންމީދުކުރައްވާ ކަމަށް ރައީސް ވިދާޅުވިއެވެ.

ރާއްޖެ އާއި ޗައިނާއާ ދެމެދު ހާރިޖީ ގުޅުން ގާއިމުކޮށްފައިވަނީ 14 އޮކްޓޯބަރި 1972 ގައެވެ.