ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ އިންޓަނެޓް ބޭންކިން މެދުވެރިކޮށް، ރިސޯޓު، ހޮޓެލް، ގެސްޓްހައުސް އަދި ފަތުރުވެރިކަމުގެ ދާއިރާއާ ގުޅުންހުރި އެހެނިހެން ވިޔަފާރިތަކުން ބޭރު ފައިސާ މާރުކުރުމަށް އެކުލަވާލައިފައިވާ ގާނޫނާއި ގަވައިދާ އެއްގޮތަށް ބޭރު ފައިސާ މާރުކުރެވޭ ގޮތަށް ހަމަޖައްސައިފިއެވެ.
ބީއެމްއެލް އިން މިއަދު ބުނީ، މި ހިދުމަތަކީ ފޮރިން ކަރަންސީ އެކްޓް (32/2024) އަދި އެމްއެމްއޭގެ ކަރަންސީ ރެގިއުލޭޝަން (2024/R-91) އާ އެއްގޮތްވާ ގޮތުގެ މަތިން ފެށި ހިދުމަތެއް ކަމަށެވެ.
ބީއެއެމްއެލް އިން ބުނީ މި ޕްލެޓްފޯމްގެ ޒަރީއާއިން ވިޔަފާރިތަކަށް ފޮރިން ކަރަންސީ އެކްޓް (32/2024) އަދި އެމްއެމްއޭގެ ކަރަންސީ ރެގިއުލޭޝަން (2024/R-91) ގެ ދަށުން މާރުކުރަން ޖެހޭ (މެންޑޭޓަރީ އެކްސްޗޭންޖް) ހުރިހާ މުއާމަލާތެއް ފަސޭހަކަމާއެކު ޓްރެކްކޮށް ރިވިއު ކުރުމަށް އެކްޓިވިޓީ ރިޕޯޓުން ފެންނާނެ ކަމަށެވެ.
މި ޕްލެޓްފޯމު މެދުވެރިކޮށް ބޭންކަށް ޑޮލަރު މާރުކުރާނީ (ބޭންކުން ޑޮލަރު ގަތުން) 15.42 ރުފިޔާ އަށް ކަމަށްވެސް ބީއެމްއެލް އިން ބުންޏެވެ.
ބީއެމްއެލް އިން އިތުރަށް ބުނީ، މި އޮންލައިން ޕްލެޓްފޯމް ގާއިމުކުރުމުގެ މަގުސަދަކީ ފަތުރުވެރިކަމުގެ ދާއިރާގެ ވިޔަފާރިތަކަށް ލާޒިމްކޮށްފައިވާ ބޭރު ފައިސާ މާރުކުރުމަށް މަގުފަހިކޮށްދީ، ވީހާވެސް ފަސޭހަކަމާއެކު މި ހިދުމަތް ލިބޭނެ ގޮތް ހެދުން ކަމަށެވެ.
އިތުރު މައުލޫމާތު: https://www.bankofmaldives.com.mv/mandatory-exchange
ޚަބަރު
ޚަބަރު
ޚަބަރު