"ދަ ގާޑަންސް" ޕްރޮޖެކްޓު ނިންމިފައިނުވާތީ ވަކި މުއްދަތެއް ދިނުމަށްފަހު، އެއްބަސްވުން ބާތިލުކުރާނެ ކަމުގެ އެންމެ ފަހުގެ ނޯޓިސް ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ޖާހު އިންވެސްޓްމެންޓް ޕްރައިވެޓް ލިމިޓެޑަށް ދީފިއެވެ.
ޖައުސާ ކޮންސްޓްރަކްޝަންގެ މަސްލަހަތު އޮންނަ ރިއަލް އެސްޓޭޓް ކުންފުނި، ޖާހު އިންވެސްޓްމަންޓުގެ ފަރާތުން ހުޅުމާލޭގައި 2017 ވަނަ އަހަރު ތަރައްގީކުރަން ފެށި "ދަ ގާޑަންސް" ޕްރޮޖެކްޓް ނިންމުމަށްޓަކައި އެކި ފަހަރު މަތިން އެ ކުންފުންޏަށް ވަނީ މުއްދަތު އިތުރުކޮށްދީފައެވެ.
އެ މައްސަލައިގައި އެޗްޑީސީން މިއަދު ނެރުނު ބަޔާނުގައި ބުނީ މިއަދާ ހަމައަށް ޖާހު އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން އެ ޕްރޮޖެކްޓް ނިންމާފައި ނުވުމުގެ ސަބަބުން އެޗްޑީސީ އާއި ޖާހު އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑާ ދެމެދު ސޮއިކޮށްފައިވާ އެއްބަސްވުން ބާތިލުކުރުމުގެ އެންމެ ފަހު މަރުހަލާގެ ދަށުން ދެވޭ ގާނޫނީ ނޯޓިސް ދިނުމަށް އެ ކުންފުނީގެ ބޯޑުން ނިންމައި އެ ނޯޓިސް މިއަދު ފޮނުވާފައިވާ ކަމަށެވެ.
ނޯޓިސް ދީފައިވާ 45 ދުވަހުގެ ތެރޭގައި ޖާހު އިންވެސްޓްމަންޓުގެ ފަރާތުން އެ ޕްރޮޖެކްޓުގެ ނުނިމި ހުރި މަސައްކަތްތައް ނުނިންމާ ހާލަތުގައި އެއްބަސްވުން ބާތިލުކޮށް އެ ޕްރޮޖެކްޓް އެ ކުންފުނީގެ އަތުން ނަގާގޮތަށް ކަމަށް އެޗްޑީސީން ބުންޏެވެ.
އެޗްޑީސީން ބުނީ އެ ފިޔަވަޅު އަޅާފައިމިވަނީ ޖާހު އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑަށް އެޕާޓްމަންޓް ގަތުމަށް ފައިސާ ދައްކާފައިވާ ފަރާތްތަކަށް ވީ އެންމެ އަވަހަށް އެޕާޓްމަންޓުތައް ހަވާލުކުރެވޭނެ މަގުފަހިކުރުމުގެ ބޭނުމުގައި ކަމަށެވެ.
ހުޅުމާލޭގައި މެދުފަންތީގެ ހައުސިން މަޝްރޫއު ހިންގުމަށް 2017 ވަނަ އަހަރު ޖާހު އިންވެސްޓްމަންޓާ ހަވާލުކޮށްފައިވާ ހައުސިން މަޝްރޫއުގެ އެއްބަސްވުމުގެ ދަށުން އެ މަޝްރޫއު ނިންމަން ދިނީ ދެ އަހަރެވެ. ނަމަވެސް މަޝްރޫއު ނުނިމި ހަތް އަހަރަށްވުރެ ގިނަ ދުވަސްވެފައިވާ އިރު، ޖާހު މެދުވެރިކޮށް އެ ތަނުން އެޕާންޓްމަންޓުތައް ގަތް ފަރާތްތަކުގެ ޝަކުވާ ވަނީ ބޮޑުވެފައެވެ. އަދި މަޝްރޫއުގެ މަސައްކަތްކުރުމަށް ގެނެސްފައި ތިބި ބިދޭސީ މުވައްޒަފުންނަށް މުސާރަ ނުދީ، އެ މުވައްޒަފުންގެ ޕާސްޕޯޓުތައް ހިފެހެއްޓުމުގެ މައްސަލަތަކެއް ވެސް ވަނީ ފެންމަތިވެފައެވެ.
ޖާހުން މީގެ ކުރިން ބުނެފައިވާ ގޮތުން އެ މަޝްރޫއުގެ މަސައްކަތް ނުނިމި ލަސްވީ ކޮވިޑް-19ގެ ސަބަބުން މުވައްޒަފުންނާއި މަސައްކަތަށް ބޭނުންވާ ތަކެތި ގެނައުމަށް ދިމާވި ދަތިތަކާ ހެދިއެވެ. އެޗްޑީސީން ހަތަރު ފަހަރަށް މުއްދަތު އިތުރުކޮށްދީގެންވެސް އެ މަސައްކަތް ނިންމާލެވިފައި ނުވާ އިރު، 2023 ވަނަ އަހަރުގެ ޖޫން މަހުގެ ތެރޭގައި އެޗްޑީސީން ވަނީ އެޕާޓްމެންޓުތަކުގެ މަސައްކަތް ނިންމައި، ބިމުގެ އަގު ދެއްކުމަށް ޖާހު ކުންފުންޏަށް 30 ދުވަހުގެ ނޯޓިހެއް ދީފައެވެ. ނަމަވެސް އެ މުއްދަތުގައިވެސް އެ މަސައްކަތް ނިންމައިފައެއް ނުވެއެވެ.
އެޗްޑީސީން 2023 ވަނަ އަހަރުގެ ޖުލައި މަހު ބުނެފައިވަނީ، މަސައްކަތް ނިންމުމަށް ދިން ހުރިހާ މުއްދަތެއް ފަހަނައަޅައި ދިޔައިރުވެސް އެ މަސައްކަތް ނިންމާފައި ނުވާތީ އެ މަޝްރޫއު ނިންމުމުގެ މަސައްކަތާ އެ ކުންފުނިން ހަވާލުވެފައިވާ ކަމަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު