ރާއްޖޭގެ އެންމެ ބޮޑު، އެންމެ ޝަރަފުވެރި ފުޓްސަލް މުބާރާތް، ގޯލްޑަން ފުޓްސަލް ޗެލެންޖް 2025 ގެ އދ. އަތޮޅުގެ ޗެމްޕިއަންކަން މަންދޫން ހޯދައިފިއެވެ.

ގޯލްޑަން ފުޓްސަލް ޗެލެންޖްގެ އަތޮޅު ބުރުގެ އެންމެ ފޯރިގަދަ ހިސާބަށް މެޗުތައް ގޮސްފައިވާ އިރު، ރޭ ކުޅުނު އދ. އަތޮޅު ފައިނަލުގައި މަންދޫން، އެ އަތޮޅު މިދިޔަ އަހަރުގެވެސް ޗެމްޕިއަން މަހިބަދޫ ބަލިކުރީ 2-1 ގެ ނަތީޖާއަކުންނެވެ. މިއީ މަންދޫން ފައިނަލު ކުޅުނު ފުރަތަމަ ފަހަރެވެ. އެޓީމުން ތަށްޓާއެކު ހޯދި ތާރީހީ ކާމިޔާބީއާއެކު މެޗަށްފަހު ވަރަށް ބޮޑަށް އުފާފާޅުކޮށްފައިވެއެވެ.

ރޭ ކުޅުނު ފައިނަލް މެޗުގައި ފުރަތަމަ ގޯލު ޖަހައި ލީޑު ނެގީ މަހިބަދޫންނެވެ. އެޓީމުން މެޗުގެ އަށްވަނަ މިނެޓުގައި ލީޑު ނެގީ އާދަމް ފަހުމާން ޖެހި ގޯލުންނެވެ. އޭނާ ގޯލު ޖެހީ އަރިމަތިން އަބްދުﷲ މިދުހަތު ފަހުމީ (ބިޗަޑް) ހުރަސް ކޮށްލި ބޯޅައަކުންނެވެ.

އެ ގޯލަށް މާ ގިނައިރެއް ނުވެ، މަންދޫން ރައްދު ދިނެވެ. އެޓީމުން ކައުންޓާގެ ފުރުސަތެއްގައި މެޗު އެއްވަރުކުރީ ހަސަން އިރުޝާދު ޖެހި ގޯލުންނެވެ.

އެ ނަތީޖާއާއެކު މެޗުގެ ދެވަނަ ހާފު މެދާ ހަމައަށް ދާންދެން ދެޓީމުންވެސް ދިޔައީ މެދުކެނޑުމެއް ނެތި މޮޅުވާން މަސައްކަތް ކުރަމުންނެވެ. އެ މަސައްކަތް މަންދޫން ކާމިޔާބުކުރީ 30 ވަނަ މިނެޓުގައެވެ. އެޓީމު މޮޅުކޮށްދިން ގޯލު ޖެހީ، އދ. އަތޮޅު އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދި އިބްރާހީމް އިމްރާން (އިއްމި) އެވެ.

މެޗަށްފަހު ތަށިދީފައިވާ އިރު، އދ. އަތޮޅު އެންމެ ގިނަ ގޯލު ޖެހި ކުޅުންތެރިޔަކީ ދަނގެތީގެ މުހައްމަދު ނާއިމް އެވެ.

ގޯލްޑަން ފުޓްސަލް ޗެލެންޖް 2025 ގައި ޖުމުލަ 129 ޓީމަކުން ވާދަކުރަމުން އަންނަ އިރު، އަތޮޅު ބުރުގެ އިތުރު މެޗުތައް މިރޭވެސް ފޯރިއާއެކު ކުރިއަށްދާނެ އެވެ.

މިއަހަރުގެ މުބާރާތުގެ ޕީއާރް ޕާޓްނަރަކީ "ވަން ސްޕޯޓްސް"އެވެ.

20:00

ގްރައުންޑް 1: ކ. މާފުށި - ކ. ގުރައިދޫ (އަތޮޅު ސެމީ ފައިނަލް)

ގްރައުންޑް 2: ކ. ކާށިދޫ - ކ. ގާފަރު (އަތޮޅު ފައިނަލް)

21:30

ގްރައުންޑް 1: ގދ. ގައްދޫ - ގދ. ވާދޫ (އަތޮޅު ފައިނަލް)

ގްރައުންޑް 2: ރ. ދުވާފަރު - ރ. އިނގުރައިދޫ (އަތޮޅު ފައިނަލް)

22:30

ގްރައުންޑް 1: ނ. ހޮޅުދޫ - ނ. މިލަދޫ (އަތޮޅު ފައިނަލް)

ގްރައުންޑް 2: ސ. ފޭދޫ - ސ. ހިތަދޫ (އަތޮޅު ފައިނަލް)